ގޮނޑިގެއްލޭ އިސްލާހު: އެދުނު ވަގުތީ އަމުރުތައް ނެރެނުދިން

މައްސަލަ ހުށަހެޅުއްވި އަލީ ހުސައިނާއި ވަކީލް ޝީނާ އަދި މައްސަލައަށް ތަދައްޚުލްވި އެމްޑީޕީގެ ވަކީލުން ---

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި، އެކަމާ ގުޅިގެން ނެރެދިނުމަށް އެދުނު ދެ ވަގުތީ އަމުރު ނެރެދެވެން ނެތްކަމަށް އެ ކޯޓުން ވަނީ ނިންމަވާފައެވެ. މި މައްސަލަ ހުށަހެޅުއްވި އަލީ ހުސައިންގެ ފަރާތުން އެދިފައިވަނީ، މައްސަލައިގައި ވަކި ގޮތެއް ނިމެންދެން މަޖިލީހުގެ އެއްވެސް މެންބަރަކު ވަކިނުކުރުމަށް އަންގާ އަމުރަކަށާއި، ފަނޑިޔާރުންނާ ދެކޮޅަށް ސުލޫކީ އަދި ޖިނާއީ ފިޔަވަޅުތައް އެޅުން ހުއްޓުވުމަށް އަންގާ އަމުރަކަށެވެ. ނަމަވެސް ކޯޓުން މި އަމުރުތައް ނެރެދީފައިނުވަނީ، ފުރަތަމަ އަމުރުގެ ސަބަބުން މައިގަނޑު މައްސަލައަށް އަސަރުކޮށްފާނެތީއާއި، ދެވަނަ އަމުރަކީ ފަނޑިޔާރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމަކަށްވާތީއެވެ. މި މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.

  • ސުޕްރީމް ކޯޓުން ވަގުތީ އަމުރުތައް ނެރެދެވެން ނެތްކަމަށް ނިންމުން
  • މެންބަރުން ވަކިނުކުރުމަށާއި ފަނޑިޔާރުންނަށް ފިޔަވަޅު ނޭޅުމަށް އެދިފައިވުން
  • މައިގަނޑު މައްސަލައަށް އަސަރުކޮށްފާނެތީ ފުރަތަމަ އަމުރު ނެރެނުދިނުން
  • މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި، ނެރެދޭން އެދުނު ވަގުތީ ދެ އަމުރު ވެސް ނެރެނުދޭން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައިގައި، މައްސަލަ ހުށަހެޅި އަލީ ހުސައިންގެ ފަރާތުން ދެ ވަގުތީ އަމުރަކަށް އެދުނެވެ. އެއީ:

  • މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން، މިހާރު ގެނެސްފައިވާ އިސްލާހުގެ ދަށުން އެއްވެސް މެންބަރަކު ވަކިކޮށްގެން ނުވާނެ ކަމުގެ އަމުރެއް.
  • ސުޕްރީމް ކޯޓުން މައްސަލައިގައި ގޮތެއް ނިންމަންދެން ފަނޑިޔާރެއްގެ އެއްވެސް ސުލޫކީ މައްސަލައެއް ނުވަތަ ޖިނާއީ ތަހުގީގެއް ހިންގައި، ފަނޑިޔާރުން ވަކިކުރުމުގެ އެއްވެސް ފިޔަވަޅެއް ނޭޅުމުގެ އަމުރެއް.

"ސަން"އަށް މައުލޫމާތު ދެއްވަމުން އަލީ ހުސައިންގެ ވަކީލު ޝީނާ މުޙައްމަދު ވިދާޅުވީ ފުރަތަމަ މައްސަލައިގައި ވަގުތީ އަމުރެއް ނެރެނުދޭން ނިންމީ، އެ ކަމުގައި ގޮތެއް ނިންމައިފިނަމަ މި މައްސަލައިގެ މައުޟޫއާ މެދު ނިންމާ ނިންމުމަށް އަސަރުކޮށްފާނެތީ ކަމަށް ބުނެ ކަމަށެވެ.

ދެވަނަ މައްސަލައިގައި އަމުރު ނެރެނުދޭން ނިންމީ، އެއީ ފަނޑިޔާރުންގެ ޒާތީކަމެއްގައި އަމިއްލައަށް ގޮތް ނިންމަންޖެހޭތީކަމަށް ބުނެ ކަމަށް ވެސް ވަކީލް ޝީނާ ވިދާޅުވިއެވެ.

ނަމަވެސް މި ދެ މައްސަލައިގައި ވެސް ވަގުތީ އަމުރު ނެރެނުދޭން ނިންމި ސަބަބު ހާމަކުރިއިރު އެކަށީގެންވާ މިންވަރަށް ސުޕްރީމް ކޯޓުން ތަފްސީލް ދީފައިނުވާ ކަމުގެ ކަންބޮޑުވުން އޭނާ ވަނީ ފާޅުކުރައްވައިފައެވެ.

https://sun.mv/220627

އެންމެފަހުން މި މައްސަލައިގެ އަޑުއެހުމެއް އޮތީ މި މަހުގެ 14ވަނަ ދުވަހެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފައެވެ.

މި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ މިއީ ގާނޫނުއަސާސީއާ ޚިލާފު އިސްލާހެއް ނޫން ކަމަށާއި، މިއީ މަޖިލީހަށް ލިބިގެންވާ ބާރުގެ ދަށުން ގެނައި އިސްލާހެއް ކަމަށެވެ. ނަމަވެސް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ މިއީ ރައްޔިތުންގެ ބާރަށް އެޅޭ ހުރަހެއް ކަމަށެވެ. އެންމެ ފަހުން އޮތް އަޑުއެހުމުގައި އުއްތަމަފަނޑިޔާރު ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ.

comment ކޮމެންޓް