ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކަށް، ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން އިސްވެ ހުންނަވައިގެން ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް މިއަދު ރަޝިއާއަށް ފުރާވަޑައިގެންފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މާދަމާއިން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ރަސްމީ ދަތުރުފުޅުގަައި ހަރަކާތްތައް ކުރިއަށްދާނީ ރަޝިއާގެ ވެރިރަށް މޮސްކޯ އަދި ސެއިންޓް ޕީޓަސްބާގުގައެވެ.
މި ވަފުދުގައި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ގައުމީ އެއާލައިން މޯލްޑިވިއަންގެ އިސްވެރިންނާއި ޓޫރިޒަމް ދާއިރާގެ އަމިއްލަ ފަރާތްތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މިގޮތަށް ހުރިހާ ދާއިރާއެއް އެކުލެވޭ ވަފުދެއް ދިއުމުން ސިޔާސަތުތަކާއި ދަތުރުފަތުރުގެ ގުޅުންތައް އަދި މާކެޓް ޕްރޮމޯޝަނާ ގުޅޭ ފުޅާ މަޝްވަރާތަކެއް ކުރަން މަގުފަހިވާނެ ކަމަށެވެ.
މި ދަތުރުފުޅުގައި ރަޝިޔާ ސަރުކާރުގެ އިސް މަންދޫބުންނާ ބައްދަލުކުރައްވައި ފްލައިޓް ކެޕޭސިޓީ އިތުރުކުރުމާއި ދެ ދާއިރާގެ އެއްބާރުލުން ފުޅާކުރުމަށް މަޝްވަރާކުރާނެއެވެ.

ފަތުރުވެރިންތަކެއް ރާއްޖޭގައި: ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިްނ އަންނަނީ ރަޝިއާއިން -- ފޮޓޯ/ ވީއައިއޭ
މީގެ އިތުރުން މޮސްކޯ އާއި ސެއިންޓް ޕީޓާސްބާގުގެ އިސް ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި، ސިނާއީ ޖަމިއްޔާތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތައް އަދި ހޮސްޕިޓާލިޓީ ދާއިރާގެ ކުންފުނިތަކާ އެކު މަތީ ފަންތީގެ ބައްދަލުވުންތަކާއި، ރަޝިޔާގެ ޓްރެވަލް ޓްރޭޑާއި މީޑިއާ ބައިވެރިވާ ދެ ނެޓްވޯކިން އިވެންޓް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން މިނިސްޓަރު އަމީން ވިދާޅުވީ، ރަޝިޔާއަކީ އަބަދުވެސް ރާއްޖޭގެ ގާތް އެކުވެރިއެއްކަމަށާއި ރާއްޖެ ޚިޔާރުކުރާ ކޮންމެ ފަތުރުވެރިއަކަށް ޝުކުރުވެރިވާނެ ކަމަށެވެ.
މި ދަތުރަކީ ޕާޓްނަރުންގެ އަޑުއަހައި، ދިވެހިރާއްޖެއަށް އަންނަ މެހެމާނުންނާ އޮތް ގުޅުން ދަމަހައްޓައި، 'ވިޒިޓް މޯލްޑިވްސް އިޔާ 2027' އަށް އެކުގައި ތައްޔާރުވުމަށް ކުރެވޭ ދަތުރެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރަޝިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް އޮންނަ މާކެޓެވެ. މި އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރަޝިއާއިން 192,453 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 14.7 ޕަސެންޓެވެ. އަދި ވޭތުވެދިޔަ އަހަރު ރަޝިއާއިން ރާއްޖެއަށް ޖުމްލަ 278,761 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.