ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2.7 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމުން ބުނީ މި ތަކެއްޗަކީ ނިމުނު ޖޫން މަހުގެ 29 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއަށް އެތެކުރަން މަސައްކަތްކޮށްފައިވާ ތަކެތި ކަމަށެވެ.
އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް މި ތަކެތީގެ ބަރުދަނުގައި 3.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހުންނާނެ ކަމަށް ކަސްޓަމުން ވަނީ ލަފާކޮށްފައެވެ. އެ ޚިދުމަތުން ކުރި ތަހުލީލުން މި ތަކެތީގެ ތެރޭގައި 740 ގުރާމުގެ ކެނެބިސް އަދި 2،796 ގުރާމުގެ ހަޝިޝް އޮއިލް ހުރިކަން ދެނެގަނެވިފައިވާ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.
ކަސްޓަމުން ބުނީ މި ތަކެތީގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށެވެ.
ކަސްޓަމުން މިއަދު ވަނީ ޕޯސްޓް މެދުވަރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށްވެސް ބުނެފައެވެ.
އެ ތަކެއްޗަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ތަކެތި ކަމަށާއި އެ ޚިދުމަތުން ކުރި ތަހުލީލުތަކުން އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯންކަން ދެނެގަނެވިފައިވާ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.
މި ދެ މައްސަލައިގައި ވެސް އިތުރު ތަފްސީލެއް ކަސްޓަމުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން މި ތަކެތި އެތެރެކޮށްފައި ވަނީ ކޮން ގައުމަކުންކަން ނުވަތަ މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ވެސް އަދި އެނގިފައެއް ނުވެއެވެ.