ޕާކިސްތާނުގައި މިއަދު ފެށި އެމެރިކާއާއި އީރާނުގެ ސުލްހައި ވާހަކަތައް މެދުވެރިއަކާ ނުލައި ސީދާ ގޮތެއްގައި ފަށައިފިއެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހޮނިހިރު ދުވަހުގެ މެންދުރު ފަހު ދެ ފަރާތުގެ މެދުގައި ސީދާ މަޝްވަރާތައް ފެށިކަން ވައިޓް ހައުސްއިން ވަނީ ކަށަވަރުކޮށްދީފައެވެ. ކުރީގެ ބައްދަލުވުން ބާއްވާފައި ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ އެކު ކޮންމެ ފަރާތަކުން ވަކިވަކިންނެވެ.
މެދުވެރިއަކާ ނުލައި މަޝްވަރާތައް ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރާ ކަމަށް ޕާކިސްތާނުން ވަނީ މީގެކުރިން ވަނީ ބުނެފައެވެ.
އީރާނުގެ ދައުލަތުގެ ނޫސް އެޖެންސީން ބުނީ ޕާކިސްތާން ހިމެނޭ ގޮތަށް ތިން ފަރާތެއްގެ މަޝްވަރާތައް ފެށުނީ ލުބުނާނުގެ ދެކުނަށް އިސްރާއީލުން ދޭ ހަމަލާތައް މަދުކުރުން ހިމެނޭ ގޮތަށް އީރާނުގެ ޝަރުތުތައް ފުރިހަމަވުމުން ކަމަށެވެ.
އެމެރިކާގެ ފަރާތުން ވާހަކަތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ނާއިބު ރައީސް ޖޭޑީ ވެންސްއެވެ. އީރާނުގެ ފަރާތުން ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބަޣްރު ޣާލިބާފް ވާހަކަތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ދެ ފަރާތުން ވެސް އަންނަނީ މިހާރު ހަމަލާތައް މެދުކަނޑާލަން ވެފައިވާ ވަގުތީ އެއްބަސްވުން ފުޅާކުރުމަށް މަޝްވަރާކުރަމުންނެވެ.

ޕާކިސްތާނުގެ އިސްލާމްއާބާދުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް (ކ) އާއި އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބަޣްރް ޣަލިބާފް (ވ) ބައްދަލުކުރައްވަނީ. ފޮޓޯ/އޭޕީ
ނަވާރަ ސަތޭކަ ހަތްދިހަ ނުވަ ވަނަ އަހަރު އީރާނަށް އައި އިސްލާމީ އިންގިލާބުގެ ފަހުން އެމެރިކާއާއެކު ބޭއްވި އެންމެ ސީދާ މަޝްވަރާތަކަކީ 2013 ވަނަ އަހަރު އެެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާއި އަލަށް އިންތިޚާބުވި ރައީސް ހަސަން ރޫހާނީއާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން ކުރި މަޝްވަރާތަކެވެ.
މިހާރު މަޝްވަރާތައް ކުރިއަށްދަނީ ޑިޕްލޮމެޓިކް ތަޖުރިބާ މަދު ހަނގުރާމައިގެ ދިފާއުގައި ފަސްޖެހޭ އަދި އީރާނަށް "އަހަރެމެންނާ ކުޅެން މަސައްކަތް" ނުކުރުމަށް އިންޒާރު ދިން ވެންސް އާއި ހަނގުރާމަ ފެށުނު ފަހުން އީރާނުގެ އެންމެ ވަރުގަދަ ބަޔާންތައް ނެރުނު އީރާނުގެ ބާރުގަދަ ރިވޮލިއުޝަނަރީ ގާޑުގެ ކުރީގެ ކޮމާންޑަރު ޤާލިބާފްއާ ދެމެދު އެވެ.
އީރާނުން އެމެރިކާއާއެކު މަޝްވަރާތައް ފެށީ އީރާނުން ހުށަހެޅި ޝަރުތުތަކަށް އެެމެރިކާއިން އެއްބަސްވުމުންނެވެ. ޝަރުތުތަކުގެ ތެރޭގައި އީރާނަށް ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު ލިބިދިނުމާއި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ގެއްލުންތަކުގެ ބަދަލު ދޭންޖެހުމާއި މެދުއިރުމަތިން އެމެރިކާ އަސްކަރީ ބާރުތައް ބޭލުން ހިމެނެއެވެ.