އަތިރިމަތިން 'ހޮވި'ކަމަށް ބުނާ ރާފުޅިތަކާ އެކު ޖަލު ހުކުމެއް

ގދ. ފަރެސްމާތޮޑާ

މި މައްސަލައަކީ 2024 ވަނަ އަހަރު ގދ. ފަރެސްމާތޮޑާގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކުރިއިރު ފެނުނު ރާފުޅިތަކަކާ ގުޅިގެން ހިންގުނު ޝަރީޢަތެކެވެ. ދައުވާ ލިބުނު ފަރާތުން އެއީ އަތިރިމަތިން ހޮވި އެއްޗެއްކަމަށް ބުނި ނަމަވެސް، އެކަން ސާބިތުކޮށްދެވިފައެއް ނުވެއެވެ. މި މައްސަލައިގައި ދައުލަތުން އުފުލި ހުއްދަ ނަގައިގެން ކުރަންޖެހޭކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ކޯޓުން ވަނީ އެމީހާގެ މައްޗަށް އެއް މަހާއި 27 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

  • ގދ. ފަރެސްމާތޮޑާގެ ގެއަކުން ފެނުނު ރާފުޅިތަކެއްގެ މައްސަލައިގައި މީހަކަށް ޖަލު ހުކުމެއް އިއްވުން
  • އަތިރިމަތިން ހޮވި ފުޅިތަކެއް ކަމަށް ބުނި ނަމަވެސް އެކަން ސާބިތުކޮށްދެވިފައި ނުވުން
  • ބަންދުގައި ހުރި 15 ދުވަސް އުނިކުރުމަށްފަހު އެއް މަހާއި 27 ދުވަހުގެ ޖަލު ހުކުމެއް އިއްވުން
  • ޤާނޫނުލްއުޤޫބާތުގެ ދަށުން ހުއްދަނެތި ބަނގުރާ ގެންގުޅުމަކީ މަނާ ކަމެއްކަން

އަތިރިމަތިން ހޮވިކަމަށް ބުނި ރާފުޅިތަކެއްގެ މައްސަލައިގައި މީހެއްގެ މައްޗަށް ޖަލު ހުކުމެއް އިއްވައިފިއެވެ.

މިއީ، 2024 ވަނަ އަހަރުގެ ތެރޭގައި ގދ. ގައްދޫ މީހަކު، ގދ. ފަރެސްމާތޮޑާ، ފަރެސް އަވަށުގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ގެ ބަލައި ފާސްކުރިއިރު، ގެއިން ރާފުޅިތަކެއް ފެނުނު މައްސަލައެވެ.

މި މައްސަލައިގައި ދައުލަތުން، އެ ގައްދޫ މީހާއާ ދެކޮޅަށް އުފުލާފައިވަނީ ހުއްދަ ނަގައިގެން ކުރަންޖެހޭކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އުފުލާފައިވަނީ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގައެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ކޯޓު އަމުރަކާ އެކު ފުލުހުން އެ މީހާގެ ގެ ބަލައި ފާސްކުރިއިރު އެ ގެއިން ރާ ފުޅިތަކެއް ފެނުނެވެ. އެ މީހާ ޝަރިއަތުގައި ބުނި ގޮތުގައި އެ ރާފުޅިތަކަކީ އަތިރިމަތިން ހޮވި އެއްޗެކެވެ.

އެކަމަކު, އެހެން ބުނާ ބުނުން ފިޔަވައި އެކަން ސާބިތުކޮށްދެވޭނެ އެހެން ހެއްކެއް އޭނާއަށް ދެއްކިފައިނުވާއިރު، އެ ފުޅިތަކުގައި ރާ ހުރިކަން ފުލުހުންވަނީ ސާބިތުކޮށްދީފައެވެ.

ހެކިބަހާ އެކު ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމުން، އެކަމުގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށް ދައުވާ ލިބުނު ފަރާތުންވަނީ ޝަރިއަތުގައި ބުނެފައެވެ. އެކަމަކު، މައްސަލައާ ގުޅިގެން ތަހުގީގު މުއްދަތުގައި ބަންދުކޮށްފައި ހުރި މުއްދަތު، ހުކުމުން އުނިކޮށްދޭން އޭނާވަނީ ޝަރިއަތުގައި އެދިފައެވެ. އެއީ, 15 ދުވަހެވެ.

މި މައްސަލައިގައި އެ މީހާގެ މައްޗަށް އިއްވާފައިވަނީ އެއް މަހާއި 27 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ ބަންދުކޮށްފައި ހުރި މުއްދަތު އުނިކުރުމުން ދެން އެ މީހާ ތަންފީޒުކުރަން ޖެހޭ މުއްދަތެވެ.

ހުއްދަނެތި ބަނގުރާ ގެންގުޅުމަކީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން ކުށެކެވެ. ޤާނޫނުލްއުޤޫބާތުގެ ގެ 617 ވަނަ މާއްދާގެ ދަށުން، އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ އެއްޗެއް (ބަނގުރާ ނުވަތަ އޫރުމަސް ފަދަ ތަކެތި) ބުއިމަކީ ނުވަތަ ކެއުމަކީ ކުށެކެވެ. އަދި, ހުއްދަ ނޫން ގޮތަކަށް ބަނގުރާ ގެންގުޅުމާއި، އުފެއްދުމާއި، ގަނެވިއްކުމާއި، ބެހުމަކީ ވެސް މި މާއްދާގެ ދަށުން މަނާކޮށްފައިވާ ކަންކަމެވެ.

ބަނގުރާ ގެންގުޅުމުގެ ކުށަކީ އާންމުގޮތެއްގައި ޖުނަހްގެ ދަރަޖައިގެ ކުށެކެވެ. ދިވެހިރާއްޖެއަށް ބަނގުރާ އެތެރެކުރުމާއި، ގެންގުޅުމާއި، ބޭނުންކުރުމަކީ ހަމައެކަނި ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ ދަށުން ދޫކުރެވޭ ޚާއްޞަ ހުއްދައެއް ނުވަތަ ލައިސަންސެއް އޮވެގެން ނޫނީ މަނާކަމެކެވެ. މިފަދަ ހުއްދައެއް ނެތި ބަނގުރާ ގެންގުޅޭ މީހަކު އެކުރަނީ ޤާނޫނީ ގޮތުން މަނާ ކުށެކެވެ.

comment ކޮމެންޓް