މި ބަދަލުވަމުންދާ ދުނިޔޭގައި، ކޮންމެ މައެއްގެ ވެސް އަދި ބަފައެއްގެ ވެސް އެންމެ ބޮޑު އުންމީދަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ހިތްވަރުގަދަ އަދި ކާމިޔާބު ދަރިއަކު ބިނާކުރުމެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި އަގުބޮޑު ހަދިޔާތަކަށްވުރެ، ދަރިފުޅުގެ ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމީ އަޅުގަނޑުމެން ބޭނުންކުރާ ބަސްމަގެވެ.
މިގޮތުން، ދަރިފުޅުގެ މުސްތަޤުބަލު އުޖާލާކޮށް، އެކުދީންގެ ޝަޚުޞިއްޔަތު ބައްޓަންކުރުމަށްޓަކައި ކޮންމެ ދުވަހަކުވެސް ބުނެލުން މުހިންމު 3 ޢިބާރާތެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ.
1. "ދަރިފުޅާ، ދަރިފުޅުދެކެ ވަރަށް ލޯބިވޭ!"
މިއީ އަޑުއަހަން ކިތަންމެ އާދައިގެ އިބާރާތަކަށް ވިޔަސް، މިއީ ދަރިއެއްގެ ހަޔާތުގައި ބުނެވޭނެ އެންމެ ބާރުގަދަ އެއް ޖުމްލައެވެ. ލޯބިވާކަން ހާމަކުރަންޖެހެނީ ހަމައެކަނި ދަރިފުޅު ރަނގަޅު ކަމެއް ކުރުމުންނެއް ނޫނެވެ. ނުވަތަ އިމްތިހާނަކުން މަތީ މާކުހެއް ހޯދުމަކުން ނޫނެވެ.

މިސާލަކަށް، ދަރިފުޅު ކުޅެން އުޅެފައި އައި ބޯން ނެގި ފެން ތަށި ސޯފާ މައްޗަށް ބަންޑުންވީއެވެ. މިފަދަ ވަގުތެއްގައި ބާރަށް ބަސް ބުނުމުގެ ބަދަލުގައި، "އެހެން ވެދާނެޔޭ، ދަރިފުޅު ގަސްދުގަ ކުރިކަމެއް ނޫންކަން އެނގެޔޭ، މައްސަލައެއް ނޫނޭ، ސާފުކޮށްލާނީއޭ، ދަރިފުޅުދެކެ އަބަދުވެސް ލޯބިވަމޭ" ބުނެލުމުން، އޭނާއަށް އިހްސާސްވާނީ ކުށެއް ކުރެވުނަސް މައިންބަފައިންގެ ލޯބި އުނިނުވާނެ ކަމެވެ.
ދަރިފުޅަށް މައިންބަފައިންގެ ލޯބި ލިބެނީ އެކުދިން ކުރާ ކަމަކުން ނޫންކަމާއި، އެއީ އެކުދިންނަށް ލިބިގެންވާ ހައްޤެއްކަން އިހްސާސްކޮށްދޭންޖެހެއެވެ. އެއީ އެއްވެސް ޝަރުތަކާ ނުލައި ވެވޭ ލޯތްބެއްކަމެވެ.
ކޮންމެ ދުވަހަކު ދަރިފުޅުދެކެ ލޯބިވާކަން ބުނެދިނުމުން، ދަރިފުޅަށް އަމިއްލަ ނަފްސުގެ އަގު ވަޒަންކުރަން ދަސްވެ، ދުނިޔޭގެ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާންވެސް ފަސްނުޖެހޭނެ ފަދަ ނަފްސާނީ ހަމަޖެހުމެއް ލިބެއެވެ. ރައްކާތެރިކަމުގެ އިހްސާސް ކުރެވެއެވެ.
2. "ދަރިފުޅާ، މާފުކުރޭ!”
މައިންބަފައިންނަކީވެސް އިންސާނުންނެވެ. ކުށް ކުރެވޭނެއެވެ. ދަރިފުޅަށް އަޑުހަރުކޮށް ބަހެއް ބުނެވުން، ގަޑިއަށް ސްކޫލަށް ބަލައި ނުދެވުން، ނުވަތަ ކޮށްދޭނެކަމަށް ބުނެފައޮތް ކަމެއް ކުރަން ހަނދާން ނެތުމަކީ ވެދާނެ ކަމެކެވެ. އެފަދަ ހާލަތްތަކުގައި ކިބުރުވެރިކަމެއް ނެތި ދަރިފުޅުގެ ކިބައިން މާފަށް އެދުމަކީ ވަރަށް މުހިންމު ކަމެކެވެ.
މިސާލަކަށް، އޮފީހުގައި އުޅެފައި ގެއަށް އައިއިރު ވަރުބަލިވެފައި ހުރުމުގެ ސަބަބުން، ދަރިފުޅު ކަމަކު ކިޔުމުން އަޑު ހަރުކޮށް ބަސް ބުނެވުނީއެވެ. ހަމަޖެހިލުމަށްފަހު، ދަރިފުޅު ގާތަށް ގޮސް ބުނެލާށެވެ. "ދަރިފުޅާ، ދެންމެ ބައްޕައަށް ބާރަށް ވާހަކަ ދެއްކުނީ ވަރުބަލިވެފައި ހުރީމަ، އެއީ ރަނގަޅު ގޮތެއް ނޫންކަން ބައްޕައަށް އެނގިއްޖެ. ބައްޕައަށް މާފުކުރޭ!."
މިކަމުން ދަރިފުޅަށް ދެކަމެއް ދަސްވެއެވެ. ފުރަތަމަ ކަމަކީ، އެންމެންނަށްވެސް ކުށް ކުރެވޭނެކަމެވެ. ދެވަނަ ކަމަކީ، ކުށެއް ކުރެވުމުން އެކަން ގަބޫލުކޮށް މާފަށް އެދުމަކީ "ބާރުގަދަ" މީހުން ކުރާ ކަމެއް ކަމެވެ. މިއީ އެކުދިންގެ ކިބައިގައި "ހިއުމިލިޓީ" ނުވަތަ މަޑުމައިތިރިކަން އަށަގަންނުވާނެ ކަމެކެވެ.
މިގޮތަށް މާފަށް އެދުމުން ދަރިފުޅަށް ދަސްވަނީ އަމިއްލަ ކުށަށް އިއުތިރާފްވުމަކީ ބަލިކަށިކަމެއް ނޫންކަމާއި، އެއީ ޒިންމާދާރުވުމުގެ ފުރަތަމަ ފިޔަވަޅު ކަމެވެ.
މައިންބަފައިން ދަރިންގެ ކިބައިން މާފަށް އެދުމަކީ ދަރިންގެ ހިތުގައި މައިންބަފައިންނަށް އޮންނަ އިހުތިރާމް އިތުރުވެ، އިތުބާރު ބަދަހިވާނެ ކަމެކެވެ.
3. "ދަރިފުޅާ، އަދި އެއްފަހަރު މަސައްކަތްކޮށްލާ!"
ދިރިއުޅުމުގައި އަބަދު ހުރިހާ ކަމެއް ކާމިޔާބެއް ނުވާނެއެވެ. ދަރިފުޅު ކަމަކުން ނާކާމިޔާބުވާ ހިނދު "ދެން އެންމެ ރަނގަޅޭ" ނުވަތަ "ދެރަނުވޭ" ބުނުމުގެ ބަދަލުގައި، އަލުން މަސައްކަތް ކުރުމަށް ހިތްވަރު ދޭށެވެ.

މިސާލަކަށް، ދަރިފުޅު ކުރަހަން އިން ކުރެހުމެއް ރީތި ނުވެގެން ނުވަތަ 'ލެގޯ' އިން ހަދާ ގެއެއް ފުރިހަމަ ނުވެގެން ރޮވުނީއެވެ. އެވަގުތު "ތި ދެން ބާއްވާށޭ، ތިއީ އުނދަގޫ ކަމެކޭ" ބުނުމުގެ ބަދަލުގައި، "ދަރިފުޅު ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފާމެއް ނޫންހޭ، ހިނގާބަލާށޭ އަދި އެއްފަހަރު ޓްރައި ކޮށްލަން، މިފަހަރު ބައްޕަވެސް އެހީވާނަމޭ" ބުނެލާށެވެ.
މިކަމުން ދަރިފުޅަށް ދަސްވަނީ ނާކާމިޔާބީއަކީ މަސައްކަތުގެ ނިމުން ނޫންކަމެވެ. އޭނާގެ ސިކުނޑީގައި "ގްރޯތު މައިންޑްސެޓް" އެއް އުފެދެއެވެ. ބޮޑުވެގެން ވަޒީފާގެ މައިދާނުގައި ނުވަތަ އަމިއްލަ ދިރިއުޅުމުގައި ކުރިމަތިވާ ހުރަސްތަކުން އޭނާ މާޔޫސްވެ އުންމީދު ކަނޑައެއް ނުލާނެއެވެ.
ފޭލްވުމަކީ ހުއްޓާލަންޖެހޭ ސަބަބެއް ނޫންކަމާއި، އެއީ ކުރިއަށްދާން ލިބޭ ފުރުސަތެއްކަން ބުނެދޭށެވެ. "އަދި މަސައްކަތް ކުރާށޭ" ބުނުމުން ދަރިފުޅުގެ ކިބައިގައި ހިތްވަރުގަދަކަމާއި ކެތްތެރިކަން އަށަގަންނާނެއެވެ. އެއީ ލިބުނު ފިލާވަޅެއްގެ ގޮތުގައި ބަލައިގަންނާނެއެވެ.
އަލުން މަސައްކަތް ކުރަން ބާރުއެޅުމުން، ދަރިފުޅަށް އިހްސާސްވާނީ އޭނާގެ ކިބައިގައި އެކަމެއް ކުރެވޭނެ ގާބިލިއްޔަތު ހުރިކަމަށް މައިންބަފައިން ގަބޫލުކުރާ ކަމެވެ. އިތުބާރު ބޮޑުވެ ހިތްވަރު އާލާވާނެއެވެ.
“ވަރަށް ލޯބިވޭ”، “މާފުކުރޭ”، “އަދި މަސައްކަތްކޮށްލާ”، މި ތިން އިބާރާތަކީ ބުނެލަން ފަސޭހަ، އެއްވެސް ޚަރަދެއް ނުހިނގާ، އެހެނަސް އޭގެ ނަތީޖާ މުޅި އުމުރަށް ދެމިގެންދާނެ ފަދަ ބާރުގަދަ ބަސްތަކެކެވެ. ދަރިފުޅުގެ މުސްތަޤުބަލު ބިނާވަނީ ހަމައެކަނި އެކުދިންނަށް ދެވޭ ތައުލީމަކުން ނޫނެވެ. އެކުދިންނަށް ދެވޭ ލޯތްބާއި، އުނގަންނައިދެވޭ އަޚްލާޤާއި، ދެވޭ ހިތްވަރުގެ މައްޗަށް ވެސްމެއެވެ. ކޮންމެ ދުވަހަކުވެސް މި ބަސްތަކުން ދަރިފުޅުގެ ހިތަށް ދިރުން ގެނެސްދޭށެވެ. ހިނިތުންވުމަކާއެކު ބުނެލާ މި އިބާރާތްތަކުން، ދަރިފުޅުގެ މުޅި ހަޔާތް އުޖާލާކޮށްދެވޭނެއެވެ.