ބޭނުންވަނީ ސިޔާސީ މުވައްޒަފުން ވީ އެންމެ މަދުކުރަން، ކުންފުނިތަކުގައި ސިޔާސީ މީހުން ތިބެގެން ނުވާނެ: ރައީސް

ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ، ބޭނުންފުޅީ ސިޔާސީ މަގާމުތައް ވީހާ ވެސް މަދުކުރަން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އަދަދު ވީ އެންމެ ބޮޑަކަށް މަދުކުރުމަށް ނިންމަވާފައެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ވަކިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކުންފުނިތަކަށް މުވައްޒަފުން ނަގާނީ އިޢުލާނުކޮށްގެން ކަމަށާއި ސިޔާސީ ގޮތުން ކުންފުނިތަކަށް މީހުން އައްޔަނުކުރުން ހުއްޓާލުމަށް ވަނީ ނިންމަވާފައެވެ.

  • ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުން
  • ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރުން
  • ކުންފުނިތަކަށް ސިޔާސީ މީހުން އައްޔަނުނުކުރުން
  • ތަޢުލީމީ ފެންވަރަށް ބަލައިގެން ސިޔާސީ މަޤާމުތަކަށް މީހުން އައްޔަނުކުރުން

ބޭނުންފުޅުވަނީ ސިޔާސީ މަގާމުތަކުގެ އަދަދު ވީ އެންމެ މަދުކުރަން ކަމަށާއި ކުންފުނިތަކުން ވެސް 33 އިންސައްތަ މުވައްޒަފުން މަދުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، ރިފަރެންޑަމް ވޯޓަށް ފަހު ސަރުކާރުން ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ފަށާފައެވެ. އޭގެ ތެރޭގައި، ކެބިނެޓުގައި ކުރިން ތިއްބެވި 10 މިނިސްޓަރުން އެއް ދުވަހެއްގައި އިސްތިއުފާދެއްވުން ހިމެނެއެވެ. އެއަށް ފަހު، ބައެއް މިނިސްޓްރީތައް އެއްކޮށްލާ ކެބިނެޓުގެ ޖުމުލަ ސައިޒް ވަނީ 15 އަށް ކުޑަކޮށްފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އައްޔަންކޮށްފައި ތިބި ސިޔާސީ މުވައްޒަފުންގެ ތެރެއިން ޕާފޯމަންސްއަށް ބެލުމަށް ފަހު، ވީ އެންމެ ގިނަ މުވައްޒަފުންނެއް ކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އެކަމަކު، އެކަން ކުރާނީ ވަކި އަދަދެއް ހަމަކުރަން ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/220693

އެ މަސައްކަތުގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު ވެސް މަދުކުރަން ކޮންމެ ކުންފުންޏަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރަން ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެކަން ވެސް ކުރާނީ ޕާފޯމަންސްއަށް ބެލުމަށް ފަހުގައި ކަމަށް ސަރުކާރުން ބުނެއެވެެ.

"ސަރުކާރުގެ ޕޮލިޓިކަލް މަގާމުތަކުގައި އެ ކަހަލަ ޕަސެންޓޭޖެއް އޮތީއަކީ ނޫން. އެކަމަކު ހަމަ [ޓާގެޓަކީ] ވީ އެންމެ ކުޑައެއް ކުރުން، ޕާފޯމަންސް ބޭސްޑްކޮށް ބަލާފައި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ކުންފުނިތަކަށް މުވައްޒަފުން ނަގަން ވާނީ އިއުލާނުކޮށްގެން ކަމަށެވެ.

"އެއްވެސް ވަރަކަށް ސިޔާސީ ރޫޓަކުން ނުވަތަ ސިޔާސީ ވިސްނުމެއްގައި ވަކި މީހަކު ބުނެގެން އައްޔަންކުރާ މީހަކު ހުރެގެން ނުވާނެ އެއްވެސް މަގާމަކަށް، މީގެ ފަހުން އެއްވެސް ކުންފުންޏެއްގައި،" ރައީސް އިއުލާނުކުރެއްވިއެވެ.

https://sun.mv/220647

އެކަމަކު، ކުރިން ވެސް އޮންނަ ގޮތަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މިނިސްޓްރީތަކަށް ސިޔާސީ މުވައްޒަފުން އައްޔަންކުރެއްވޭނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންވިޔަސް އެކަން ކުރައްވާނީ ކޮންމެހެން ކުރަންޖެހޭ ހާލަތެއްގައި އެކަނި، ތައުލީމާއި ތަޖުރިބާއަށް ބައްލަވާފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ގޮތުން، ސްޓޭޓް މިނިސްޓަރަކު އައްޔަންކުރައްވާ ނަމަ މާސްޓާސް ޑިގްރީއެއް އޮތްތޯ ބައްލަވާނެ ކަމަށާއި އަދި ޑެޕިއުޓީ މިނިސްޓަރަކު އައްޔަންކުރައްވާނަމަ އެ ދާއިރާއަކުން ޑިގްރީއެއް އޮތްތޯ ބައްލަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކުންފުނިތަކުގެ އިތުރުން މުޅި ސަރުކާރުގެ ސައިޒް ވެސް ކުޑަކުރަން އަންނަނީ މަސައްކަތްކުރަމުންނެވެ. އެއީ، "ރައްޔިތުންގެ ވިންދާ އެއްގޮތަށް" ސަރުކާރުން ހިންގަން ގެންނަވާ ބަދަލެއް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް