މާލޭގެ މަގުތަކުގައި ނަން ބޯޑު ހަރުކުރުމަށް މިހާރު ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ކުށްބަސް ހުރި ނަންބޯޑުތަކެއް ހަރުކުރުމަށްފަހު އެ ނަގައިފިއެވެ.
ސޯޝަލް މީޑިއާގައި އަންނަނީ ނުބައިކޮށް ނުވަތަ ކުށްބަސް ހުރި ނަން ބޯޑުތަކެއްގެ ފޮޓޯތަކެއް ދައުރުވަމުންނެވެ. އެގޮތުން "ލޮނުޒިޔާރަތް" މަގުގެ ނަން ބޯޑުގައި ލިޔެފައި އޮތީ "ލޮނުޒިޔާރައިމަގު"ގެ ގޮތުގައެވެ. އަދި "މާފަތްތަކުރުފާނު" މަގުގެ ނަން އިތީ "މާފައިތަކުރުފާނުމަގު" ގެ ގޮތުގައެވެ.
"ސަން"އިން ސުވާލުކުރުމުން ސިޓީ ކައުންސިލުން ބުނީ އެ ކަން ފާހަގަވުމާއެކު މިހާރު ނަގައިފައިވާ ކަމަށާއި، ރަނގަޅުކުރަމުން އަންނަ ކަމަށެވެ.
ގިނަ ބައެއްގެ ފާޑުކިޔުން މި މައްސަލައިގައި ކައުންސިލަށް އަންނަނީ އަމާޒުވަމުންނެވެ.
މީގެކުރިން ސިޓީ ކައުންސިލުން ބުނި ގޮތުގައި، މާލެއާއި ވިލިމާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމަކީ، މެއި، 2021ގައި ކައުންސިލުން ފާސްކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 3.14 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަމެކެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތެއްގައި ގެޒެޓުގައި އިއުލާނުކޮށްގެން އެ މަސައްކަތަށް ހަތް މީހަކު ކުރިމަތިލި ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެ މަސައްކަތް މިހާރު ކުރަމުން އަންނަނީ، ކުރިމަތިލި މީހުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު މީހާ ހުށަހެޅި 3.9 މިލިއަން ރުފިޔާއަށް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.