މެދުރާސްތާގެ ފައިނޭންޝަލް ޕްލޭންގެ ދަށުން، މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫއެއް ކުރިޔަށް ގެންދަން މާލެ ސިޓީ ކައުންސިލްގެ ޑިވެލޮޕްމަންޓް ޕްލޭންގައި ހިމަނައިފިއެވެ.
ރޭ އެ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި އާންމުކުރި ޑިވެލޮޕްމަންޓް ޕްލޭންގައި ވާގޮތުން، މަޝްރޫއު ހިންގުމަށް ފައިސާ ހޯދުމަށް ރާވާފައިވަނީ، ޕްރަވައިޓް ސެކްޓާއަށް އާންމުކޮށް ހުޅުވާލައިގެންނެވެ.
އެގޮތުން، މި ޕްލޭންގައި ޕާކިންގް ބިލްޑިންއާއި ހައުސިންއާއި ލަފާފުރާ ގިމަތަތަކާއި ޕާކާއި މައިޒާންތަކާއި ކޮމާޝަލް ބިލްޑިންތައް ވަނީ ހިމަނާފައެވެ.
އެ ކައުންސިލުގެ ޢާމްދަނީ އިތުރުކުރުމަށް ކުރާނެ މަސައްކަތްތަކެއް ވެސް އެ ޕްލޭނުގައި ވަނީ ހިމަނާފައެވެ. އޭގެތެރޭގައި، ކައުންސިލުގެ ބިންތަކާއި ޢިމާރާތްތައް ކުއްޔަށް ދޫކުރާ ބޭސް ރޭޓް ފްރޭމްވޯކެއް އެކުލަވައިލައި ތަންފީޒުކުރުން ހިމެނެއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
ކައުންސިލްގެ މެދުރާސްތާ ޑިވެލޮޕްމަން ފައިނޭންޝަލް ޕުލޭނުގައިވާ ގޮތުން، ކައުންސިލުގައި ރިޒާވް ފަންޑެއް ޤާއިމުކޮށް، ކައުންސިލަށް ޢާމްދަނީ އިތުރުވާނެ ފަދަ ކަންކަމަށް އެ ފަންޑުން އިންވެސްޓްކުރާނެއެވެ. އެ ކަމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލަށް ޢާމްދަނީ ލިބޭނެ މަގު ފަހިވާނެ ކަމަށް އެ ޕްލޭނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ކައުންސިލްގެ ޢާމްދަނީ އިތުރުކުރުމަށް ޓަކައި ޚަރަދު ކުޑަކުރުމަށް ކަރަންޓަށް ކުރާ ހޭދަކުޑަކޮށް، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓު ކުރަން ވަނީ ނިންމާފައެވެ.
ކައުންސިލުގެ އިދާރީ ހިންގުމުގެ ޚަރަދު، ބަޖެޓްގެ ނިސްބަތުން އަހަރުން އަހަރަށް އިތުރުވަމުންދާތީ އެ ޚަރަދު ކުޑަކުރުމަށް ވެސް މި ޕްލޭންގައި ގޮތްތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ކުރަން ނިންމާފައިވާ ކަމަކީ، ކައުންސިލުގެ އިދާރީ ހިންގުމުގައި "ޑިޖިޓަލް-ފަސްޓް" ސިޔާސަތެއް އެކުލަވައިލައި ތަންފީކުރުމެވެ.