ބައިވެރިވެވޭ މުބާރާތްތަކުގެ އަދަދު ހިމެނޭހެން، ސްކޫލް ކުޅިވަރު މުބާރާތްތަކަށް ބަދަލުތަކެއް ގެންނަން މަޝްވަރާކުރަނީ

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓާ އޮފް ޔޫތް އެމްޕަވަމެންޓް ސްޕޯޓްސް އެންޑް ފިޓްނެސް އަބްދުﷲ ރާފިއު --- ފޮޓޯ: ރައީސް އޮފީސް

ސްޕޯޓްސް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން، ސްކޫލް ކުދިންނަށް ބައިވެރިވެވޭ ކުޅިވަރު މުބާރާތްތަކުގެ އަދަދު ކަނޑައެޅުމަށާއި، ކުޅިވަރު މުބާރާތްތައް ކުރިއަށްގެންދާނެ އާ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ. މި ބަދަލުތައް ގެނައުމަށްޓަކައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއެކު ކޮމެޓީއެއް އެކުލަވާލައި، މުހިންމު މަޝްވަރާތަކެއް ދަނީ ކުރެވެމުންނެވެ. ކުދިން ކުޑައިރު ގިނަ ކުޅިވަރުތަކެއް ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން، ވަކި އުމުރުފުރާތަކަކަށް މުބާރާތްތައް ފެސްޓިވަލް އުސޫލުން ކުރިއަށްގެންދިއުމަށް ވަނީ ހުށަހަޅާފައެވެ. އަދި ވާދަވެރި ފެންވަރެއްގައި ކުޅޭނެ އުމުރުފުރާތައް ވަކިން ކަނޑައެޅުމަށްވެސް ވަނީ ނިންމާފައެވެ. މީގެ މައިގަނޑު ބޭނުމަކީ ކުދިން ކުޑައިރު ގިނަ ކުޅިވަރުތަކަކަށް އަހުލުވެރިކޮށް، އޭގެ ތެރެއިން އެންމެ އެކަށީގެންވާ ކުޅިވަރެއްގައި ކުރިއަށްދިއުމުގެ މަގު ފަހިކޮށްދިނުމެވެ.

  • ސްކޫލް ކުދިންނަށް ބައިވެރިވެވޭ މުބާރާތްތަކުގެ އަދަދު ކަނޑައެޅުމަށް މަޝްވަރާކުރުން.
  • އެޑިއުކޭޝަން މިނިސްޓްރީއާއި އެސޯސިއޭޝަންތަކާއެކު ކޮމެޓީތަކެއް އެކުލަވާލުން.
  • ފެސްޓިވަލް އުސޫލުންނާއި ވާދަވެރި އުސޫލުން ކުޅޭނެ އުމުރުފުރާތައް ކަނޑައެޅުން.
  • އިންޓަ ސްކޫލް ނުވަތަ ރާއްޖެ ޖޫނިއާގެ ނަމުގައި މުބާރާތް ބޭއްވުމާމެދު ގޮތެއް ނިންމުން.

