ކާވެނި ދެމެހެއްޓުމަށް ބޭނުންވާ ޢާއިލީ އެހީ

އިސްލާމްދީނުގައި ކާވެންޏަކީ ﷲ ލައްވާފައިވާ ލޯތްބާއި ރަޙުމަތުގެ މައްޗަށް ބިނާވެފައިވާ މުހިންމު ގުޅުމެކެވެ. ކާވެނި ހަރުދަނާކޮށް ދެމެހެއްޓުމަށްޓަކައި ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުމުގެ އިތުރުން ދެފަރާތުގެ ޢާއިލާއާ އޮންނަ ގުޅުން ބަދަހިކުރުން ވަރަށް މުހިންމެވެ. ޖަޒުބާތާއި އެދުންވެރިކަމުގެ މައްޗަށް އެކަނި ބިނާކޮށް ކުރެވޭ ކާވެނިތަކުގައި މައްސަލަތައް އުފެދޭއިރު، އެކަންކަން ޙައްލުކުރުމަށް ރައްޓެހިންގެ ބަދަލުގައި ޢާއިލާގެ ތަޖުރިބާކާރު އަދި ޙިކުމަތްތެރި އިސް މެންބަރުންގެ މަޝްވަރާ ހޯދަންޖެހެއެވެ. އަދި ކާވެނި ރޫޅުމުގެ ބިރު ހީވާ ޙާލަތްތަކުގައި ދެފަރާތުގެ ޢާއިލާއިން ވެސް ޢަދުލުވެރި ނިޔާވެރިން ފޮނުވައިގެން ޞުލްޙަކުރަން މަސައްކަތްކުރުމަށް އިސްލާމްދީނުގައި އިރުޝާދު ދެއްވާފައިވެއެވެ. ޢާއިލީ އެހީތެރިކަމަކީ ވަކި ފަރާތަކަށް ނުޖެހި، ކާވެނި ދެމެހެއްޓުމަށް ދާއިމީގޮތެއްގައި ދެވެންޖެހޭ އެއްޗެކެވެ.

  • ކާވެންޏަކީ ﷲ ގެ ކުޅަދުންވަންތަކަމުގެ ހެއްކެއްކަމާއި، އެއީ ލޯތްބާއި ރަޙުމަތުގެ ގުޅުމެއްކަން
  • ޖަޒުބާތާއި އެދުންވެރިކަމުގެ މައްޗަށް އެކަނި ބިނާކުރާ ކާވެނިތައް ރޫޅުމުގެ ފުރުޞަތު ބޮޑުކަން
  • މައްސަލަތައް ޙައްލުކުރުމަށް ރައްޓެހިންނަށްވުރެ ޢާއިލާގެ ޙިކުމަތްތެރިންގެ މަޝްވަރާ މުހިންމުކަން
  • ދެބަސްވުންތަކުގައި ދެފަރާތުގެ ޢާއިލާއިން ޢަދުލުވެރިކަމާއެކު ޞުލްޙަކުރަން މަސައްކަތްކުރުން
  • ޢާއިލީ އެހީއަކީ ވަކި ފަރާތަކަށް ނުޖެހި ކާވެނި ދެމެހެއްޓުމަށް ދާއިމީކޮށް ދޭންޖެހޭ އެހީއެއްކަން

އިސްލާމްދީނުގައި ކާވެނީގެ ސަބަބުން އުފެދޭ ގުޅުންތަކަކީ އިޖްތިމާޢީ މިންގަނޑަކުން ކިރައިލަން އޮންނަ އެއްޗެއް ނޫނެވެ. އެހެނަސް އެއީ އީމާންކަމާ ގުޅިފައި އޮތް އިލާހީ ގުޅުންތަކެކެވެ. އެއީ ކާވެނީގެ ބިންގަލާއި އަހުރަވެތިކަން ދަމަހައްޓައި ކާވެނި ޙިމާޔަތްކޮށްދޭ އަސާސްތަކެވެ.

އިސްލާމީ ނަޒަރަކުން ބަލާއިރު ހަރުދަނާ ކާވެންޏަކީ ދެމަފިރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެފައިވާ، އަދި އެ ދެ މަފިރިން އެކެއް ކަނެކެއްގެ ޢާއިލާ ތިމާގެ މީހުންނާ އެކު ހަރުދަނާ ގުޅުމެއް ޤާއިމުކޮށްގެން ކުރިޔަށް ދާ ކާވެންޏެވެ. އެއީ ރަޙިމުގެ ގުޅުން ދެމެހެއްޓުން ވެސް މެއެވެ.

ކާވެންޏަކީ އޭގައި މާތް ﷲގެ ކުޅަދުންވަންތަ ކަމުގެ ހެކި ލައްވައިފައިވާ ކަމެކެވެ. އެއީ ކާވެނީގެ ސަބަބުން ލޯތްބާއި ރަޙުމަތް ލައްވާތީއެވެ. އެ އިލާހު ވަޙީކުރެއްވިއެވެ. ﴿وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ﴾‏ ‎(الروم: ٢١)‏ މާނައީ: "ތިޔަބައިމީހުންނަށް ޓަކައި ހަމަތިޔަބައިމީހުންގެ ނަފުސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށް ޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއް ވާކަން ކަށަވަރެވެ."

މި އާޔަތުގައި އެވާ ލޯތްބާއި ރަޙުމަތް އުފެދެނީ މާތް ﷲ އެންގެވި މަގުން ރަނގަޅު ގޮތުގައި އިސްލާމީހަމަތަކުގެ މަތީގައި ކުރާ ކާވެނިންނެވެ. އޭގެ ފެށުން ވެސް ބިނާވަނީ ޢާއިލީ އެހީތެރިކަމުންނެވެ. އެއީ ތަޖުރިބާ ލިބިފައި ތިއްބަވާ ޢާއިލާގެ އިސް މެންބަރުންގެ މަޝްވަރާއެވެ.

ކާވެންޏެއް ކުރަން ޅަ ކުދިން ބޭނުންވުމުން އެ ކުދިން ޒުވާންކަމުގެ ޖަޒުބާތު އެކަނި އިސްކޮށްފައި ޝަހުވަތްތެރިކަމާއި އެދުންވެރިކަމެއްގެ މިންގަނޑުން ކާވެނި މިންކުރެވިއްޖެއްޔާ، އެ ކާވެންޏެއްގެ ދުޅަހެޔޮކަމާމެދު ސުވާލު އުފެދޭކަށް މާ ގިނަ ދުވަހެއް ނުނަގައެވެ. ޒުވާންކަމުގެ ޖަޒުބާތީ ފޯރި ކެނޑި ގޮސް ދެ މަފިރިން އެކަކު އަނެކަކަށް އަދާކޮށްދޭން ޖެހޭ ޒިންމާއާ ހަމައަށް އައުމުން، އަބަދުވެސް ތިމާގެ ޒިންމާ އެއްފަރާތްކޮށްފައި ތިމާގެ ޙައްޤު އަނެކާގެ ކިބައިން ލިބިގަތުމަށް ފޫގަޅާލެވެއެވެ. އަދި ޝަކުވާގެ ބޮނޑި ބަނދެގެން އަނެކާގެ ކުރިމައްޗަށް އެ އޮއްސައިލަނީ އޭނާއީ ތިމާގެ އަނބި މީހާ ނުވަތަ ފިރިމީހާކަން ވެސް ހަނދާން ނުހުންނަ ހާލުއެވެ.

މިފަދަ ކޮންމެ ވަގުތެއްގައި ދެން ވެސް އިސްވަނީ ކުރިން އެ ބަޔަކާ މަޝްވަރާކުރުން ދޫކޮށްލެވުނު ޢާއިލާގެ އިސް މެންބަރުންނެވެ. އޭގެތެރެއިން ވެސް އެންމެންނެއް ނޫނެވެ. ޙިކުމަތްތެރިކަމާ އެކު ޢަދުލުވެރި މަގުން އެ ދެމަފިރިންގެ އިޙުސާސްތައް ދެނެގަނެވޭނެވަރުގެ ޤާބިލު ފަރާތްތަކެވެ. ކާވެނި ދެމެހެއްޓުމަށް އެހީވެވޭނެ މީހުންނެވެ. ވަކިފަރާތަކަށް ނުޖެހި ދެމަފިރިންނަށް އެންމެ ރަނގަޅު ގޮތުގެ މަޝްވަރާ ދޭނެ ބަޔެކެވެ.

ކާވެނިތައް ދަމަހައްޓަން އުނދަގޫވެ ރޫޅޭ ހިސާބައް ގޮސްފިނަމަ ކަންތައް ކުރަންވީ ގޮތް މާތް ﷲ އެންގެވިއިރު ފެންނާން އޮތީ ޢާއިލާގެ އެހީތެރިކަމަށް ގޮވައިލާފައި ވާ ތަނެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِّنْ أَهْلِهِ وَحَكَمًا مِّنْ أَهْلِهَا إِن يُرِيدَا إِصْلَاحًا يُوَفِّقِ اللَّهُ بَيْنَهُمَا إِنَّ اللَّهَ كَانَ عَلِيمًا خَبِيرًا﴾ ‎(النساء: ٣٥) މާނައީ: "އެ ދެ މީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެ ކަމާމެދު ތިޔަބައިމީހުން ބިރުގެންފި ނަމަ، އޭނާގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކާއި، އެކަނބުލޭގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! ޞުލްޙަކުރުމަށް އެ ދެ މީހުން ގަސްތުކުރާ ނަމަ، ﷲ، އެ ދެ މީހުން ޞުލްޙަކުރައްވައި، އެއްބަސް ކުރައްވައިފާނެތެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެ ކަމުގައި ވެއެވެ."

ޢާއިލާތައް ދެމެހެއްޓުމުގެ އެހީއާއި މަޝްވަރާ ހޯދުމުގައި މިއަދު ގިނަ ފަހަރު އަޅުގަނޑުމެންނަށް އިސްކުރެވެނީ ރައްޓެހިންނެވެ. ނުވަތަ މާބޮޑަށް ނުދަތަސް ތިމާ ދައްކާ ކޮންމެ ވާހަކައަކަށް އާނ! ބަސް ބުނާ މީހުންނެވެ. އެހެނަސް ދިރިއުޅުމުގެ ތަޖުރިބާއާއި ތިމާއާ ގުޅުންހުރި މާޒީ ވެސް ދަންނަ، ތިމާގެ ޢާއިލާގެ އިސް މެންބަރުން މަޝްވަރާގެ މޭޒަށް މާ އައުލާވެގެން ވެއެވެ. ކާވެނި ދެމެހެއްޓުމަށް އެ މީހުން މާ ބޮޑަށް އެހީވާނެއެވެ.

ކާވަނިތައް ދެމެހެއްޓުމަށް ޓަކައި ބޭނުންވާ ޢާއިލީ އެހީއަކީ ކޮންމެ ކާވެންޏެއް ފެށުނީއްސުރެ ހުއްޓުމެއް ނެތި ދެވެން ޖެހޭ އެހީ ތެރިކަމެކެވެ. ތިމާގެ ދަރި ނުވަތަ ތިމާގެ ދަރީގެ ޢާއިލާއަށް އެކަނި އިސްކަންދިނުމަށް ވާ އެހީއެއް ކަމުގައި ވެގެން ނުވާނެއެވެ. ޢާއިލީ އެހީ ވާން ޖެހޭނީ އުފެދިފައި އޮތް އައު ކާވެނި ދަމަހައްޓަން ދެވޭ އެހީތެރިކަމަކަށެވެ. އަދި ހަމައެހެންމެ ކަމެއްދަމެއް ބޮޑުވުމުގެ ކުރިން ވެސް ދާއިމީކޮށް ދެވޭ އެހީތެރިކަމަކަށް ވާން ވާނެއެވެ.

comment ކޮމެންޓް