ރަޙުމަތް ފެށެނީ ޢާއިލާއިންނެވެ. ޢާއިލާއަކީ އަޅުކަމުގެ މަންޒިލެކެވެ.

މިއަދު ބައެއް މީހުން ﷲއާ ކުއްތަންވުމަށް ޚިޔާރުކުރަނީ، އާންމު ތަންތަނުގައި ގިނަމީހުން ބައިވެރިވެގެން އެންމެންނަށް ފެންނަހެން ބާއްވާ ހަރަކާތްތަކޭ ބުނުމަކީ ގޯހަކަށް ވެދާނެބާއެވެ؟ އަޅުކަމާއި ﷲއަށް ކުއްތަންވުމުގެ ތަނަކަށް ގޭތެރެ ހެދޭނެކަން އެ މީހުން ނުދަނެއެވެ.

އިސްލާމްދީނުގައި ޢާއިލީ ދިރިއުޅުމާއި ދީނީ ދިރިއުޅުމަކީ ވަކިކުރެވިފައި އޮންނަ އެއްޗެއް ނޫނެވެ. ޢާއިލީ ދިރިއުޅުމުގައި ދީނީ ހުރިހާ ކަމެއް ހިމެނެއެވެ. އަދި ކިޔެއް އެއީ ﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެތެރޭގައި ހިމެނޭ ކަމެކެވެ. ޢާއިލީ ގުޅުންވެރިކަމާއި ރަޙުމަތާއި ލޯތްބާއި ކުލުނުވެރިކަމަކީ ކާވެނީގައި ﷲ ލައްވާ ކަންކަމެވެ. ﷲ ވަޙީކުރެއްވިއެވެ. ﴿وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً﴾ (الروم: ٢١)‏ މާނައި: "ތިޔަބައިމީހުންނަށް ޓަކައި ހަމަ ތިޔަބައިމީހުންގެ ނަފުސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށް ޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ."

ރަޙުމާއި އޯގާވަންތަކަމުގެ މަތީ ބިނާކުރާ ޢާއިލާއަކީ ﷲ ހަނދުމަކުރުމާއި އެއިލާހަށް އަޅުވެތިވުން މަތީ ބިނާކުރެވޭ ވަރުގަ ދީނީ މުއައްސަސާއެކެވެ. އެ ތަނުން ނުކުމެގެން އަންނާނީ ދީނީ ލޯބި ހިތުގައި އަށަގެންފައިވާ ލޮބުވެތި ދަރިންތަކެކެވެ. އިސްލާމީ މުޖުޠަމައަކަށް ބޭނުން ޖެހިފައިވާ މުވާޠިނުންނަކީ އެއީއެވެ. އެ ކުދިން ބޮޑުވެ ފުރާވަރަށް އަޅާއިރު ދީނީ ކަންކަމަށް އަލުންބަލުން ވަކިން ލޯބިޖައްސާކަށް ނުޖެހޭނެއެވެ. އެ ކުދިންގެ ޒާތީ ޠަބީޢަތުގައި އިސްލާމީ ރިވެތި އަޚުލާޤު ހުންނާނީ އަށަގެންފައެވެ. ބިންވަޅުނެގިފައެވެ.

އިސްލާމީ މާޙައުލެއް އަޅުގަނޑުމެންގެ ޢާއިލާގެ ތެރޭގައި ޤާއިމުކުރުމަކީ ﷲއާ ކުއްތަންވުމުގެ އެތައް ދޮރަކާއި ވަސީލަތެއް، ޚުދު އެގޭތެރެއިން އުފެއްދޭނޭ ކަމެކެވެ. ޢާއިލާއަކީ އަޅުކަމުގެ މަންޒިލަކަށް ހެދޭނެއެވެ. ދިރިއުޅުމުގައި ކުރާ ކޮންމެ ހަރަކާތަކީ ސަވާބު ލިބޭ އަޅުކަމަކަށް ބަދަލުކޮށްލެވޭނެއެވެ. އަދި ހަމައެހެންމެ އެއީ ޢާއިލީ މެންބަރުންގެ މެދުގައި އޮންނަ އާޠިފީ ގުޅުންތަކުގައި އޮންނަން ޖެހޭ ލޯބިވެތިކަމާއި ރަޙުމު އިތުރުކޮށްދޭ ކަމެކެވެ.

ޢާއިލާގެ ތެރޭގައި އަޅުކަމުގެ އެތައްއެތައް ކަމެއް ހިމެނެއެވެ. ﷲއާ ކުއްތަންވުމަށް އަޅުގަނޑުމެން ހޯދާނެ ވަރަށް ގިނަ ޖަވާހިރު ހުރީ ގެދޮރުގެ ތެރޭ ފޮރުވިފައެވެ. ސިއްރިއްޔާތުގައި އެ ތަކެތި ހޯއްދަވައިގެން އެންމެ ފުރިހަމަ ނަމޫނާ ﷲގެ ރަސޫލާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّم ވަނީ ދައްކަވައިފައެވެ. ޢާއިޝާ رَضِيَ اللهُ عَنْهَاގެ އަރިހުން ރިވާވެގެން ވެއެވެ. «كان يكونُ في مِهْنَةِ أهلِهِ» (البخاري) މާނައީ: "ގަނޑުވަރުކޮޅަށް ވަޑައިގެންފިއްޔާ އެކަލޭގެފާނު އުޅުއްވަނީ، ގޭތެރޭގެ ކަންކަމުގައި އަހުލުވެރިންނަށް އެހީތެރިވެވަޑައިގެންނެވުމުގައެވެ." އަދި މި އުންމަތަށް އޭގެ އިރުޝާދު ދެއްވައި ޙަދީޘްކުރެއްވީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ތިޔަބައިމީހުންގެ އަހުލުންނަށް އެންމެ ހެޔޮ މީހާ ކަމުގައެވެ."

ނިކަން ވިސްނާށެވެ! ﷲގެ ރަސޫލާގެ ދޫފުޅުން ހެޔޮ މީހާ ކަމުގައި އެންގެވީމައި، އެއީ، ﷲގެ ޙަޟުރަތުގައި ގުނޭ ހެޔޮކަމެވެ. އެއީ ދީނީ ގޮތުން މީހާގެ ދަރަޖަ އުފުލޭ އުފުލުމެވެ. ﷲއާ ކުއްތަންވެވޭ މިންވަރެވެ. މި ކަން މި މަގުން ވިސްނިވަޑައިގެންނެވީ އެކަލޭގެފާނުގެ މާތް ޞަޙާބީންނަށެވެ. ޢުމަރުގެފާނަކީ މިޒާޖުފުޅުގައި ޙުކުމުގައި ހަރުކަށި، ޢަޒުމުގައި ވަރުގަދަ، ހިތްވަރުފުޅުގަދަ، އެހެން މީހުން ޖެހިލުންވާ ޝަޚުސެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެހެނަސް އެކަލޭގެފާނު ވެސް ގަނޑުވަރުކޮޅުގައި އަހުލުންނާ އެކު މަޑުއިތިރިކަމާއި ކުލުނުވެރިކަން ޚިޔާރުކުރެއްވިއެވެ.

މި ހަމަތަކަށް ބަލައިގެން މިއަދު އަޅުގަނޑުމެންގެ ޢާއިލާއާ އެކު ހޭދަކުރާ އާންމު ޙަޔާތް، ސަވާބު ލިބޭ އަޅުކަންތަކަކަށް ބަދަލުކޮށްލެވިދާނެއެވެ. ދަރިންނާ އެކު ކެތްތެރިކަން އިސްކޮށް އެ ކުދިންގެ ކަންކަމުގައި އުޅެ، އެ ކުދިންގެ ވާހަކަތައް އަޑުއެހުމަކީ އޭގެން އެއް ކަންތަކެވެ. އޯގާތެރި ބަސްތަކާއި ކަލިމަތަކަކީ ޒިކުރެކެވެ. މަޢާފުދިނުމަކީ ޞަދަޤާތެކެވެ. ޙަލާލު ތަކެތި އަހުލުންނަށް ހޯދައިދިނުމަކީ ޖިހާދެކެވެ. މިފަދަ އަޚުލާޤީ ރިވެތި ކަންކަމުން ﷲގެ އަޅާ އަޅުވެރިންގެ ދަރަޖައަށް އުފުލެއެވެ. ﷲގެ ރަސޫލާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «إِنَّ الْمُؤْمِنَ لَيُدْرِكُ بِحُسْنِ خُلُقِهِ دَرَجَةَ الصَّائِمِ الْقَائِمِ» (البخاري) މާނައީ: "ހަމަކަށަވަރުން މުއުމިން އަޅާގެ ރިވެތި އަޚުލާޤުގެ ސަބަބުން، ދުވާލު ރޯދައަށް ހުރެ ރޭގަނޑު ރޭއަޅުކަންކުރާ މީހާގެ ދަރަޖައަށް އޭނާ އުފުލެތެވެ."

މިއީ އަޅުގަނޑުމެން ވިސްނާން ވެއްޖެ ކަންކަމެވެ. އަޅުކަމަކީ މިސްކިތާ ހަމައިން ނިމޭ ކަމެއްގެ ގޮތުގައި ނުދެކޭށެވެ. ގޭތެރެއިން ވެސް އެ ފެށެނީ މުޅިން ވެސް އަޅުކަމުގެ ވައްތަރުތަކެވެ. ޢާއިލާއަކީ އަޅުކަމުގެ މަންޒިލެއް ކަމުގައި ދެކިގެން އެ ތަނުން ސަވާބު ހޯދަން ފަށާށެވެ.

comment ކޮމެންޓް