ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް މިދިޔަ މަހު އިތުރުވެ، 92އަށް

ކުޑަކުދިންތަކެއް: ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް މިދިޔަ މަހު އިތުރުވެ، 92އަށް ވަނީ އަރައިފައި -- ސަން ފޮޓޯ

ފެމިލީ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތުން ޖުމްލަ 92 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެން ކުދިންނަށް ލިބިފައިވާ އަނިޔާގެ މައްސަލަތަކެވެ. އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކެވެ. އަދި ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 50 މައްސަލަ ވެސް ރިޕޯޓުކޮށްފައިވެއެވެ.

  • ފާއިތުވި މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 92 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
  • މީގެ ތެރޭގައި 60 އަންހެން ކުދިންނާއި 32 ފިރިހެން ކުދިން ހިމެނެއެވެ.
  • އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުދިންނަށް އިހުމާލުވުމުގެ 24 މައްސަލައެކެވެ.
  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 50 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ފެމިލީ މިނިސްޓްރީއަށް ރިޕޯޓުކުރި މިންވަރު މިދިޔަ މަހު އިތުރުވެ، 92އަށް އަރައިފިއެވެ.

ފެމިލީ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އެއީ އަންހެން ކުދިންނާ ގުޅުންހުރި 60 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅުންހުރި 32 މައްސަލައެވެ.

އެއާ އަޅައިބަލާއިރު ފެބްރުވަރީ މަހު ރިޕޯޓުކޮށްފައިވަނީ އެފަދަ 74 މައްސަލައެކެވެ.

ފެމިލީ މިނިސްޓްރީން ބުނީ، މިދިޔަ ފެބްރުވަރީ މަހާ އެއްގޮތަށް މިދިޔަ މަހު ވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށެވެ. އެގޮތުން އެ ބާވަތުގެ 24 މައްސަލައެއް ހުށަހަޅައިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާ ގުޅޭ އަށް މައްސަލައަކާއި އަންހެން ކުދިންނާ ގުޅޭ 16 މައްސަލައެކެވެ.

ކުޑަކުދިންނަށް ކޮށްފައިވާ އެހެން ބާވަތްތަކުގެ އަނިޔާތަކަށް ބަލާއިރު، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 19 މައްސަލައާއި، ޖިސްމާނީ ހާނިއްކައިގެ 18 މައްސަލަ ވެސް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ޖިންސީ ހާނިއްކައިގެ 13 މައްސަލައާއި ނަފްސާނީ ހާނިއްކައިގެ ހަ މައްސަލައާއި ޖިންސީ ގޮތުން "ގްރޫމް" ކުރުމުގެ ފަސް މައްސަލަ ވެސް ފެމިލީ މިނިސްޓްރީއަށް ހުށަހަޅައިފައިވެއެވެ. އަދި އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ ދެ މައްސަލައާއި އިންޓަނެޓް މެދުވެރިކޮށް ޖިންސީ ގޮތުން "ގްރޫމް" ކުރުމުގެ މައްސަލައަކާއި، ކުޑަކުދިންގެ ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯގެ މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވެއެވެ.

ފެމިލީ މިނިސްޓްރީން އާންމުކުރި އިތުރު ތަފާސްހިސާބުގައި ވަނީ، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ ޖުމްލަ 50 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އެގޮތުން، އެ ބާވަތުވެ 24 މައްސަލައެއް ވަނީ މިދިޔަ މަހު ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާ ގުޅޭ 18 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ ހަ މައްސަލައެކެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ނަފްސާނީ އަނިޔާކުރުމާއި އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 12 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާ ގުޅޭ މައްސަލަތަކެވެ.

comment ކޮމެންޓް