ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.
މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން އަތުލައިގަތް ތަކެއްޗެވެ.
ކަސްޓަމުން ބުނީ މި ތަކެއްޗަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ތަކެތި ކަމަށެވެ. އެ ޚިދުމަތުން ކުރި ތަހުލީލުތަކުން މިއީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ސިންތެޓިކް ކެތިނޯން ކަން ދެނެގަނެވިފައިވާ ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.
މި ތަކެތީގެ ބަރުދަނުގައި 3.6 ކިލޯގްރާމް ހުރިކަމަށް އެ ޚިދުމަތުން ވަނީ ބުނެފައެވެ.
މި ތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ދިވެހި ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް އެ ޚިދުމަތުން ވަނީ އަންދާޒާކޮށްފައެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ކަސްޓަމުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން މި ތަކެތި އެތެރެކޮށްފައިވަނީ ކޮން ގައުމަކުންކަން، ނުވަތަ މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ވެސް އަދި އެނގިފައެއް ނުވެއެވެ.
އާންމު އުސޫލުގެ މަތިން ކަސްޓަމްސްއިން އަތުލައިގަންނަ މަސްތުވާތަކެތީގެ މައްސަލަތައް އިތުރަށް ތަހުގީގުކުރުމަށް ޓަކައި އެ ތަކެތި ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރާނެއެވެ.