ޔޫޓިއުބް މޯބައިލް އެޕްގެ ހޯމް ފީޑުން ޝޯޓްސް ވީޑިއޯތައް މުޅިން ފޮރުވާލެވޭނެ އައު ފީޗާއެއް އެ ކުންފުނިން ތައާރަފްކޮށްފިއެވެ.
މި ބަދަލު ގެނެސްފައި ވަނީ ޝޯޓްސް ފީޑް ޓައިމަރަށް "0 މިނެޓް" ގެ އޮޕްޝަނެއް އިތުރުކުރުމާ އެކުގައެވެ.
މީގެ ކުރިން ޔޫޓިއުބްގައި މި ޓައިމަރު ބޭނުންކުރެވެނީ ބެލެނިވެރިންނަށް ދަރިން ވީޑިއޯ ބަލާ ވަގުތު ކޮންޓްރޯލް ކުރުމަށެވެ. އެގޮތުން ކުރިން އެންމެ ކުޑަވެގެން ވެސް ސެޓް ކުރެވެނީ 15 މިނެޓަށެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއެކު އާންމު ހުރިހާ އެކައުންޓްތަކަކަށް ވެސް މިހާރު މި ޓައިމަރު ސުމަކަށް ސެޓްކޮށް، ޝޯޓްސް ފީޑް މުޅިން ބަންދުކޮށްލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ސެޓިން ބޭނުންކުރުމުން އެޕްގެ ހޯމް ސްކްރީނުން ޝޯޓްސް ފީޑް ފެނުމުގެ ބަދަލުގައި ފެންނާނީ ވަގުތު ހަމަވެއްޖެ ކަމަށް ބުނާ މެސެޖެކެވެ. އެހެންނަމަވެސް ޝޯޓްސް ވީޑިއޯތައް ސަބްސްކްރިޕްޝަން ފީޑުންނާއި ސާޗް ނަތީޖާތަކުގެ ތެރެއިން އަދިވެސް ފެންނާނެ ކަމަށް ޔޫޓިއުބުން ބުނެއެވެ.
މި ފީޗާ ބޭނުންކުރުމަށްޓަކައި އެޕްގެ ސެޓިންގްސްގެ ތެރެއިން 'ޓައިމް މެނޭޖްމަންޓް' އަށް ގޮސް، 'ޑެއިލީ ލިމިޓްސް' ގެ ތެރެއިން 'ޝޯޓްސް ފީޑް ލިމިޓް' ސުމަކަށް ސެޓްކޮށްލެވޭނެއެވެ.
މިއީ މައިގަނޑު ގޮތެއްގައި މީހުން އެޕްގައި ހޭދަކުރާ ވަގުތު އަމިއްލައަށް ކޮންޓްރޯލް ކުރުމަށް ބާރުއެޅުމުގެ ގޮތުން ގެނައި ބަދަލެކެވެ.
މި އައު ބަދަލަކީ މިހާރު ދުނިޔޭގެ އެކި ހިސާބުތަކަށް ރޯލްއައުޓް ކުރަމުންދާ ފީޗާއެއް ކަމަށްވާތީ، ބައެއް ޔޫޒަރުންނަށް މިހާރު މި ފީޗާ ފެނުނު ނަމަވެސް ހުރިހާ އެކައުންޓްތަކަކަށް މި ބަދަލު އައުމަށް އަދި ދުވަސްކޮޅެއް ނަގާނެއެވެ.
ޔޫޓިއުބް ޝޯޓްސްއަކީ ޓިކްޓޮކް ފަދަ ކުރު ވީޑިއޯ ޕްލެޓްފޯމްތަކާ ވާދަކުރުމުގެ ގޮތުން 2020 ވަނަ އަހަރު އެ ކުންފުނިން ތައާރަފްކުރި ފީޗާއެކެވެ. ނަމަވެސް، މިފަދަ ކުރު ވީޑިއޯތައް މެދުނުކެނޑި ބެލުމުގެ ސަބަބުން އިންސާނާގެ ސަމާލުކަން ދޭ މިންވަރު ކުޑަވެ، އެޕްތަކަށް ދެވިހިފާ ކަމަށް ބުނެ ދުނިޔޭގެ އެކި ހިސާބުތަކުގައި ނަފްސާނީ މާހިރުންނާއި ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޔޫޓިއުބުން މީގެ ކުރިން ވެސް "ޓޭކް އޭ ބްރޭކް" ފަދަ ވަސީލަތްތައް މެދުވެރިކޮށް މިކަން ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ނަމަވެސް، މިފަހަރު ގެނައި ބަދަލަކީ ޑިޖިޓަލް ދުޅަހެޔޮކަމަށް އިސްކަންދީ، ޔޫޒަރުންނަށް އެމީހުންގެ ވަގުތު މެނޭޖްކުރުމަށް ދިން އެންމެ ވަރުގަދަ އެއް ބާރުގެ ގޮތުގައި މުހައްލިލުން ފާހަގަކުރެއެވެ.