އައިފޯނާއި އެންޑްރޮއިޑް ފޯނުތަކުގެ މެދުގައި ކުރެވޭ މެސެޖުތައް އެންކްރިޕްޓް ކުރަން ފަށައިފި

އައިއޯއެސް އާއި އެންޑްރޮއިޑް ދެމެދުގައި ހުރި ދަތިތައް ކުޑަކުރުމަށް އެޕަލްއާއި ގޫގުލުން ދަނީ ގުޅިގެން މަސައްކަތްކުރަމުން ---

އައިފޯނާއި އެންޑްރޮއިޑް ފޯނުތަކުގެ މެދުގައި ބަދަލުކުރެވޭ މެސެޖުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެންޑްޓޫއެންޑް އެންކްރިޕްޝަން ތަޢާރަފުކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ އައިއޯއެސް 26.5 ގެ އައު އަޕްޑޭޓާއެކުގައެވެ. މިހާރު އާރްސީއެސް މެދުވެރިކޮށް ކުރާ މެސެޖުތައް ފޮނުވާ ފަރާތާއި ލިބޭ ފަރާތް ފިޔަވައި އެހެން ފަރާތަކަށް ނުކިޔޭނެހެން ވަނީ ރައްކާތެރިކުރެވިފައެވެ. މިއީ ކުރިން ބޭނުންކުރަމުން އައި އާދައިގެ އެސްއެމްއެސްއަށްވުރެ މާ ރައްކާތެރި އަދި ޒަމާނީ ނިޒާމެކެވެ. މި ޚިދުމަތް ލިބޭނީ ގޫގުލް މެސެޖަސްގެ އެންމެ ފަހުގެ ވާޝަން ބޭނުންކުރާ ފަރާތްތަކަށާއި ބޮޑެތި މުއާސަލާތީ ނެޓްވޯކްތައް ބޭނުންކުރާ ފަރާތްތަކަށެވެ.

  • އައިއޯއެސް 26.5 އާއެކު އައިފޯނާއި އެންޑްރޮއިޑް ފޯނުތަކުގެ މެދުގައި ކުރެވޭ މެސެޖުތައް ވަނީ އެންކްރިޕްޓްކުރެވިފައެވެ.
  • މި ޚިދުމަތް ލިބެނީ އާރްސީއެސް މެދުވެރިކޮށް، ގޫގުލް މެސެޖަސް އަދި ބޮޑެތި މުއާސަލާތީ ނެޓްވޯކްތައް ބޭނުންކުރާ ފަރާތްތަކަށެވެ.
  • ކުރިން ފޮޓޯއާއި ވީޑިއޯގެ ކޮލިޓީ ދަށްވުމާއި ރައްކާތެރިކަން ކުޑަވުމުގެ މައްސަލައަށް މީގެ ސަބަބުން ބޮޑު ހައްލެއް ލިބިގެންދާނެއެވެ.
  • މުސްތަޤުބަލުގައި އާރްސީއެސް ޔުނިވަސަލް ޕްރޮފައިލް 4.0 އާއެކު، އިތުރު އެޕެއް ނެތި ސީދާ ވީޑިއޯ ކޯލް ކުރެވޭނެކަމަށް ބެލެވެއެވެ.

އައިފޯނާއި އެންޑްރޮއިޑް ފޯނުތަކުގެ މެދުގައި ކުރެވޭ މެސެޖުތައް އެންކްރިޕްޓް ކުރަން ފަށައިފިއެވެ.

އައިފޯން ބޭނުންކުރާ ފަރާތްތަކުން އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް ފޮނުވާ މެސެޖުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި "އެންޑް-ޓޫ-އެންޑް އެންކްރިޕްޝަން" ހިމެނޭ އަޕްޑޭޓް އައި.އޯ.އެސް 26.5 މިހާރުވަނީ އާންމުކޮށްފައެވެ.

