ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ކެބިނެޓް 20އިން 15އަށް މަދުކުރައްވައިފި

އާ ކެބިނެޓް: އިކޮނޮމިކް މިނިސްޓްރީއަށް ޓްރާންސްޕޯޓް، ޓޫރިޒަމަށް ސިވިލް އޭވިއޭޝަންގެ ޒިންމާ ހިމަނައި، ބަދަލުތައް ވަނީ ގެނެސްފައި -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރު ހިންގުމުގެ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް ގެންނަވައިފައެވެ. ކުއްލި ގޮތަކަށް 10 ވަޒީރަކު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސް ވަނީ ބައެއް ވުޒާރާތައް އެއްކޮށްލައްވައި، ކެބިނެޓުގެ ޖުމްލަ ޢަދަދު 15 އަށް ކުޑަކުރައްވައިފައެވެ. އަދި އެއްކޮށްލެވުނު ވުޒާރާތަކަށް އައު ވަޒީރުން ޢައްޔަންކުރައްވައިފައިވާއިރު، ޑިފެންސް އަދި ލޯކަލް ގަވަރނަންސް މިނިސްޓްރީ ހިންގަވާނެ ބޭފުޅަކު އަދި ޢައްޔަންކުރައްވައިފައެއް ނުވެއެވެ.

  • ކެބިނެޓުގެ ޢަދަދު 20 އިން 15 އަށް މަދުކުރެއްވުން
  • ސަރުކާރުގެ 10 ވަޒީރަކު ކުއްލި ގޮތަކަށް މަޤާމުން އިސްތިއުފާ ދެއްވުން
  • ބައެއް ވުޒާރާތައް އެއްކޮށްލައި، މަސްއޫލިއްޔަތުތައް ބަދަލުކުރެއްވުން
  • އެއްކޮށްލެވުނު ވުޒާރާތަކަށް އައު ވަޒީރުން ޢައްޔަންކުރެއްވުން
  • ދެ ވުޒާރާއެއްގެ ވަޒީރުކަމުގެ މަޤާމު އަދިވެސް ހުސްކޮށް އޮތުން

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކެބިނެޓަށް ބަދަލު ގެންނެވިއިރު، ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި، މިނިސްޓްރީތަކުގެ އަދަދު 20އިން 15އަށް މަދުކުރައްވައިފިއެވެ.

ރައީސް ނޮވެންބަރު 17، 2023ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 22 މިނިސްޓަރުން ހިމެނޭ، މިހާތަނަށް އެންމެ ބޮޑު ކެބިނެޓާއެކުގައެވެ. ނަމަވެސް ވެރިކަމަށް ދެ އަހަރާއި މަސްތަކެއް ވެފައިވާއިރު، މިނިސްޓްރީތަކުގެ ޒިންމާތަކާއި މިނިސްޓަރުން ވެސް ބަދަލުކުރައްވައިފައިވެއެވެ.

މިއަދު އަނެއްކާވެސް ކުއްލި ގޮތަކަށް ކެބިނެޓަށް ވަނީ ބަދަލުތައް ގެނެސްފައެވެ. އެގޮތުން، ކުއްލި ގޮތަކަށް 10 ވަޒީރުން ވަނީ އިސްތިއުފާ ދެއްވައިފައެވެ. އެއީ:

  • ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން
  • ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް
  • ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް
  • ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
  • ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް
  • ސަފާގަތާއި ބަހުގެ މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް
  • ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު މަރްޔަމް މާރިޔާ
  • ޒުވާނުންގެ މިނިސްޓަރު އިބްރާހީމް ވަޙީދު
  • ސިޓީސް، ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު
  • ހަޔާ އެޑިޔުކޭޝަން، މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު

މިއަދު އިރުއޮއްސުނު ފަހުން، ރައީސް ވަނީ ހުސްވި ބައެއް މިނިސްޓްރީތަކަށް ބޭފުޅުން އައްޔަންކުރައްވައިފައެވެ. ނުވަތަ އެ މިނިސްޓްރީތަކުގެ ޒިންމާތައް އެހެން މިނިސްޓްރީތަކާ ހަވާލުކުރައްވައިފައެވެ. އެގޮތުން ހުވާކުރެއްވި ވަޒީރުންނަކީ:

  • ފިނޭންސް އެންޑް ޕަލްބިކް އެންޓަޕްރައިޒަސް މިނިސްޓަރަކަށް މޫސާ ޒަމީރު
  • ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހުސާން
  • ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް
  • އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓަރަކަށް އިސްމާއީލް ޝަފީއު
  • ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
  • އިކޮނޮމިކް ޑިވެލޮޕްމެންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
  • އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
  • ޔޫތު އެމްޕަވަމެންޓް ސްޕޯޓްސް އެންޑް ފިޓްންސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
  • އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރަކަށް ހީނާ ވަލީދު
  • އިންފްރާސްޓްރަކްޗާ، ހައުސިން، އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބު
  • ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް

ރައީސް އޮފީހުން ބުނީ އެ މިނިސްޓަރުންނާއެކު ކެބިނެޓުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަޙްމަދު އުޝާމާއި އިތުރު ދެ މިނިސްޓަރުން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއަދު ހުސްވި މިނިސްޓްރީތަކުގެ ތެރެއިން، ލޯކަލް ގަވަނަންސް މިނިސްޓްރީއާއި ޑިފެންސް މިނިސްޓްރީއަށް މިހާތަނަށް ބޭފުޅަކަށް އައްޔަންކުރައްވާފައިނުވެއެވެ.

ކެބިނެޓަށް މިހާރު ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި، އެޑިއުކޭޝަން މިނިސްޓްރީއާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އެއްކޮށްލުން ހިމެނެއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މީގެ ކުރިން ހިމެނުނު ލޭބާވަނީ، ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.

އާ ވަޒީރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މީގެ ކުރިން އޮންނަނީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީއެއް ނަމަވެސް، އެ ދެ ޒިންމާތައް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން މިހާރު އޮތީ އިކޮނޮމިކް ޑިވެލޮޕްމެންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓްރީއަކާއި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީއެކެވެ.

މި ސަރުކާރުގައި މީގެ ކުރިން ވެސް ކެބިނެޓަށް އެކި ބަދަލުތައް ގެންނަވައިފައިވެއެވެ. އެގޮތުން، ޑިސެންބަރު 30، 2024ގައި، ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި ޚަލީލް ފޮރިން މިނިސްޓްރީއަށް ބަދަލުކުރެއްވިއެވެ. އަދި ފުރަތަމަ ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަފީގް އިސްތިއުފާ ދެއްވުމުން، އެ މަގާމަށް މޫސާ ޒަމީރު އައްޔަންކުރެއްވިއެވެ. އޭގެ ކުރިން ޒަމީރު ހުންނެވީ ފޮރިން މިނިސްޓަރުކަމުގައެވެ.

އެ ދުވަހު ހެލްތު މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ނާޒިމް ކުރިން ހުންނެވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ.

މީގެ އިތުރުން ހަމަ އެ މަހު، ކުރިން ވަކިން އޮތް ދެ މިނިސްޓްރީއެއް ކަމަށްވާ ހައުސިން މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލެއްވިއެވެ. އަދި އެއްކޮށްލި މިނިސްޓްރީއަށް ޑރ. އަބްދުﷲ މުއްތަލިބު އައްޔަން ކުރައްވައި، ހައުސިން މިނިސްޓަރަކަށް ހުންނެވިހައިދަރު ހަޔާ އެޑިޔުކޭޝަން މިނިސްޓަރަކަށް ބަދަލުކުރެއްވިއެވެ. އޭރު ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވީ، މިއަދު އެގްރިކަލްޗާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ޑރ. މާރިޔާއެވެ.

https://sun.mv/220315

މި ސަރުކާރުން އަނެއްކާވެސް ކެބިނެޓަށް ބަދަލުތައް ގެނެސްފައިވަނީ، ސަރުކާރަށް އޮތް ތާއިދު ދައްކުވައިދޭނެ ކަމަށް ބެލެވުނު އިންތިޚާބުތަކެއް މި މަހުގެ ހަތަރެއްގައި ބާއްވައިފައި ވަނިކޮށެވެ. އެ އިންތިޚާބުތަކުން ސަރުކާރަށް ކުރިމަތިވީ ބޮޑު ނާކާމިޔާބީއަކާއެވެ.

އޭގެ ސަބަބުން، ކެބިނެޓަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވެސް ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް