އެމްޕީއެލްއިން ޚަރަދު ކުޑަ ކުރަން މަސައްކަތު ގަޑި ކުރުކޮށްފި؛ ''މުދާ ކްލިއާ ކުރުމުގެ ވަގުތަށް ބަދަލެއް ނާންނާނެ''

އެމްޕީއެލްގެ މަސައްކަތްތަކުގެ ތެރެއިން: އެމްޕީއެލްއިން ޚަރަދު ކުޑަ ކުރަން އިދާރީ މުވައްޒަފުންގެ މަސައްކަތު ގަޑިވަނީ ކުރުކޮށްފައި -- ފޮޓޯ/ އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ޚަރަދު ކުޑަ ކުރުމުގެ ގޮތުން، އިދާރީ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ކުރު ކުރަން ނިންމައިފައިވާ ކަމަށާއި ނަމަވެސް އޭގެ ސަބަބުން، މުދާ ކްލިއާ ކުރުމުގެ މަސައްކަތަށް ބަދަލެއް ނާންނާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އެމްޕީއެލްއިން ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކެއް އަޅަން ނިންމިކަން އިއުލާންކުރީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަރުކާރު ކުންފުނިތަކާއި ސަބްސިޑަރީ ކުންފުނިތަކުން ޚަރަދުކުޑަކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު (ޕީސީބީ)ން އަންގައިފައި ވަނިކޮށެވެ.

އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ވަނީ، ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވާ ހިރާސްތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، އަންގާރަ ދުވަހުން ފެށިގެން ބަދަލުތަކެއް ގެންނަން ނިންމައިފަައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

https://sun.mv/220343

އެމްޕީއެލްއިން އިއުލާންކުރި ފިޔަވަޅުތަކުގެ ތެރޭގައި، ޝިފްޓް އުސޫލުން މަސައްކަތްނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑި ކުރުކުރުން ހިމެނެއެވެ. އެގޮތުން، އެ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑިއަކީ 7:30އިން 14:00އަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ. މީގެ ކުރިން އެ މުވައްޒަފުން މަސައްކަތް ކުރަމުން އައީ 7:30 އިން 15:30 އަށެވެ.

ހަމައެއާއެކު، އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު އަށް ގަޑިއިރަށްވުރެ އިތުރުނުކުރުމަށް ވެސް އެމްޕީއެލްއިން ވަނީ ނިންމައިފައެވެ. އަދި ރާއްޖޭން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުުރުތައް ހުއްޓާލިކަން ވެސް އެ ކުންފުނީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމްޕީއެލް ސަރަހައްދު: އެ ކުންފުނިން ވަނީ ޚަރަދު ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އަޅައިފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭން ބޭރަށް ކުރަން ޖެހޭ ދަތުރުތަކުގައި ވެސް، ބޭރުގެ ފަރާތްތަކުން ޚަރަދުތައް ހަމަޖައްސާ ގޮތަށް ދަތުރުކުރުމަށާއި، ރާއްޖޭން ބޭރުގައި ތިބި ކަސްޓަމަރުންނާއި ސްޕްލަޔަރަކުންނާ އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމަށް އެމްޕީއެލްއިން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން އެ ކުންފުނިން ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި:

  • ރާއްޖޭން ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރިއަށް ގެންދާ ޓްރެއިނިންތައް މި ވަގުތަށް ހުއްޓާލައި، އެފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުން
  • މި މަހުގެ 15 ވަނަ ދުވަހު ބާއްވަން އޮތް، މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026 ފަސްކުރުން. އެ ކޮންފަރެންސް މިހާރު ތާވަލުކޮށްފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހަށް.
  • ކަރަންޓުގެ ޚަރަދު ކުޑަކުރުން. ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށާއި، ކަރަންޓު އިސްރާފު ކުޑަކުރެވޭނެ އާދަތަކަށް މުވައްޒަފުންގެ އަހުލުވެރިކުރުމަށް ހަރަކާތްތަކެއް ހިންގުން.

އެމްޕީއެލްއިން ވަނީ، އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު އަށް ގަޑިއިރަށްވުރެ އިތުރުނުކުރުމަށް ނިންމި ނަމަވެސް، މާލޭ ވިޔަފާރި ބަނދަރުގެ މުދާ ބޭލުމާއި މުދާ ކްލިއާކުރުމުގެ މަސައްކަތްތައް ހިނގާ ވަގުތުތަކަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް ބުނެފައެވެ. އަދި، މި ބަދަލާއެކުވެސް، މުދާ ބޭލުމާއި ކްލިއާކުރުމުގެ ޚިދުމަތްތައް މިހާރެކޭ އެއް ގޮތަށް ކަސްޓަމަރުންނަށް ލިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވެއެވެ.

އެމްޕީއެލްއިން ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކެއް އިއުލާންކުރީ އެ ކުންފުނިން ހިންގާ މާލެ ޕޯޓުން މުދާ ހުސްކުރުމުގައި ވަރަށް ގިނަ ދުވަސްވާ ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ނުފޮނުވި އެތައް ކޮންޓެއިނަރެއް އެހެން ގައުމުތަކުގައި ތާށިވެފައި އެބަ ހުރިކަމަށް ވިޔަފާރިވެރިން ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.

https://sun.mv/220322

އެ މައްސަލައިގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ވިދާޅުވީ، ސްރީލަންކާގެ ކޮލޮމްބޯގައި 4،200 ކޮންޓެނިއަރު، ރާއްޖެ ނުގެނެވި އެބަހުރި ކަމަށް ވިދާޅުވެފައެވެ.

އޭގެ ތެރެއިން 80 ކޮންޓެއިނަރެއް އަވަސްކޮށްދޭން ވިޔަފާރިވެރިން އެދިފައިވާ ކަމަށާއި އެހެންވެ، ކޮލޮބްމޯގެ ޕޯޓް އެޑްމިނިސްޓްރޭޝަނާ ގުޅިގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

comment ކޮމެންޓް