ތިމާއަށް ގެއްލުންވާ ތަކެއްޗަކީ އެހެން މީހުންނަށް ވެސް އެއިން ގެއްލުން ވެދާނެ ތަކެއްޗެވެ. ގެއްލުންދޭ ތަކެތި އެއްފަރާތްކުރާށެވެ! އެ ކަމުގެ އާދަ ނަފުސުގައި ހަރުލައްވާށެވެ! އޭރުން ތިމާގެ ދެ ދުނިޔެ ބާއްޖަވެރި މަގަށް އެޅުވިދާނެއެވެ.
ގެއްލުން ދޭ ތަކެތި މަގުމަތިން އެއްފަރާތްކުރުމަކީ އީމާންކަން މިންކުރާ މިންގަޑެއް ކަމުގައި ނަބަވީ އިރުޝާދުން އެނގެއެވެ. އީމާންކަން ގިނަ ބައިތަކަކަށް ބެހިގެންވާއިރު އޭގެ އެންމެ މަތީ ފަންތިއަކީ لا إله إلا الله (ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އެއްވެސް އިލާހެއް ނުވެއެވެ.) ކިޔުމެވެ. އަދި އެންމެ ކުޑަ މިންވަރަކީ މަގުހިނގާ މީހުންނަށް އުނދަގޫވާހެން ހުންނަ ތަކެތި މަގުން އެއްފަރާތްކުރުމެވެ.
މަގުމަތީގެ މި އަޚުލާޤު އީމާންކަމާ ގުޅުވާފައި އޮތުމުން އެނގެނީ އެ ކަމުގެ އަހަންމިއްޔަތުގެ ބޮޑު ކަމެވެ. މީސްތަކުންނަށް ވާ އުނދަގޫތަކުން އެ މީހުން ސަލާމަތްކުރަން އިސްލާމްދީން ބާރުއަޅުއްވާ މިންވަރެވެ. ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «الإِيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً فَأَفْضَلُهَا قَوْلُ لاَ إِلَهَ إِلاَّ اللَّهُ وَأَدْنَاهَا إِمَاطَةُ الأَذَى عَنِ الطَّرِيقِ وَالْحَيَاءُ شُعْبَةٌ مِنَ الإِيمَانِ» (مسلم: 35) މާނައީ: "ހަމަކަށަވަރުން، އީމާންކަން ހަތްދިހަ އެތައް ބަޔަކަށް ނުވަތަ ފަސްދޮޅަސް އެއްތައް ބަޔަކަށް ބެހިގެން ވެއެވެ. އޭގެ އެންމެ މަތީ ދަރަޖައަކީ لا إله إلا الله (ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އެއްވެސް އިލާހެއް ނުވެއެވެ.) ކިޔުމެވެ. އަދި އެންމެ ކުޑަ މިންވަރަކީ މީހުންނަށް އުނދަގޫވާހެން މަގުމަތީ ހުންނަ ތަކެތި މަގުން އެއްފަރާތްކުރުމެވެ. އަދި ލަދުވެތިކަން ވަނީ އީމާންކަމުގެ ތެރެއިންނެވެ.
މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފެންނަ ނޭދެވޭ އާދައަކީ މަގުތައް މައްޗަށް އެއްޗެތި އެއްލައިލުމުގެ ހުތުރު އާދައެވެ. ފެންފުޅިއެއް ނުވަތަ ޖޫސްޕެކެޓެއް ދަޅެއް އެއްޗެއް ބޮއެ ނިންމައިލާއިރު ތިމާ ހުރި ކޮންމެ ތަނަކީ ހުސްފުޅި ނުވަތަ ދަޅު އެއްލައިލަންވީ ތަންކަމުގައި ނުދެކޭށެވެ. ކައިރިތަނެއްގައި ކުނިއަޅާނެ އެއްޗެއް ފެންނަން ނެތިއްޔާ ހުސްފުޅި ނުވަތަ ދަޅު ތިބާއާ އެކު ގެންދާށެވެ. އެއީ އެހެން މީހުންނަށް އުނދަގޫވާހެން މަގުމައްޗަށް ދޫކޮށްލެވޭ އެއްޗަކަށް ނުހަދާށެވެ!
މަގުތަކަކީ އެންމެން ބޭނުންކުރާ ތަންތަނެވެ. އެ ތަނުގައި ތިބޭތިބިމުގައްޔާއި އުޅޭއުޅުމުގައި ވެސް ތިމާ ނޫން އެހެން މީހުން ވެސް އުޅޭ ކަން ދަންނަން ވާނެއެވެ. އެހެން މީހުންނަށް އުނދަގޫވާހެން މަގުމެދުގައި މަޑުކޮށްގެން ތިބުމާއި މަގުން ހިނގާ މީހުންނަށް ފޮށި އުނދަގޫކޮށް ހެދުމަކީ ވިޔާނުދާ ހުތުރު ޢަމަލުތަކެވެ. އެ ގޮތަށް އެކަން ނުކުރާށެވެ. މަގުމަތީގައި މަޑުކޮށްގެން ތިބެންޏާ އެ ތަނުން ފެންނަ ގޯސް ކަންކަން ހުއްޓުވުމަށާއި ހެޔޮ ކަންކަމަށް ގޮވައިލާ ނަސޭހަތްތެރިވުމަށް ވެސް ހަދީޘްތަކުގައި ހުރެއެވެ. އެހެންކަމުން މަގުމަތީގައި ތިބޭ ތިބުމުގައި ތިމާމެންގެ އިސްލާމްކަން ހަނދާންކޮށް މުސްލިމުންގެ ފުރިހަމަ އަޚުލާޤުގައި އުޅުމަށް ނަސޭހަތްދީ ވަޞިއްޔަތްކުރަމެވެ. މަގުތައް މައްޗަށް ކުނި ނުއެޅުމަށާއި މީހުންނަށް އުނދަގޫވާ ގޮތަށް މަގުމަތީ ހުންނަ ތަކެތި އެއްފަރާތް ކުރުމަށް ވެސް ނަސޭހަތްދެމެވެ.