މާލޭގައި ތޫނު އެއްޗަކުން ބަންގްލަދޭޝްގެ މީހަކަށް ހަމަލާދީ، ކަރު ޒަޚަމުކޮށްލި މައްސަލައިގައި ހައްޔަރުކުރި 28 އަހަރުގެ މީހާ ހަތް ދުވަހަށް ބަންދުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަޚަމުތަކެއް ލިބުނު، އުމުރުން 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ހޮނިހިރު ދުވަހުގެ ދަންވަރު 1:08 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރޭ ދަންވަރުގެ ވަގުތެއްގައި ބަންގްލަދޭޝްއަށް ނިސްބަތްވާ، އުމުރުން 28 އަހަރުގެ މީހަކު ހައްޔަރުކުރި ކަމަށް، ފުލުހުން މިއަދު ބުންޏެވެ.
އެންމެ ފަހުން ދިން މައުލޫމާތުގައި ފުލުހުން ބުނީ، ހައްޔަރުކުރި 28 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުގައިވާ ގޮތުން، އުމުރުން 38 އަހަރުގެ ބަންގްލަދޭޝް މީހާއަށް ހަމަލާދީ، ކަރަށް ބޮޑެތި ޒަޚަމްތައް ދީފައިވަނީ ހެންވޭރު ކަރަންކާ މަގުގައި ހުންނަ ހޮޓަލެއްގެ ތެރޭގައެވެ.
ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، ބަންގްލަދޭޝް މީހާއަށް ހަމަލާދިނީ ކަރަންކާ މަގުގައެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ.