ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް އެންގުމާ ގުޅިގެން، އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލޭނެތީ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދު ބޭރުކޮށްލައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދެވެ.
މި މައްސަލަ ބަހުސަށް ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލަން ފާސްވީ 39 މެންބަރުން ބަހުސް ކުރުމާ ދެކޮޅަށް ވޯޓު ދެއްވުމުންނެވެ.
މި މައްސަލައިގައި ބުނެފައި ވަނީ ރާއްޖޭގެ އިގުތިޞާދު ދަށްވެ، ރައްޔިތުންނަށް ދަތިވަމުންދާ ވަގުތެއްގައި ގިނަ ބަޔަކު ވަޒީފާއިން ވަކިކުރުމަކީ އާއިލާތަކަށް ސީދާ މާލީ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށެވެ. މީގެ އިތުރުން:
- އެއްފަހަރާ ގިނަ ބައެއްގެ ވަޒީފާ ގެއްލުވައިލުމުން، އާއިލާތަކަށް ނޭދެވޭ އަސަރުކޮށް މުޖުތަމައުގެ ގިނަ ބަޔަކު ނަފްސާނީ ބަލީގެ ޝިކާރައަކަށް ވުމުގެ ބިރު އޮތްކަން
- ސަރުކާރުގެ ނާގާބިލްކަމާއި ހަރުދަނާ ސިިޔާސަތެއް ނެތި ކުރާކަންކަމުގެ ސަބަބުން ދިމާ ދައްޗާއި ބުރަ ރައްޔިތުން އުފުލަންޖެހޭކަން
- ޕްރައިވެޓް ސެކްޓާގައި ވަޒީފާތައް އުފެދިފައި ނުވަނީސް ވަޒީފާތަކުން ކަނޑައިލުމަކީ ދައުލަތުން އެނގިތިބެ ރައްޔިތުންނަށް ޖައްސާ ތުރާލެއްކަން ހާމަވާކަން
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވި ގޮތުގައި ސަރުކާރު ކުންފުނިތަކުގައި 42,000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް އަންދާޒާ ކުރެވެއެވެ. އެ އަދަދުން ބަލާއިރު، ސަރުކާރުން ނިންމާފައިވާ ގޮތަށް 33 ޕަސެންޓު މުވައްޒަފުން މަދުކޮށްފި ނަމަ، 13,000 އަށް ވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލުމުގެ ބިރު އެބައޮތެވެ.
ސަރުކާރުން މި ފިޔަވަޅު އަޅަން ނިންމީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ.
ޕީސީބީ މެދުވެރިކޮށް ކުންފުނިތަކަށް އަންގާފައި ވަނީ ހިންގުމުގެ ހަރަދު ކުޑަކުރުމަށް މުވައްޒަފުންގެ އަދަދު މަދުކުރުމަށާއި، ކޮންމެހެން ބޭނުން ނުވާ ވަޒީފާތަކަށް މީހުން ނުނެގުމަށެވެ.
ނަމަވެސް މަޖިލީހަށް ހުށަހެޅި މައްސަލާގައި ބާރުއަޅާފައި ވަނީ ދައުލަތުގެ ހަރަދު ކުޑަކުރަން ފަށަންވާނީ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްގެން ނޫން ކަމަށެވެ.
އޭގެ ބަދަލުގައި ސިޔާސީ މަގާމުތަކާއި އެހެނިހެން ބޮޑެތި ހަރަދުތައް ކުޑަކުރުމަށް މައްސަލާގައި ގޮވާލާފައިވެ އެވެ. ރާއްޖޭގެ އަމިއްލަ ސެކްޓަރުގައި އެކަށީގެންވާ ވަރަށް ވަޒީފާ އުފެދިފައި ނުވަނީސް މިފަދަ ފިޔަވަޅެއް އެޅުމަކީ ބޮޑު ނުރައްކަލެއް ކަމަށްވެސް މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.