ބޭރުން ލިބޭ ފައިސާ މަދުވަމުންދާނަމަ، ބޭރު ފައިސާ ވިއްކުމުގައި ވަގުތީ ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް

މީހަކު ޑޮލަރު ނަގަނީ: ބީއެމްއެލްއަށް ބޭރުން ލިބޭ ފައިސާއަށް ވުރެ ފޮނުވާ ފައިސާ އިތުރުވެ، ވަގުތީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެފައިވޭ -- ފޮޓޯ/ ބީއެމްއެލް

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ކްރެޑިޓްކާޑާއި ޑެބިޓްކާޑުގެ މުޢާމަލާތްތަކަށް ބޭރުން ލިބޭ ފައިސާ ދަށްވެފައިވާ ކަމަށާއި، އެގޮތަށް ދަށްވަމުންދާނަމަ ބޭރު ފައިސާ ވިއްކުމުގައި ވަގުތީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް އެ ބެންކުން މިއަދު ބުނެފިއެވެ.

ބީއެމްއެލްއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ނަތީޖާއާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ހަނގުރާމައާ ގުޅިގެން ފެބްރުއަރީ 28އިން ފެށިގެން ފަތުރުވެރިންގެ ބުކިންތައް ކެންސަލްވެ، ރާއްޖެ އަންނަ ފަތުރުވެރިން ހޭދަކުރާ މިންވަރު ދަށްވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ކްރެޑިޓް ކާޑާއި ޑެބިޓްކާޑުގެ މުޢާމަލާތްތަކަށް ބޭރުން އަންނަ ފައިސާ މި މަހުގެ މިހާތަނަށް ގާތްގަނޑަކަށް ތިންބައިކުޅައެއްބައި ދަށްވެފައިވާ ކަމަށް ބެންކުން ބުންޏެވެ.

ހަމައެއާއެކު، އެ މުއްދަތުގައި މުދާ އެތެރެކުރުމަށާއި ބޭރުގެ ޚިދުމަތްތަކަށް ރާއްޖޭން ބޭރަށް ފޮނުވާ ފައިސާގެ މިންވަރު ދެގުނަ އިތުރުވެފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެ ބަދަލުތަކަށް ބަލާއިރު، ރާއްޖެއިން ބޭރުން އެ ބޭންކު މެދުވެރިކޮށް އަންނަ ފައިސާއަށްވުރެ، ބެންކް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ ވަރަށް ބޮޑަށް އިތުރު ވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ފަތުރުވެރިންތަކެއް: ހަނގުރާމައާ ގުޅިގެން ފަތުރުވެރިން ޚަރަދު ކުރާ މިންވަރު މަދުވިކަން ބެންކުން ފާހަގަކުރި ---- ފޮޓޯ/ އެމްއޭސީއެލް

އެ ބެންކުން ބުނީ، އެފަދަ ގޮންޖެހުންތަކާއެކު ވެސް، ބޭންކުން ދަނީ ބޭރު ފައިސާގެ މުއާމަލާތްތައް ހަރުދަނާކޮށް މެނޭޖްކުރަމުން ކަމަށެވެ. އެގޮތުން މި މަހުގެ ފުރަތަމަ 15 ދުވަހު އެކަނި ވެސް ކާބޯތަކެއްޗާއި މުހިންމު މުދާ އެތެރެކުރުމަށް، ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމަށް 25 މިލިއަން ޑޮލަރަށްވުރެ ގިނައިން ބޭންކުން ވަނީ ބޭރު ފައިސާ ވިއްކާފައިކަން ބީއެމްއެލްއިން ފާހަގަކުރިއެވެ.

އެއީ ފުރަތަމަ ކުއާޓަރުގެ އެވަރެޖަށްވުރެ މާ މަތީ ޢަދަދެއްގެ އިތުރުން، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ދެގުނަ އިތުރު ޢަދަދެއްކަން ބެންކުން ހާމަކުރިއެވެ.

މީގެ އިތުރުން، ކްރެޑިޓް ކާޑާއި، ޑެބިޓް ކާޑުތަކުގެ މުޢާމަލާތްތަކަށް ބޭރު ފައިސާ ވިއްކި ޢަދަދުވެސް ވަރަށް ބޮޑަށް އިތުރުކޮށްފައިވާކަމަށް ބީއެމްއެލްއިން ބުންޏެވެ. އެގޮތުން މި މަހުގެ ފުރަތަމަ 15 ދުވަހު 22 މިލިއަން ޑޮލަރު ވިއްކި ކަމަށް އެ ބޭންކުން ބުންޏެވެ.

ރާއްޖެއިން ބޭރުން އަންނަ ފައިސާ މަދުވާމިންވަރު އިތުރުވެގެން ދާނަމަ، ނިސްބަތުން އެއާ އެއްވަރަކަށް ބޭރު ފައިސާ ވިއްކާ ޢަދަދަށް ވަގުތީ ގޮތުން އަޅަންޖެހިދާނެ ފިޔަވަޅެއް މެނުވީ، ބޭންކުން މަސައްކަތް ކުރާނީ މެދުނުކެނޑި ވިޔަފާރިތަކާއި އާންމު ފަރުދުންގެ މުހިންމު ބޭނުންތަކަށް ބޭރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ބޭންކް އޮފް މޯލްޑިވްސް

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރަށް ބަދަލުތައް އައިސް ތަކެތީގެ އަގު ދަނީ އުފުލެމުންނެވެ. ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއް ކަމަށްވާއިރު، ވިޔަފާރިތަކާއި ފަރުދުންނަށް ވެސް ޑޮލަރުގެ ބޭނުން ވަރަށް ބޮޑަށް ޖެހެއެވެ.

https://sun.mv/220835

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވަނީ ރާއްޖޭގެ އިގުތިސާދީ ދާއިރާ ހަރުދަނާކުރުމަށްޓަކައި މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ބީއެމްއެލް ގުޅިގެން ބޭރު ފައިސާ ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިފައިވާ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ވަނީ، ރާއްޖޭގެ އިގުތިސާދު ހުއްޓުނަ ނުދިނުމަށް، ސަރުކާރުގެ ފަރާތުން ކޮށްގެން ކޮށްދެވެން ހުރި ކަންތައްތައް ބީއެމްއެލް މެދުވެރިކޮށް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް