ބ. ކެންދޫ ކައުންސިލް ރައީސް އިބްރާހީމް އަބްދުއްރަހްމާންގެ ސައިކަލު، ކަނޑު ފައްތައިފިއެވެ.
'ސަން' އާ ވާހަކަދައްކަވަމުން އިބްރާހީމް ވިދާޅުވީ އޭނާގެ ސައިކަލު ކަނޑު ފައްތާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ކަމަށެވެ.
އެ މައްސަލަ އޭނާގެ ފަރާތުން ފުލުހަށް ވެސް ހުށަހެޅި ކަމަށާއި، ނަމަވެސް ތަހުގީގުކުރަނީ ކަމަށް ބުނުން ފިޔަވާ އިތުރު އެއްބާރުލުމެއް ފުލުހުންގެ ފަރާތުން ވެސް ނުލިބޭ ކަމަށް އިބްރާހީމް ވިދާޅުވިއެވެ
އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެއީ ސިޔާސީ ގޮތުން އޭނާއަށް ބަޔަކު ދިން ލަނޑެކެވެ.
އިބްރާހީމަކީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރެކެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ސިޔާސީ ގޮތުން ޖައްސާލައި، ޕިއެންސީގެ ބަޔަކު ހިންގި އަމަލެކެވެ.
އެއީ ފިނޯ ސައިކަލެކެވެ. އެ ސައިކަލު ފެނުނީ ރަށުގެ އުރަފަށުން ބޭރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ސައިކަލު ކަނޑުން ނެގީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ވެސް އޭނާ މައުލޫމާތުދެއްވިއެެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންނާ 'ސަން' އިން ސުވާލުކުރުމުން އަދި ޖަވާބެއް ނުލިބެއެވެ.