ކުޑަކުދިންނަށް ކުރާ ގޯނާ އިތުރުވާތީ، އޯޕަންއޭއައި އިން ސަލާމަތީ އައު އުސޫލުތަކެއް

އިންޓަނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ކުރާ ގޯނާ ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ---

އިންޓަނެޓުގައި ކުޑަކުދިންގެ ރައްކާތެރިކަމާމެދު ކަންބޮޑުވުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ޒަރީއާއިން ކުޑަކުދިންނަށް ކުރާ ގޯނާތަކުން އެކުދިން ސަލާމަތްކުރުމަށްޓަކައި، އޯޕަންއޭއައި އިން "ޗައިލްޑް ސޭފްޓީ ބްލޫޕްރިންޓް" ގެ ނަމުގައި އައު އުސޫލުތަކެއް އަންގާރަ ދުވަހު އާންމުކޮށްފިއެވެ.

މި އުސޫލުތަކުގެ މައިގަނޑު ބޭނުމަކީ އޭއައި ބޭނުންކޮށްގެން ކުޑަކުދިންނަށް ކުރާ ގޯނާތައް އަވަހަށް ދެނެގަނެ، އެފަދަ މައްސަލަތައް ރިޕޯޓުކުރުން ހަރުދަނާކޮށް، އަދި ތަހުގީގުކުރުން އަވަސްކުރުމެވެ.

https://sun.mv/219527

މި ބްލޫޕްރިންޓުގެ މައިގަނޑު އަމާޒަކީ އޭއައި ޓެކްނޮލޮޖީއާއެކު ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާތީ އެކަމަށް ހައްލެއް ހޯދުމެވެ.

އިންޓަނެޓް ވޮޗް ފައުންޑޭޝަން (އައިޑަބްލިއުއެފް) އިން ހާމަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އޭއައި މެދުވެރިކޮށް އުފައްދާފައިވާ ކުޑަކުދިންގެ ބަރަހަނާ މަންޒަރުތަކުގެ 8،000 އަށްވުރެ ގިނަ ރިޕޯޓު ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 14 އިންސައްތައިގެ އިތުރުވުމެކެވެ.

ކުށްވެރިން ދަނީ އޭއައި ޓޫލްތައް ބޭނުންކޮށްގެން ކުޑަކުދިންގެ ފޭކު ބަރަހަނާ ފޮޓޯ ހަދައިގެން ފައިސާ ހޯދުމަށް ބްލެކްމެއިލްކޮށް، ކުދިން ގްރޫމް ކުރުމަށްޓަކައި ހަގީގަތާ އެއްގޮތް މެސެޖުތައް އުފައްދަމުންނެވެ.

އޯޕަންއޭއައި އިން މި އައު ފިޔަވަޅުތައް އަޅާފައި މިވަނީ، އޭއައި ޗެޓްބޮޓްތަކާ ވާހަކަދެއްކުމުގެ ސަބަބުން ބައެއް ޒުވާނުން އަމިއްލައަށް މަރުވުމުގެ ހިތާމަވެރި ހާދިސާތަކަކާ ގުޅިގެން ގާނޫނު ހަދާ ފަރާތްތަކާއި، ތައުލީމީ ދާއިރާގެ ބޭފުޅުން އަދި ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ ފާޑުކިޔުން އެ ކުންފުންޏަށް ވަރަށް ބޮޑަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ ނޮވެމްބަރު މަހު، ސޯޝަލް މީޑިއާ ވިކްޓިމްސް ލޯ ސެންޓާ އަދި ޓެކް ޖަސްޓިސް ލޯ ޕްރޮޖެކްޓުން ވަނީ ކެލިފޯނިއާގެ ކޯޓުތަކަށް އޯޕަންއޭއައިއާ ދެކޮޅަށް ހަތް ދައުވާއެއް ހުށަހަޅާފައެވެ. މި ދައުވާތަކުގައި ތުހުމަތުކޮށްފައި ވަނީ، އޯޕަންއޭއައި އިން އެ ކުންފުނީގެ 'ޖީޕީޓީ-4އޯ' އާންމުކޮށްފައިވަނީ އެއަށް ފުރިހަމައަށް ތައްޔާރުނުވެ ކަމަށެވެ. އަދި އެ ޕްރޮޑަކްޓަކީ ނަފްސާނީ ގޮތުން މީހުންނަށް ނުފޫޒުފޯރުވާ އެއްޗަކަށް ވުމުން، އޭގެ ސަބަބުން ހަތަރު މީހަކު އަމިއްލައަށް މަރުވެ، އަދި އިތުރު ތިން މީހަކަށް ނަފްސާނީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާންޖެހުނު ކަމަށް އެ ދައުވާތަކުގައި ބުނެފައިވެއެވެ.

މި އައު ބްލޫޕްރިންޓް އެކުލަވާލާފައި ވަނީ އެމެރިކާގެ ނޭޝަނަލް ސެންޓާ ފޯ މިސިން އެންޑް އެކްސްޕްލޮއިޓެޑް ޗިލްޑްރަން (އެންސީއެމްއީސީ) އާއި އެޓާނީ ޖެނެރަލް އެލަޔަންސް ގުޅިގެންނެވެ. އަދި ނޯތު ކެރޮލައިނާގެ އެޓާނީ ޖެނެރަލް ޖެފް ޖެކްސަންއާއި ޔޫޓާގެ އެޓާނީ ޖެނެރަލް ޑެރެކް ބްރައުންގެ ލަފަޔާއި އިރުޝާދު ވެސް މީގައި ހިމަނާފައިވެއެވެ.

އޯޕަންއޭއައި އިން ބުނާ ގޮތުގައި މި ބްލޫޕްރިންޓުގައި މައިގަނޑު ތިން ކަމަކަށް އަލިއަޅުވާލާފައިވެއެވެ. އެއީ، އޭއައި މެދުވެރިކޮށް އުފައްދާ ގޯނާކުރުމުގެ މާއްދާތައް (އެބިއުސް މެޓީރިއަލް) ހިމެނޭ ގޮތަށް ގާނޫނުތައް އިސްލާހުކުރުމާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ރިޕޯޓުކުރާ ނިޒާމުތައް އިތުރަށް ފުރިހަމަކުރުމާއި، އަދި އޭއައި ސިސްޓަމްތަކުގެ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް (ޕްރިވެންޓޭޓިވް ސޭފްގާޑްސް) ގާއިމުކުރުމެވެ. މީގެ ބޭނުމަކީ ނުރައްކާތައް ކުރިޔާލާ ދެނެގަތުމުގެ އިތުރުން، ތަހުގީގުކުރާ ފަރާތްތަކަށް އަވަހަށް މައުލޫމާތު ފޯރުކޮށްދިނުމެވެ.

ކުޑަކުދިންގެ ރައްކާތެރިކަމަށް އޯޕަންއޭއައިއިން އަލަށް ނެރުނު މި އުސޫލުތަކަކީ، މީގެ ކުރިން 18 އަހަރުން ދަށުގެ ކުދިންނަށް ޚާއްސަކޮށްގެން ހަދާފައިވާ ގަވާއިދުތައް އިތުރަށް ހަރުދަނާކުރުމަށް އެޅުނު ފިޔަވަޅެކެވެ.

ކުރީގެ ގަވާއިދުތަކުގެ ދަށުންވެސް، ނޭދެވޭ ކޮންޓެންޓް އުފެއްދުމާއި، އަމިއްލައަށް ގެއްލުންދިނުމަށް ހިތްވަރުދިނުން ވަނީ މަނާކޮށްފައެވެ. އަދި ބެލެނިވެރިންނަށް ސިއްރުން ނުރައްކާތެރި ކަންކަން ކުރުމަށް ކުދިންނަށް މަގުފަހިވާފަދަ ލަފާދިނުން ވެސް އެ ކުންފުނިން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ދާދި ފަހުން އޯޕަންއޭއައި އިން ވަނީ އިންޑިއާގެ ފުރާވަރުގެ ކުދިންނަށް ޚާއްސަ ރައްކާތެރިކަމުގެ އުސޫލުތަކެއް ވެސް ނެރެފައެވެ.

comment ކޮމެންޓް