އެމްއޭސީއެލް ބޯޑުގައި ކުރިން ހުންނެވި ނޫރައްދީންގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް

ރައީސް މުއިއްޒާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފް -- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑުން ދާދިފަހުން ވަކިކުރި އިބްރާހިމް ނޫރައްދީން ވަނީ، ސަރުކާރުން އެ ކުންފުނީގެ ހިންގުމަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އޭނާ މަގާމުން ވަކިކުރީ ކުންފުނީގެ އުސޫލުތަކާ ހިލާފަށް ބީލަމަކާ ނުލައި ހަވާލުކުރަން އުޅުނު މަޝްރޫއުތަކަކާ ދެކޮޅު ހެދުމުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި އެމްއާރްޑީސީއަށް ދޭން އުޅުނު 93 މިލިއަން ރުފިޔާގެ މަޝްރޫއަކާއި، ޖެޓްއެކްސްއަށް ޖެޓް ޓާމިނަލް ދޭން އުޅުނު މައްސަލަ ހިމެނެއެވެ. މިކަމާ ގުޅިގެން ސަރުކާރުން ނުވަތަ ކުންފުނިންވެސް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

  • އެމްއޭސީއެލްގެ ބޯޑުން ވަކިކުރި އިބްރާހިމް ނޫރައްދީން ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުން
  • މަގާމުން ވަކިކުރީ އުސޫލާ ހިލާފު މަޝްރޫއުތަކަކާ ދެކޮޅު ހެދުމުން ކަމަށް ވިދާޅުވުން
  • އެމްއާރްޑީސީއަށް 93 މިލިއަން ރުފިޔާގެ މަޝްރޫއެއް ބީލަމަކާ ނުލައި ދޭން އުޅުނުކަމުގެ ތުހުމަތު
  • ޖެޓް ޓާމިނަލް 25 އަހަރަށް ބީލަމަކާ ނުލައި ބޭރު ކުންފުންޏަކަށް ދޭން އުޅުނުކަން ފާހަގަކުރެއްވުން
  • ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިކަމުގައި ހަނު އޮތުމުން ފާޑުވިދާޅުވުން

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑު މެންބަރުކަމުން މި ސަރުކާރުގައި ވަކިކުރި އިބްރާހިމް ނޫރައްދީން، ސަރުކާރުން އެ ކުންފުނީގެ ހިންގުމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.

އިބްރާހިމް ނޫރައްދީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްއޭސީއެލްގައި މިހާރު ކަންތައްތައް ހިނގަމުންދާ ގޮތާ މެދު ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. އަދި ބޯޑުން ވަކިކުރި ފަހުން، މުޅިން އަލަށް އެކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން އޭނާ ވަނީ، އޭނާ ބޯޑުން ވަކިކުރީ ކުންފުނީގެ އުސޫލުތަކާ ހިލާފަށް ހިންގަން އުޅުނު މަޝްރޫއުތަކަކާ ދެކޮޅު ހެއްދެވުމުން ކަމަށް ތުހުމަތުކުރައްވައިފައެވެ.

ނޫރައްދީން ހާމަކުރެއްވި ގޮތުގައި، އެމްއާރްޑީސީ ނުވަތަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރަން އުޅުނު 93 މިލިއަން ރުފިޔާގެ މަޝްރޫއަކާ އޭނާ ދެކޮޅު ހެއްދެވިއެވެ. އެ މަޝްރޫއަކީ އެމްއާރްޑީސީގެ ތަޖުރިބާ ނެތް ދާއިރާއެއްގެ މަސައްކަތެއް ކަމަށާއި، އެކަން ކުރަން އުޅުނީ އެއްވެސް ޓެންޑަރަކާ ނުލައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަސައްކަތް ހަވާލުކުރަން އުޅުނީ "މަތީ ވެރިޔާގެ އެންގެވުމުގެ" މަތިން ކަމަށް ބޯޑަށް އެންގިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނޫރައްދީން ވިދާޅުވިގޮތުގައި އެ މައްސަލައިގައި ދެކޮޅު ހެއްދެވުމުން، ބޯޑު ބައްދަލުވުން ނިންމާފައި ގެއަށް ނުދެވެނީސް އޭނާ މަގާމުން ވަކިކުރިކަމުގެ މެއިލް ވަނީ ލިބިފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ކުދި ކުންފުނިތަކުން ދެމުންދާ ޖެޓް ސާވިސްގެ ހިދުމަތް ދޭ ޓާމިނަލް، އެއްވެސް ބިޑަކާ ނުލައި 25 އަހަރަށް "ޖެޓްއެކްސް" އަށް ދިނުމަށް ސަރުކާރުގެ ނޭޝަނަލް އެޑްވައިޒަރު ބޭނުންފުޅުވި ކަމަށް ވެސް ނޫރައްދީން ތުހުމަތު ކުރެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ދިވެހި އަމިއްލަ ކުދި ކުންފުނިތަކުން ތަރައްގީކޮށް ހިންގަމުން އައި ހިދުމަތެކެވެ.

ނޫރައްދީން ވަނީ އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބެވި އެގްޒެކެޓިވް ޑިރެކްޓަރުންގެ އަމަލުތަކާ މެދު ސުވާލު އުފައްދަވައި، މިކަންކަމުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ހަނު އޮތުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި ސީރިއަސް ތުހުމަތުތަކާ ގުޅިގެން ސަރުކާރުން ނުވަތަ އެމްއޭސީއެލްގެ ފަރާތުން ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ނޫރައްދީނަކީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، އަދި އެމްއޭސީއެލްގެ ބޯޑުގައި މީގެ ކުރިން ވެސް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

comment ކޮމެންޓް