މާލޭގައި ތޫނު އެއްޗަކުން ބަންގްލަދޭޝްގެ މީހަކަށް ހަމަލާދީ، އޭނާގެ ކަރު ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ، ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ރޭ ދަންވަރު 1:08 ހާއިރު ލިބިފައިވާ ކަމަށެވެ.
އެގޮތުން، އަނިޔާވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ، އުމުރުން 38 އަހަރުގެ ފިރިހެނަކަށް ކަމަށް، ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުގައިވާ ގޮތުން، އެ މީހާއަށް ހަމަލާދިނީ ބަންގްލަދޭޝަށް ނިސްބަތްވާ އެހެން މީހެކެވެ. އަދި އެ މީހާއަށް ހަމަލާދީ، ކަރަށް ބޮޑެތި ޒަޚަމްތައް ދީފައިވަނީ ހެންވޭރު ކަރަންކާ މަގުގައި ހުންނަ ހޮޓަލެއްގެ ތެރޭގައި ކަމަށްވެސް ވެއެވެ.
ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، ބަންގްލަދޭޝް މީހާއަށް ހަމަލާދިނީ ކަރަންކާ މަގުގައެވެ.
މި މައްސަލައިގައި މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ފުލުހުން ނުބުނެއެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ.