ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު 10 ވަޒީރުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ވުޒާރާތަކުގެ މަސައްކަތްތަކަށް ބޮޑު ބަދަލެއް ގެނެސް އާ ކެބިނެޓު މިރޭ ހުވާކުރައްވައިފިއެވެ.
އާ ކެބިނެޓަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
އާ ކެބިނެޓަށް ހުވާކުރެއްވި ބޭފުޅުންގެ ތެރޭގައި، ސަރުކާރުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދާއި އިނގިރޭސި ސަފީރު އިރުތިޝާމް އާދަމް ހިމެނެއެވެ.
- ފިނޭންސް އެންޑް ޕަލްބިކް އެންޓަޕްރައިޒަސް މިނިސްޓަރަކަށް މޫސާ ޒަމީރު
- ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހުސާން
- ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް
- ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓަރަކަށް އިސްމާއީލް ޝަފީއު
- ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
- އިކޮނޮމިކް ޑިވެލޮޕްމެންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
- އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓްސް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
- ޔޫތު އެމްޕަވަމެންޓް ސްޕޯޓްސް އެންޑް ފިޓްންސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
- އާޓްސް. ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރަކަށް ހީނާ ވަލީދު
- އިންފްރާސްޓްރަކްޗާ، ހައުސިން، އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބު
- ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެންޑް އެނާޖީ މިނިސްޓަރަކަށް އަލީ ޝަރީފް
އެންމެ ގިނަ ވަޒީރުން އައްޔަންކުރި މި ސަރުކާރުގައި މީގެ ކުރިން ވެސް ކެބިނެޓަށް އެކި ބަދަލުތައް ގެންނަވައިފައިވެއެވެ. އެގޮތުން، ޑިސެންބަރު 30، 2024ގައި، ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި ޚަލީލް ފޮރިން މިނިސްޓްރީއަށް ބަދަލުކުރެއްވިއެވެ. އަދި ފުރަތަމަ ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަފީގް އިސްތިއުފާ ދެއްވުމުން، އެ މަގާމަށް މޫސާ ޒަމީރު އައްޔަންކުރެއްވިއެވެ. އޭގެ ކުރިން ޒަމީރު ހުންނެވީ ފޮރިން މިނިސްޓަރުކަމުގައެވެ.

އާ ވަޒީރުން ހުވާކުރެއްވުން --
އެ ދުވަހު ހެލްތު މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ނާޒިމް ކުރިން ހުންނެވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ.
މީގެ އިތުރުން ހަމަ އެ މަހު، ކުރިން ވަކިން އޮތް ދެ މިނިސްޓްރީއެއް ކަމަށްވާ ހައުސިން މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލެއްވިއެވެ. އަދި އެއްކޮށްލި މިނިސްޓްރީއަށް ޑރ. އަބްދުﷲ މުއްތަލިބު އައްޔަން ކުރައްވައި، ހައުސިން މިނިސްޓަރަކަށް ހުންނެވިހައިދަރު ހަޔާ އެޑިޔުކޭޝަން މިނިސްޓަރަކަށް ބަދަލުކުރެއްވިއެވެ. އޭރު ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވީ، މިއަދު އެގްރިކަލްޗާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ޑރ. މާރިޔާއެވެ.
މި ސަރުކާރުން އަނެއްކާވެސް ކެބިނެޓަށް ބަދަލުތައް ގެނެސްފައިވަނީ، ސަރުކާރަށް އޮތް ތާއިދު ދައްކުވައިދޭނެ ކަމަށް ބެލެވުނު އިންތިޚާބުތަކެއް މި މަހުގެ ހަތަރެއްގައި ބާއްވައިފައި ވަނިކޮށެވެ. އެ އިންތިޚާބުތަކުން ސަރުކާރަށް ކުރިމަތިވީ ބޮޑު ނާކާމިޔާބީއަކާއެވެ.
އޭގެ ސަބަބުން، ކެބިނެޓަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވެސް ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ.