ފ. ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާންގަނޑު އިތުރު ތިން ދޯންޏަކާއި އައިސްޕްލާންޓަށް ފެތުރި، މީހަކު ވަރަށް ބޮޑަށް ފިހިގެން ފަރުވާދެމުން އަންނަ ކަމަށް އެ ރަށު މީހަކު ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި، ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، އަނދަމުންދާ ކަމުގެ ރިޕޯޓުލިބުނީ މިއަދު 09:15 ހާއިރެވެ.
އެ އަލިފާންގަނޑު ނިއްވާލުމަށް އެ ސަރަހައްދުގައި ފުލުހުންނާއި ކަމާގުޅުން ހުރި އިދާރާތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
އެ ރަށުން 'ސަން'އާ ވާހަކަދެއްކި މީހަކު ބުނީ، އަލިފާންގަނޑު އިތުރު ތިން ދޯންޏަކަށް ފެތުރި، ބޭނުންނުކުރެވޭ ވަރަށް އެ ދޯނިތައް އަނދާފައިވާ ކަމަށާއި އައިސްޕްލާންޓަށް ވެސް އަލިފާންގަނޑު ފެތުރިފައިވާ ކަމަށެވެ.
އަނދާ ހުލިވީ، ތިން މަސް ދޯނި ކަމަށްވާއިރު، އެ ހާދިސާގައި ބިދޭސީއަކު ވަރަށް ބޮޑަށް ފިހިގެން ފީއަލީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށް އެ މީހާ ބުންޏެވެ.
އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ހުރެ، އެ މީހާ ކިޔައިދިން ގޮތުގައި، ފެނާއި ފޯމު ޖަހައިގެން އަލިފާން ނިއްވުމަށް އެމްއެންޑީއެފާއި ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މީގެއިތުރުން، އަލިފާން ރޯވީ ބޯޓުން ތެޔޮ ހުސްކުރަން ހެނދުނުގެ ވަގުތެއްގައި ބަނދަރާ ކައިރިކޮށްފައި ވަނިކޮށް، ޕަންޕު ޖެއްސި ގަޑީގައި ކަމަށް އެމީހާ ވަނީ ބުނެފައެވެ.