ދެހާހަށްވުރެ ގިނަ ފަތުރުވެރިންނާއެކު ބޮޑު ދެ ކްރޫޒްލައިނާއެއް އިއްޔެ މާލޭ ކައިރި ބަނދަރުކޮށްފިއެވެ.
މި ދެ ބޯޓުން ރާއްޖެ އައި ފަތުރުވެރިންނަށް ބޭނުންވާ އިމިގްރޭޝަން ކްލިއަރެންސްގެ ޚިދުމަތްތައް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ފޯރުކޮށްދީފައެވެ.
އިއްޔެ ރާއްޖެއަށް ބަނދަރުކުރި ފުރަތަމަ ބޯޓަކީ އިންޑިއާގެ ކޮޗިން އިން ފުރައިގެން މާލެ އައި "އަޒަމާރާ އޮންވާޑް" އެވެ. މި ބޯޓުގައި 583 ފަތުރުވެރިންނާއި 388 ފަޅުވެރިން ހިމެނެއެވެ.
އިމިގްރޭޝަންގެ ސީޕޯޓް ޑިވިޜަންގެ އޮފިސަރުން ވަނީ މި ބޯޓު ރާއްޖެއަށް ދަތުރުކުރަމުން ދިޔަ ވަގުތު ބޯޓަށް އަރައި އިމިގްރޭޝަން ކްލިއަރެންސްގެ ޚިދުމަތް ފޯރުކޮށްދީފައެވެ.
މީގެ އިތުރުން، ތައިލެންޑުގެ ފުކެޓުން ފުރައިގެން ރާއްޖެ އައި "އެމްއެސް ނޯވީޖިއަން ސަން" ވެސް އިއްޔެ ވަނީ މާލެއަށް ބަނދަރުކޮށްފައެވެ. މި ބޯޓަކީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު އައި ބޯޓެކެވެ.
އެގޮތުން މި ބޯޓުގައި 1،816 ފަތުރުވެރިންނާއި 902 ފަޅުވެރިން ތިބި ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ. މި ބޯޓުގެ ފަސިންޖަރުންނާއި ފަޅުވެރިންނަށް ވެސް އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަންގެ އޮފިސަރުން ވަނީ ދަތުރުމަތީގައި ކްލިއަރެންސްގެ ޚިދުމަތްތައް ފޯރުކޮށްދީފައެވެ.
ގިނަ އަދަދެއްގެ ކްރޫޒްލައިނާތައް ރާއްޖެ އަންނައިރު، އެއިން އަންނަ ފަތުރުވެރިން މާލެއަށް ފައިބައި، މާލޭގެ ބިނާތަކާއި ބާޒާރުމަތީގެ ސަރަޙައްދުތަކަށް ޒިޔާރާތްކޮށް ހަދައެވެ. މިއީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް މަންފާ ކުރާނެ ކަމެކެވެ.