މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކަށްފަހު، އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތައް ހައްލުކުރުމަށް ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގައި މައްސަލަ ހޫނުވީ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ނަޝީދު ވާހަކަފުޅުދައްކަވަން ފުރުސަތު ނުދިނުމުގެ ސަބަބުންނެވެ. އެ މައްސަލައިގައި ފައްޔާޒާއި ނަޝީދުގެ އިތުރުން، އެ ބޭފުޅުންނަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ އެ ޖަލްސާ ބޮއިކޮޓްކުރައްވާފައެވެ.
އޭގެ ފަހުން، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަކިކުރަން, 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ވެސް ހުށަހަޅައި، އެ މައްސަލައަށް ގޮތެއް ނިންމަށް އަންނަ ހޯމަ ދުވަހަށް ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ވެސް އޮތީ ތާވަލުކޮށްފައެވެ.
ޗެއާޕާސަންކަމުން ޣަފޫރު ވަކިކުރަން ހުށަހެޅީ ވެސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ފަރާތުންނެވެ.
އެ މައްސަލައިގައި ޕާޓީގެ އެތެރެ ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށް ރޭ، ޅ. ހިންވަރުގައި ބޭއްވި ޖަލްސާއެއްގައި ޞާލިޙް ވަނީ، ޚިޔާލުތަފާތުވުންތައް ހައްލުކޮށް މިހާރު އެއްގަލަކަށް އަރާފައިވާ ކަމަށް ވިދާޅުވެފައެވެ.
އެކަމަށް އިޝާރާތް ކުރައްވައި، ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ ޚިލާފުތައް ހަމަޖެއްސުމަށް ފައްޔާޒު ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ރައީސް ޞާލިޙާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ވެސް މަރުހަބާ ދަންނަވަން،" ނަޝީދު ލިޔުއްވާފައިވެއެވެ.
ރޭ ޞާލިޙު ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީ ކުރިއަށް ދާނީ މުޅި ލީޑާޝިޕް އެކުގައި އޮވެގެން ކަމަށެވެ. އެ އިންތިޚާބަށް، ޞާލިޙާއި ފައްޔާޒާއި ނަޝީދު ވެސް ޝައުގުވެރިކަން ފާޅުކުރައްވައިފައިވެއެވެ.
އެމްޑީޕީގެ އެތެރޭގައި ހިތްހަމަނުޖެހުންތަކެއް އުފެދުނު އިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ވެސް އެ ޕާޓީގައި ބައިބައިވުން އުފެދުނެވެ. އޭރު ވެރިކަމުގައި އޮތް އެ ޕާޓީން، ރިޔާސީ ޓިކެޓް ޞާލިޙް ކާމިޔާބު ކުރެއްވި ފަހުން، އެ މަނިކުފާނުގެ ފެކްޝަނަކާއި ނަޝީދުގެ ފެކްޝަނެއް އުފެދުނެވެ.
އޭރު ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވިއެވެ. ނަމަވެސް، އެ މެންބަރުން ފަހުން އެމްޑީޕީއާ ގުޅިވަޑައިގެން، ކައުންސިލު އިންތިޚާބުގެ ކެމްޕެއިނަށް ރަށްތަކަށް ވަޑައިގެން އުޅުއްވިއެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ބުނާ ގޮތުގައި، އެ ޕާޓީއަށް ކައުންސިލް އިންތިޚާބުގައި ބޮޑު ކާމިޔާބެއް ލިބުނީ ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ޕާޓީން ކުރި މަސައްކަތުންނެވެ.