ކުދިންނަށް ބައިވެރިވެވޭ މުބާރާތްތަކުގެ އަދަދު ހިމެނޭހެން، ސްކޫލުތަކުގެ ކުޅިވަރު މުބާރާތްތައް ވަކި ގޮތަކަށް ބާއްވަން ބޭނުންވާކަމަށް މިނިސްޓާ އޮފް ޔޫތް އެމްޕަވަމެންޓް ސްޕޯޓްސް އެންޑް ފިޓްނެސް އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެއްވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދާދި ފަހުން އެޑިއުކޭޝަން މިނިސްޓަރީއާއި ހުރިހާ ނެޝެނަލް އެސޯސިއޭޝަންތަކާ ބައްދަލުކޮށްފައިވާނެ ކަމަށެވެ. އަދި އެސޯސިއޭޝަންތަކުގެ މެދުގައި ކޮމެޓީއެއް އެކުލަވާލައި، އެ ކޮމެޓީއާއި އެޑިއުކޭޝަން މިނިސްޓްރީގެ ކޮމެޓީއަކާއެކު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ބައްދަލުވުންތަކުގައި ސްކޫލްތަކުގެ ސްޕޯޓްސް ސިސްޓަމް މިއަހަރު ތެރޭގައި ކުރިއަށްގެންދާނެ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރެވުނުއިރު މި އަހަރަކީ އެހެން އަހަރުތަކާއި ތަފާތު އަހަރެއްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިއަހަރު މިއޮތް އެކަޑަމިކް ދުވަސްތައް ވީހާވެސް ދިގުކުރެވޭނެ ގޮތަށް އެހެންނަމަވެސް، ކުޅިވަރު ކުޅޭނޭ ގޮތަކީ ކޮބައިކަމާއި، އަޅުގަނޑުމެންނަށް މުބާރާތްތައް ބޭއްވޭނީ ކިހިނެއްކަމާއި، މިކަންކަން އަޅުގަނޑުމެން ތެރޭގައި ޑިސްކަސް ކުރެވިގެންދިޔަ. މި މަޝްވަރާތައް މިހާރުވެސް މިދަނީ ކުރިއަށް،ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު

ނަމަވެސް މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގެ މުބާރާތްތައް ނުބާއްވާ ގޮތަށް މަޝްވަރާކުރެވިފައި ނުވާކަމަށެވެ. އެއާޚިލާފަށް މުބާރާތް ބާއްވާނީ 'އިންޓަ ސްކޫލް'ގެ ނަމުގައިތޯ ނުވަތަ 'ރާއްޖެ ޖޫނިއާ'ގެ ނަމުގައިތޯ މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވިއެވެ.

ރާފިއު ވަނީ ސާކިއުލާއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާއެކު މަޝްވަރާކުރަމުން ގެންދާކަމަށާއި އަދި މާދަން އެސޯސިއޭޝަންތަކާއެކު މިނިސްޓްރީއިން އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގެ ކުޅިވަރު މުބާރާތްތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށްދާނެ ކަމަށާއި އެކަން ވަކި ގޮތަކަށް ނިންމަން ވެސް ބޭނުންވާ ކަމަށެވެ. އެގޮތުން ފެސްޓިވަލް ސްޓައިލަށް ކުޅެމުން ދާނީ ކޮން އުމުރުފުރައަކުން ފެށިގެންތޯ މަޝްވަރާ ކުރަން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮން އޭޖް ގުރޫޕަކުންތޯ ފެސްޓިވަލް ސްޓައިލަށް ކުޅެމުންދާނީ، ކޮން އޭޖް ގުރޫޕަކުންތޯ އިންޓަ ސްކޫލް މުބާރާތްތައް ކޮމްޕެޓިޓިވް ލެވެލްއެއްގައި ކުޅެމުންދާނީ. މިއީ އަޅުގަނޑުމެން ޑިސްކަސް ކުރަން ބޭނުންވާ ކަމަކީ ވެސް. އަދި މީގެ ތެރޭގައި ކުދިންނަށް ކިތައް ކުޅިވަރުގައިތޯ ބައިވެރިވެވޭނީ،ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު

މިނިސްޓަރު ވިދާޅުވީ މިކަމުގެ ބޭނުމަކީ ކުއްޖާ ކުޑައިރުއްސުރެ، އެކި ކުޅިވަރުތަކުގައި ބައިވެރިކުރުވުން ކަމަށެވެ.

ކުޑައިރު އެކި ކުޅިވަރުތަކުގައި ކުދިން ބައިވެރިކުރަންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ވާދަވެރި ލެވެލްއެއްގައި ގެންދަން ބަލާއިރު ވަކި އުމުރުފުރައެއް ކަނޑައަޅަން ޖެހޭކަމަށެވެ.

comment ކޮމެންޓް