ކައުންސިލް އިންތިޚާބު: ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތަކުގެ އިންތިޚާބު 18ގައި

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން: ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތަކުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާއްވަނީ --- ފޮޓޯ/ އިލެކްޝަންސް ކޮމިޝަން

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު (18 އޭޕްރިލް 2026) ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާއާއެކު ދެވަނަ ބުރަށްދާ ދާއިރާތައް އިއުލާންކުރާއިރު، އިންތިޚާބާ ގުޅޭ 170 ޝަކުވާއެއް ވަނީ ހުށަހަޅާފައެވެ. މި އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވާއިރު، ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނެގި ވޯޓުގައި ބައިވެރިވި މީހުންގެ 68.7 ޕަސެންޓް ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

  • ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ 2026 އޭޕްރިލް 18 ވާ ހޮނިހިރު ދުވަހުއެވެ.
  • އިންތިޚާބާ ގުޅޭ 170 ޝަކުވާއެއް ހުށަހަޅާފައިވާއިރު، މައްސަލަތައް 14 ދުވަސްތެރޭ ހައިކޯޓަށް ހުށަހެޅޭނެއެވެ.
  • 215،346 މީހުން ވޯޓުލާފައިވާއިރު މިއީ ރެކޯޑް އަދަދެކެވެ.
  • ގިނަ ގޮނޑިތައް އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް 68.7 ޕަސެންޓް މީހުން ނޫނެކޭ ބުނެފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި، ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތަކުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ކައުންސިލާއި ޑަބްލިޔުޑީސީގެ އިތުރުން، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައިފައިވެއެވެ.

އެ އިންތިޚާބުތަކުގެ ރަސްމީ ނަތީޖާ އިއުލާން ކުރަން ހަމަޖެހިފައިވަނީ 14:30އިން ފެށިގެންނެވެ.

އެކަމާ ގުޅޭ ގޮތުން، އީސީގެ ރައީސް މުޙައްމަދު ޒާހިދު މިއަދު ދެއްވި ބަޔާނެއްގައި ވިދާޅުވީ، އިންތިޚާބުތައް ކުރިއަށްގެންދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިޚާބުތަކުގެ ޝަކުވާގެ ގޮތުގައި ޖުމްލަ 170 ޝަކުވާ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ލިބިފައިވާއިރު، ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ޝަކުވާތަކަށް ޖަވާބުދިނުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާކަމަށެވެ.

އިންތިޚާބުތަކާ ގުޅިގެން ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅައިފައިވާ ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ދޭ ޖަވާބުތަކާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާކަން ޒާހިދު ފާހަގަކުރެއްވިއެވެ.

އެގޮތުން މައްސަލަތައް މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭނެ. އަދި މި އިންތިޚާބުގެ ދެވަނަ ބުރަށް ދާ ދާއިރާތަކުގެ އިންތިޚާބު 2026 އޭޕްރިލް އާދެ، މި މަހުގެ 18 ވާ ހޮނިހިރު ދުވަހު ބޭއްވިގެންދާނެ. މިކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތަކުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ފަށައިފިން. އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު

ޒާހިދު ވަނީ ވޯޓުލުމުގެ އެންމެހާ ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި އިންތިޒާމު ކުރުމަށް ޓަކައި، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކުގެ އިތުރުން، ސިޔާސީ ޕާޓީތަކުންނާއި ޖަމިއްޔާ ޖަމާތްތަކުންނާއި އާންމު ރައްޔިތުން އެެ ކޮމިޝަނަށް ދީފައިވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރުއަދާކުރައްވައިފައެވެ.

އޭނާ ވަނީ މުސްތަގުބަލުގައި ވެސް އަދުލުވެރިކަމާއެކު އިންތިޚާބުގެ މަސައްކަތްތައް ކުރަމުންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފައެވެ.

ކައުންސިލާއި ޑަބްލިޔުޑީސީ އިންތިޚާބުގެ ތެރެއިން: ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތަކުގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އީސީން ބުނީ، ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތައް އިއުލާންކުރާނީ ރަސްމީ ނަތީޖާއާއެކު ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚީޔާލު ހޯދުމަށްނެގި އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުމުމުގެ ހާއްގުލިބުނުއިރު 215،346 މީހުން ވަނީ ވޯޓުލުމުގެ ޒިންމާ އަދާކޮށްފައެވެ.

އީސީން ބުނީ މިއީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބެއްގައި އެންމެ ގިނަ އަދަދެއްގެ މީހުން ވޯޓުލުމަށް ނިކުތް ފަހަރުކަމަށެވެ.

ކައުންސިލް އިންތިޚާބާއި ޑަބްލިޔުޑީސީގެ އިންތިޚާބުން ދައްކާ ގޮތުން، ގިނަ އަދި އެންމެ މުހިންމު ގޮނޑިތައް ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެ އިންތިޚާބުތަކުގެ އިތުރުން، ފެންނަ ނުފެންނަ ވޯޓު ވެސް ނިމިފައިވަނީ ސަރުކާރުން ކެމްޕޭން ކުރި ގޮތާ ޚިލާފަށެވެ.

ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް މި ސަރުކާރުން ވަކާލާތު ކުރަމުން އައީ، އޭގެ ސަބަބުން ޚަރަދު ކުޑަވެ، ކޮރަޕްޝަން ވެސް ކުޑަވާނެ ކަމަށް ބުނެއެވެ. ނަމަވެސް ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، ވޯޓުގައި ބައިވެރިވި 68.7 ޕަސެންޓް މީހުން ވަނީ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅު ކަމަށް ބުނެފައެވެ.

comment ކޮމެންޓް