ގޮނޑިގެއްލޭ އިސްލާހު: ވަގުތީ އަމުރާމެދު ގޮތެއް ނުނިންމާ، ކަމެއް ސާފުކުރަން ނެތްނަމަ އަޑުއެހުންތައް ނިންމާލައިފި

ސުޕްރީމް ކޯޓުގައި ގޮނޑިގެއްލޭ އިސްލާހުގެ މައްސަލަ ބައްލަވާ ހަތް ފަނޑިޔާރުންގެ ބެންޗު --

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފައެވެ. މި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ މިއީ ގާނޫނުއަސާސީއާ ޚިލާފު އިސްލާހެއް ނޫން ކަމަށާއި، މިއީ މަޖިލީހަށް ލިބިގެންވާ ބާރުގެ ދަށުން ގެނައި އިސްލާހެއް ކަމަށެވެ. ނަމަވެސް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ މިއީ ރައްޔިތުންގެ ބާރަށް އެޅޭ ހުރަހެއް ކަމަށެވެ. އުއްތަމަފަނޑިޔާރު ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި، ވަގުތީ އަމުރާމެދު ގޮތެއް ނިންމުމަށްފަހު އަންގަވާނެ ކަމަށެވެ.

  • މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލުން
  • ވަގުތީ އަމުރަކާ މެދު އަދި ގޮތެއް ނިންމާފައިނުވުން
  • ދައުލަތުން މިއީ ގާނޫނުއަސާސީއާ އެއްގޮތް އިސްލާހެއްކަމަށް ބުނުން
  • މައްސަލަ ހުށަހެޅި ފަރާތުން މިއީ ރައްޔިތުންގެ ބާރަށް ހުރަސްއެޅޭ ކަމެއްކަމަށް ބުނުން
  • އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ އިތުރު އަޑުއެހުމެއް ނޯންނާނެކަން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި، ވަގުތީ އަމުރަކާ މެދު ގޮތެއް ނުނިންމައި ސުޕްރީމް ކޯޓުން މިއަދު އަޑުއެހުންތައް ނިންމާލައިފިއެވެ.

މި މައްސަލައިގެ އަޑުއެހުމެއް، އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ 17ގައެވެ. އަދި، ދައުލަތުގެ ބަންޑާރަނައިބުގެ ހުށަހެޅުމާ ދެކޮޅަށް، އެ މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ކޯޓުން ނިންމައި، 26 ފެބްރުވަރީއަށް އަޑުއެހުމެއް ތާވަލުކުރިއެވެ.

މި އަޑުއެހުން ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް، ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމުން އަޑުއެހުން ކެންސަލްވިއެވެ. އެއީ ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރެވެ. އެ ބޭފުޅުން ސަސްޕެންޑުކުރީ، އެ ތިން ބޭފުޅުންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލާ ކަމަށް ބުނެއެވެ.

އޭގެ ފަހުން ސުއޫދު މަގާމުން އިސްތިއުފާ ދެއްވިއެވެ. އަދި މަޖިލީހުން ވަނީ އަޒްމިރަލްދާއާއި މަހާޒަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތެއް ނުދީ، ދެ ބޭފުޅުން މަގާމުން ވަކިކޮށްފައެވެ.

މިއަދު މި މައްސަލައިގެ އަޑުއެހުމެއް އޮތްއިރު އުއްތަމަ ފަނޑިޔާރު ހިމެނޭހެން އެ ކޯޓުގެ ބެންޗަށް ބޮޑު ބަދަލެއް ވަނީ އައިސްފައެވެ. ނަމަވެސް ކުރީގެ ފަނޑިޔާރުން މި މައްސަލަ ބެލޭނެކަމަށް ނިންމެވި ނިންމެވުމާ އެއްގޮތަށް މިހާރުގެ ބެންޗުން ވެސް ވަނީ މައްސަލަ ކުރިއަށް ގޮސްފައެވެ.

މައްސަލަ ހުށަހެޅުއްވި އަލީ ހުސައިނާއި ވަކީލް، އަދި މައްސަލައަށް ތަދައްޚުލްވި އެމްޑީޕީގެ ވަކީލުން ---

މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވީ، ގާނޫނު ހެދުމާއި ގާނޫނުއަސާސީ އިސްލާހުކުރުމަކީ މަޖިލީހަށް ލިބިފައިވާ ބާރެއް ކަމަށާއި، މި އިސްލާހަކީ އިޖުރާއަތުތަކާ އެއްގޮތަށް ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. އަދި ފްލޯ ކްރޮސިން ނުވަތަ ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް "އެންޓި ޑިފެކްޝަން" ގާނޫނެއް އޮތުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ބަލައިގެންފައިވާ މުހިންމު ކަމެއްކަން ބަންޑާރަނައިބުގެ އޮފީހުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ހާލަތުގައި ވެސް، އެކަމާ މެދު ޚިލާފެއް އުފެދިއްޖެ ނަމަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮތުމަކީ މެންބަރުންނަށް ލިބޭ އިތުރު ރައްކާތެރިކަމެއް ކަމަށާއި، މިއީ މަޖިލިސް މެންބަރުން އަމިއްލައަށް އެ މެންބަރުންގެ މައްޗަށް ނިންމެވި ނިންމެވުމެއް ކަމަށް ދައުލަތުން ބުންޏެވެ.

އެހެންކަމުން، މި އިސްލާހަކީ ގާނޫނުއަސާސީއާ ތައާރުޒުވާ އިސްލާހެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް އޭޖީ އޮފީހުން އެދުނެވެ.

މި މައްސަލަ ހުށަހެޅުއްވި ވަކީލް އަލީ ހުސައިންގެ ފަރާތުން ގާނޫނީ ވަކީލް ޝީނާ މުޙައްމަދު ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހުގެ ސަބަބުން ރައްޔިތުން އިންތިޚާބުކުރި ބައެއްގެ ދައުރު ފުރިހަމަކުރުމާ މެދު ގޮތް ނިންމުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބިގެންދެއެވެ.

މިއީ ރައްޔިތުންގެ ބާރަށް އެޅޭ ހުރަހެއް ކަމަށާއި، މިކަމުގެ ސަބަބުން ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާ، 26، 70 އަދި 75 ވަނަ މާއްދާއާ ޚިލާފުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް މެންބަރުން ރިކޯލްކުރުމުގެ ނުވަތަ މަގާމުން ވަކިކުރުމުގެ ހައްގު ދޭ ނަމަ، ރައްޔިތުންގެ ހައްގު ނުގެއްލި މިފަދަ ގާނޫނެއް ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް ޝީނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި އަލީ ހުސައިންގެ ފަރާތުން ދެ ވަގުތީ އަމުރަކަށް އެދުނެވެ. އެއީ:

  • މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން، މިހާރު ގެނެސްފައިވާ އިސްލާހުގެ ދަށުން އެއްވެސް މެންބަރަކު ވަކިކޮށްގެން ނުވާނެ ކަމުގެ އަމުރެއް.
  • ސުޕްރީމް ކޯޓުން މައްސަލައިގައި ގޮތެއް ނިންމަންދެން ފަނޑިޔާރެއްގެ އެއްވެސް ސުލޫކީ މައްސަލައެއް ނުވަތަ ޖިނާއީ ތަހުގީގެއް ހިންގައި، ފަނޑިޔާރުން ވަކިކުރުމުގެ އެއްވެސް ފިޔަވަޅެއް ނޭޅުމުގެ އަމުރެއް.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ، ވަގުތީ އަމުރާމެދު ނިންމާ ގޮތެއް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އަންގަވާނެ ކަމަށެވެ.

އަދި މައްސަލައިގައި ސާފުކުރަންޖެހޭ ކަންކަން ސާފުވެފައިވާތީ، މައްސަލަ ދިރާސާކުރުމަށްފަހު ފަނޑިޔާރުންނަށް އިތުރު ކަމެއް ސާފުކުރަން ބޭނުން ނުވާ ނަމަ ދެން އަޑުއެހުންތައް ނިމުނީ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ތާރީޚެއް ފަނޑިޔާރު ވިދާޅެއްނުވެއެވެ.

comment ކޮމެންޓް