މާލޭގެ ވިޔަފާރި ބަނދަރުން މުދާ ހުސްކުރުމުގައި ދަތިތައް ދިމާވެފައިވާއިރު، ލަންކާގެ ކޮލޮމްބޯ ޕޯޓުގައި ރާއްޖެ ނުގެނެވި 4،200 ކޮންޓެނިއަރު އެބަ ހުރި ކަމަށާއި އޭގެތެރެއިން 80 ކޮންޓެނިއަރު އަވަސް ކުރުމަށް ވިޔަފާރިވެރިން އެދިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ މާލެ ޕޯޓުން މުދާ ހުސްކުރުމުގައި ވަރަށް ގިނަ ދުވަސްވާ ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ނުފޮނުވި އެތައް ކޮންޓެއިނަރެއް އެހެން ގައުމުތަކުގައި ތާށިވެފައި އެބަ ހުރިކަމަށް ވިޔަފާރިވެރިން އަންނަނީ ބުނަމުންނެވެ.
ކުރިން ދެތިން ދުވަހެއްގެ ތެރޭގައި މުދާ ހުސްކުރެވުނު ނަމަވެސް، މިހާރު އެ ކަމަށް ދެ ހަފުތާ ނުވަތަ 18 ވަރަކަށް ދުވަސްވާ ކަމަށް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.
އެހެން އެ ކަން އޮއްވައި، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވަނީ އެ ކަމަށް އިޝާރަތްކުރައްވައި ވާހަކަދައްކަވާފައެވެ.
މިނިސްޓަރު ސައީދު: ވިދާޅުވީ، ކޮލޮމްބޯ ޕޯޓުގައި ރާއްޖެ ނުގެނެވި 4،200 ކޮންޓެއިނަރު އެބަހުރި ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖެއަށް މުދާ ގެންނަމުން ދިޔަ ނަމަވެސް 4،200 ކޮންޓެނިއަރު ކޮލޮމްބޯގައި އަދި ރާއްޖެ ނުގެނެވި އެބަހުއްޓެވެ.
މިހާރު ވެސް ވިޔަފާރިވެރިން އެދިވަޑައިގެންފައި އެބައޮތް 80 ކޮންޓެއިނަރެއް އަވަސްކޮށްދޭން. އެހެންވީމަ ކޮލޮބްމޯގެ ޕޯޓް އެޑްމިނިސްޓްރޭޝަނާއި އަޅުގަނޑުމެންގެ ވިޔަފާރި ބަނދަރާއި ސަރުކާރުގެ އިދާރާތަކާ [ފޮރިން މިނިސްޓްރީ ހިމެނޭހެން] ގުޅިގެން ކުރާ މަސައްކަތުގެ ތެރޭގައި މުދާ ރާއްޖެއަށް މި ހުންނަނީ އަބަދު ވެސް އައިސް އައިސްއިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
އިތުރަށް ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ވިޔަފާރި ބަނދަރަށް އަންނަ ދަތިތަކާއި މުދާ ނުގެނެވި ގިނަ ދުވަސްވާތީ ބާޒާރަށް އަންނަ ގޮންޖެހުންތައް ހައްލުކުރުމަށް ވިޔަފާރިވެރިންނާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިގޮތުން، އަސާސީ ކާބޯތަކެތީގެ ދެ ބާވަތެއްގެ މުދާ ތަންކޮޅެއް އަވަހަށް ގެނައުމަށް އެދިފައިވާ ކަމަށާއި އެ ކަމަށް އިސްކަންދެމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ. އެއީ، ކިރާއި ސަން ފްލާވާ ތެޔޮ ކަމަށްވާއިރު، އަސާސީ ކާބޯތަކެތި ހުސްވިޔަ ނުދިނުމަށް މަސައްކަތް ކުރާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.