ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް، އީރާނުގެ އޮފިޝަލުންގެ ޕާކިސްތާނަށް

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދޭ ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތަކަށް އީރާނުގެ އޮފިޝަލުން ވަނީ ޕާކިސްތާނަށް ވަޑައިގަންނަވާފައި. ފޮޓޯ/ރޮއިޓާސް

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް އީރާނުގެ މަތީ ފަންތީގެ އޮފިޝަލުން ޕާކިސްތާނަށް ވަޑައިގެން، އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މި މަޝްވަރާތަކުގެ މައިގަނޑު މަގުސަދަކީ އެމެރިކާއާއި އިސްރާއީލުން ދެމުންދާ ހަމަލާތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި، ދާއިމީ އެއްބަސްވުމަކަށް ވާސިލުވުމެވެ. ނަމަވެސް ލުބުނާނުގެ ހަނގުރާމައާއި، އީރާނުގެ މުދާތައް ހިފެހެއްޓުމާއި، ހޮރްމުޒް ކަނޑުއޮޅީގެ މައްސަލަތަކާ ގުޅިގެން ގޮންޖެހުންތަކެއް އެބަހުއްޓެވެ.

  • އީރާނުގެ މަތީ ފަންތީގެ ވަފުދެއް ޕާކިސްތާނުގެ އިސްވެރިންނާ ބައްދަލުކުރެއްވުން
  • ވަގުތީގޮތުން ހަނގުރާމަ މެދުކަނޑާލާފައިވީ ނަމަވެސް ދާއިމީ ހައްލަކަށް ގޮންޖެހުންތަކެއް ހުރުން
  • އީރާނުގެ މައިގަނޑު ޝަރުތަކީ ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލުމާއި މުދާތައް ދޫކޮށްލުން
  • ދާއިމީ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ހަމަލާތައް ވަރުގަދަކުރާނެކަމުގެ އިންޒާރު އެމެރިކާއިން ދިނުން

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް އީރާނުގެ މަތީ ފަންތީގެ އޮފިޝަލުން ޕާކިސްތާނަށް ވަޑައިގެންފިއެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނީ އީރާނުގެ ވަފުދުގެ އިސްވެރިޔަކީ ޕާލަމެންޓްގެ ރައީސް މުހައްމަދު ބަޣްރު ޣަލިބާފް ކަމަށާއި އެ ވަފުދުގައި ހިމެނެނީ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އާއި ޑިފެންސް ކައުންސިލްގެ ސެކްރެޓަރީ އާއި އީރާނުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އިސްހާގު ދާރާއި ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް އާސިމް މުނީރާއި އެހެނިހެން ބޭފުޅުން ވަނީ އީރާނުގެ އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ.

އެެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދެމުންއައި ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލި ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން، ދާއިމީ އެއްބަސްވުމަކަށް ބަދަލުކުރާނެ ގޮތާ ގުޅޭ ގޮތުން ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ.

މަޝްވަރާތަކުގައި ކުރިއެރުން ހޯދުމަކީ ބުރަ މަސައްކަތަކަށް ވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވިއެވެ.

"ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމެއް އިއުލާން ކުރި ނަމަވެސް މިހާރު ކުރިއަށް އޮތީ އެއަށްވުރެ އުނދަގޫ މަރުހަލާއެއް، ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމުގެ މަރުހަލާ، މުއާމަލާތްތަކުގެ ތެރެއިން މައްސަލަތައް ހައްލުކުރުމުގެ މަރުހަލާ." އޭނާ ވިދާޅުވިއެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި މަޝްވަރާތައް ފެށޭނީ އީރާނުން ކުރިން ކަނޑައާޅާފައިވާ ދެ ޝަރުތު ކަމަށްވާ، ލުބުނާނު ހަނގުރާމަ ހުއްޓާލުމަށާއި އީރާނުގެ އެސެޓްތައް ފްރީޒް ނުކުރަން އެމެރިކާއިން އެއްބަސްވުމުންނެވެ.

އީރާނާއި އެމެރިކާ ހަނގުރާމައިގެ ވަގުތީ އެއްބަސްވުމުގައި ލުބުނާނަށް ހަމަލާ ދިނުން ހުއްޓާލުމަށް ހުށަހަޅާފައިވި ނަމަވެސް އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުން އަދިވެސް އަންނަނީ ލުބުނާނަށް ހަމަލާދެމުންނެވެ. ލުބުނާނުގެ ދެކުނުގެ ނަބަތިއްޔާ ސިޓީއަށް އިއްޔެ ދިން ހަމަލާއެއްގައިވެސް 13 މީހުން މަރުވެފައިވާ ކަމަށް ސްޓޭޓް ސެކިއުރިޓީ އެޖެންސީން ބުނެއެވެ.

ރަސްމީ މަސްދަރުތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނާ ގޮތުގައި މަޝްވަރާތަކުގައި އީރާނުގެ ނިއުކްލިއާ މުއްސަނދިކުރުމާއި ހޮރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ވިޔަފާރި މިނިވަންކަމާއެކު ކުރިއަށް ގެންދިއުން ފަދަ ނާޒުކު ބައެއް ނުކުތާތައް ހިމެނެއެވެ.

ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފެށި ފަހުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަލުން ހުޅުވަން ނިންމާފައިވާ ކަނޑުއޮޅި އީރާނުން ބަލަހައްޓާ ގޮތާ މެދު ނުރުހުން ފާޅުކުރައްވާފައެވެ.

ހަނގުރާމަ މެދުކަނޑާލައި ހުރްމޮޒް ކަނޑުއޮޅި އަލުން ހުޅުވާނެ އީރާނުން ބުނި ނަމަވެސް ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެލާއި ގިނަ އަދަދެއްގެ ގުދުރަތީ ގޭހާއި ގަސްކާނާވެސް އުފުލާ އެ ކަނޑުއޮޅިން ހަނގުރާމަ މެދުކަނޑާލި ފަހުން ހުރަސް ކޮށްފައި ވަނީ މަދު އުޅަނދެކެވެ.

ދާއިމީ އެއްބަސްވުމަކަށް ނާދެއްވިއްޖެނަމަ، އަނެއްކާވެސް ހަމަލާތައް ވަރުގަދަކޮށް ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް