މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކުރާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" ގެ ދަށުން ވަކިވަކި ގެސްޓްހައުސްތަކުގެ އިތުރުން، ރަށު ފެންވަރުގައި ލޯކަލް ޓޫރިޒަމް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އިސްނަގައިގެން މަސައްކަތްކުރާ ރަށްރަށުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްޞަ އެވޯޑެއް ތަޢާރަފުކޮށްފިއެވެ.
އެގޮތުން މި އެވޯޑުގެ ޚާއްޞަ ކެޓަގަރީއެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް" އެވެ.
އެމްއައިބީން ބުނީ މި އެވޯޑަށް ކުރިމަތިލާ ރަށްރަށް އިންސާފުކުރުމުގައި، ރަށު ކައުންސިލްތަކާއި އާންމު ރައްޔިތުންނާއި ވިޔަފާރިތައް ގުޅިގެން ކުރާ މަސައްކަތްތަކާއި، ރަށް އިޝްތިހާރުކުރުމާއި، އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ބަލާނެ ކަމަށެވެ.
މީގެ އިތުރުން ރަށުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމާއި، ފަތުރުވެރިންނަށް ރައްކާތެރި އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް ރިޢާޔަތްކުރެވޭނެ ކަމަށް އެމްއައިބީން ބުންޏެވެ. އަދި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް" އަށް ކުރިމަތިލާ ރަށްރަށުގައި އެޕްލިކޭޝަން ހުށަހަޅާ ވަގުތު މަދުވެގެން އޮޕަރޭޝަނަލް 50 ގެސްޓްހައުސް ކޮޓަރި ހުންނަން ޖެހޭނެ ކަމަށް އެމްއައިބީން ވަނީ މަޢުލޫމާތުދީފައެވެ.
އެމްއައިބީ ގެސްޓްހައުސް އެވޯޑްސްގެ ދަށުން ޖުމްލަ 3 ދާއިރާއަކުން 12 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެއީ ގެސްޓްހައުސްތަކަށް ޚާއްސަ 8 އެވޯޑާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރުދުންނަށް ދެވޭ 3 އެވޯޑުގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ރަށަށް ދެވޭ އައިލެންޑް އެވޯޑެވެ.
އެމްއައިބީން ބުނި ގޮތުގައި މި އެވޯޑްތަކުގެ މުޅި އިވެލުއޭޝަން މަރުޙަލާ އިންސާފުވެރިކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި މުސްތަގިއްލު ތާޑް-ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ ކްރޯ މޯލްޑިވްސް އެޑްވައިޒަރީއެވެ.
އެމްއައިބީގެ މައިގަނޑު މަގްސަދަކީ މި އެވޯޑު މެދުވެރިކޮށް ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ ފެންވަރު މަތިކޮށް، އީޖާދީ އަދި ދެމެހެއްޓެނިވި ޚިދުމަތްތަކަށް ހިތްވަރުދީ، ދިވެހިވަންތަ މެހެމާންދާރީގެ އަގުވަޒަންކުރުމެވެ.
އެ ބޭންކުން އިންތިޒާމުކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026"އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ނިމުނު މަހުގެ 28 ގައިއެވެ. އެގޮތުން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މި ފުރުސަތު އޮންނާނެއެވެ.