ތުއްތު ކުދިންގެ ކާނާ އުފައްދާ ބްރޭންޑެއްގެ ފުޅިއަކުން މީދާ މަރަން ބޭނުންކުރާ ވިހަ ފެނުމާ ގުޅިގެން، ރާއްޖޭގައި ވެސް އެ ބްރޭންޑުގެ އުފެއްދުންތަކަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިރޭ އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭއިން ބުނީ، ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ 'ހިޕް'އިން ވަނީ، އޮސްޓްރިއާގެ ބާޒާރުގައި ހުރި އެ ކުންފުނީގެ ހިޕް މަރުކާގެ ކުޑަކުދިންގެ ކާނާގެ އުފެއްދުންތައް ބޭނުން ނުކުުރުމަށް އަންގައި ބާޒާރުން އަނބުރާ ނަގަން ފަށައިފައި ކަމަށެވެ. އެގޮތަށް އަންގައިފައި ވަނީ އެ އުފެއްދުންތަކުގައި މީދާ މަރަން ބޭނުންކުރާ ބޭސް އެކުލެވިފައިވާ ކަމަށް ޝައްކުކުރެވޭތީ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އޮސްޓްރިއާގެ ފުލުހުން ތަހުގީގެއް ފަށައިފައިވާކަން ވެސް އެމްއެފްޑީއޭއިން ފާހަގަކުރިއެވެ.
އެ އޮތޯރިޓީން ވަނީ، އެ އުފެއްދުމަކީ އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށްފައިވާ އުފެއްދުމަކަށް ނުވި ނަމަވެސް، އަމިއްލަ ބޭނުމަށް އެ އުފެއްދުން ރާއްޖެއަށް އެތެރެކޮށް ބޭނުން ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްފައެވެ.
އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބާވަތުގެ އެއްވެސް އުފެއްދުމެއް ރާއްޖެއަށް އެތެރެނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު އެ އޮތޯރިޓީގެ ނަންބަރު 3034213 ނުވަތަ 7603204އަށް ގުޅުމުން ލިބޭނެ ކަމަށް އިއުލާނުގައިވެއެވެ.