މި އަޕްޑޭޓާއެކު "ރިޗް ކޮމިއުނިކޭޝަން ސާވިސަސް" ނުވަތަ އާރް.ސީ.އެސް މެދުވެރިކޮށް ފޮނުވާ މެސެޖުތައް، ފޮނުވާ މީހާއާއި ލިބޭ މީހާ ފިޔަވައި އެހެން ފަރާތަކަށް ނުކިޔޭނެހެން މިހާރު ވަނީ ރައްކާތެރިކުރެވިފައެވެ.

https://sun.mv/220701

މި ޚިދުމަތް ލިބޭނީ ގޫގުލް މެސެޖަސްގެ އެންމެ ފަހުގެ ވާޝަން ބޭނުންކުރާ އެންޑްރޮއިޑް ފޯނުތަކަށާއި، އޭޓީއެންޑްޓީ، ޓީ-މޯބައިލް އަދި ވެރައިޒަން ފަދަ ބޮޑެތި މުއާސަލާތީ ނެޓްވޯކްތައް ބޭނުންކުރާ އައިފޯންތަކަށެވެ. މިއީ މީގެ ކުރިން ބޭނުންކުރަމުން އައި އެސްއެމްއެސްއަށް ވުރެ މާ ރައްކާތެރި އަދި ޒަމާނީ ވަސީލަތެކެވެ.

އެޕަލް އިން 2011 ވަނަ އަހަރު އައިމެސެޖް ތަޢާރަފުކުރި ނަމަވެސް، އެންޑްރޮއިޑް ފޯނުތަކަށް މެސެޖް ކުރާއިރު މިހާތަނަށް ބޭނުންކުރަމުން އައީ އާދައިގެ އެސް.އެމް.އެސް އެވެ. މީގެ ސަބަބުން ފޮޓޯއާއި ވީޑިއޯގެ ކޮލިޓީ ދަށްވުމާއި، މެސެޖުތައް އެންކްރިޕްޓް ނުވުމުގެ މައްސަލަ ގޫގުލް އާއި މެޓާ ފަދަ ކުންފުނިތަކުން ފާހަގަކުރަމުން ދިޔައެވެ.

ގޫގުލް އިން 2019 ވަނަ އަހަރު އާރް.ސީ.އެސް ތަޢާރަފުކުރި ނަމަވެސް، އެޕަލް އިން އެއަށް ސަޕޯޓް ދޭން ފެށީ 2024 ވަނަ އަހަރުއެވެ.

ކުރިން އައިފޯނާއި އެންޑްރޮއިޑް ފޯނުތަކުގެ މެދުގައި މެސެޖް ބަދަލުކުރުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދުމަށް "ނަތިން" ފަދަ ކުންފުނިތަކުން މަސައްކަތް ކުރި ނަމަވެސް، ސަލާމަތީ ރައްކާތެރިކަން ކުޑަވުމުގެ ސަބަބުން އެ މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ. ނަމަވެސް މިހާރު ތަޢާރަފުކުރި އެންކްރިޕްޝަން ފީޗާއާއެކު ދެ ޕްލެޓްފޯމްގެ މެދުގައި ކުރެވޭ މުއާމަލާތްތަކަށް ބޮޑު އިތުބާރެއް ލިބިގެންދާނެއެވެ.

މުސްތަޤުބަލުގައި "އާރްސީއެސް ޔުނިވަސަލް ޕްރޮފައިލް 4.0" ތަޢާރަފުވުމުން، ތިންވަނަ ފަރާތެއްގެ އެޕެއް ބޭނުންނުކޮށް އައިފޯނާއި އެންޑްރޮއިޑް ފޯނުތަކުގެ މެދުގައި ސީދާ ވީޑިއޯ ކޯލް ކުރެވޭނެ މަގު ފަހިވާނެ ކަމަށް ބެލެވެއެވެ.

މިކަމުގައި އެޕަލް އާއި ގޫގުލް ގުޅިގެން މަސައްކަތް ކުރަމުންދާކަން އެޕަލް އިން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް