ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ފަދަ ބަދަލުތަކާ މެދު އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ ވެރިކަންކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީން މަޝްވަރާކޮށް, އެ ބަދަލުތައް އަނބުރާ ގެންދަން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ގޮވާލައްވައިފިއެވެ.
ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދަލުން ބައެއް، ބިމުގެ ތަނަވަސްކަން ލިބިފައިނުވާ މައިމުޅަވާ ދަރިންނަށް ލިބޭ ގޮތް ހެދުމަށް ބިމާ ބެހޭ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި އިސްލާހަށް މިއަދު ވަނީ ބަހުސްކޮށްފައެވެ. އެ ބަހުސްގައި ޢަބްދުލްޣަފޫރު ވިދާޅުވީ، ގާނޫނުއަސާސީއަށް މި ސަރުކާރުގައި ގެނައި ބަދަލުތަކުގެ ސަބަބުން ކަންކަން ގޯހުން ގޯހަށް އެބަ ދާ ކަމަށެވެ.
ޢަބްދުލްޣަފޫރު ވިދާޅުވީ، ދައުލަތުގެ ފައިސާއާއި ކޮރަޕްޝަންގެ މައްސަލަތަކުގައި ވަލިއްޔުލްއަމްރުގެ ޒިންމާއެއް އޮންނާނެ ކަމަށެވެ.

އެންމެންގެ މެދުގައި ހަމަހަމަކަމާއި އިންސާފު އޮންނަންޖެހޭ ކަމާއި، ގާނޫނުގެ ކުރިމަތީގައި އެންމެންނަށް ހަމަހަމަ ފުރުސަތު ލިބެންޖެހޭނެ ކަން އޭނާ ފާހަގަކުރެއްވިއެވެ. އޭރުން ރައްޔިތުންގެ ޝަކުވާތައް މަދުވާނެ ކަމަށް، ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.
އެހެންވީމާ އަޅުގަނޑު ގޮވާލަން ދެ ޕާޓީ ވާހަކަ ދައްކައިގެން ގާނޫނުއަސާސީއަށް ގެނެސްފައި އެހުރި އިސްލާހުތައް އަލުން އަނބުރާ އިޔާދަކުރަން،އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ
ދެ ޕާޓީން އެއްވެ، މަޝްވަރާކުރަން ޢަބްދުލްޣަފޫރު ގޮވާލައްވައިފައި ވަނީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ވެސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން އަލުން ބަލަން ތާވަލުކޮށްފައި ވަނިކޮށެވެ.
އެ އިސްލާހު މަޖިލީހުން ފާސްކުރީ ނޮވެންބަރު 20، 2024ގައެވެ. ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ބިލު ފާސްކުރުމުން، ހަމަ އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އިސްލާހު ތަސްދީގުކުރެއްވިއެވެ.
އެ އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ 17ގައެވެ. އަދި، ދައުލަތުގެ ބަންޑާރަނައިބުގެ ހުށަހެޅުމާ ދެކޮޅަށް، އެ މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ކޯޓުން ނިންމައި، 26 ފެބްރުވަރީއަށް އަޑުއެހުމެއް ތާވަލުކުރިއެވެ.

ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: އޭގެ ތެރެއިން އިސްތިއުފާދެއްވީ ފަނޑިޔާރު ޙުސްނުއްސުޢޫދު (ކ)، ފަނޑިޔާރުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރު (މ-ވ) ވަނީ މަޖިލީހުން ވަކިކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް
އެ އަޑުއެހުން ތާވަލުކުރި ދުވަހުގެ ކުރީ ދުވަހު، ޕީއެންސީގެ ބާރު އޮންނަ މަޖިލީހުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ބިލެއް ފާސްކުރިއެވެ. އަދި 26 ފެބްރުވަރީއަށް ތާވަލުކުރި އަޑުއެހުން ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް، ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމުން އަޑުއެހުން ކެންސަލްވިއެވެ.
އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުން، އެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ހެނދުނު ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.
އޭގެ އިތުރުން، މިދިޔަ އަހަރުގެ ތިންވަނަ ދައުރުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލީހުން ވަނީ، އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީ އިސްލާހުކޮށްފައެވެ. އެ އިސްލާހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހެވެ.
ފާހަގަކުރެވޭ ގޮތުގައި، މަދު ވަގުތުކޮޅެއްގެ ތެރޭ މާ ބޮޑު ބަހުސެއްނެތި މި ސަރުކާރުން ގާނޫނުއަސާސީ އިސްލާހު ކުރި ކުރުމަށް ބުނެ، އާންމުންގެ ފާޑުކިއުން އެކި ފަހަރު މަތިން އަމާޒުވެފައިވެއެވެ.