ގަޕޯގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ތައްޔާރުވަނީ

އެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާއެއްގައި އެ ޕާޓީގެ މިހާރުގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ: އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅަން އަންނަނީ ތައްޔާރުވަމުން -- ސަން ފޮޓޯ

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަކި ކުރަން, އޭނާގެ އިތުބާރުނެތް ކަމުގެ މައްސަލައެއް އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި، މިދިޔަ ޑިސެންބަރު މަހުގެ އަށްވަނަ ދުވަހު ވަގުތީ ޗެއާޕާސަންކަމަށް އައްޔަންކުރި ޢަބްދުލްޣަފޫރުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެ ޕެޓިޝަނުގައި ސޮއިކުރަމުން އަންނަ ކަން 'ސަން' އަށް އެނގިފައިވީ ނަމަވެސް، ސޮއިކުރީ ކިތައް މެންބަރުންކަން ސާފުވާ ގޮތެއް ނުވިއެވެ.

ބައެއް މެންބަރުން ވަނީ މި ކަމާ ގުޅޭގޮތުން ބަހެއް ވިދާޅުވާން ދެކޮޅު ހައްދަވައިފައެވެ.

ހަނިމާދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ޢަބްދުލްޣަފޫރުގެ މައްޗަށް އިތުބާރުނެތް ކަމުގެ ޕެޓިޝަނެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފައިވަނީ، ހޮނިހިރު ދުވަހު ބޭއްވި ކައުންސިލު އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ހޯމަ ދުވަހުގެރޭ ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ދެއްވައިފައި ނުވާތީ، އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ޖަލްސާ ބޯއިކޮޓްކުރައްވައިފައި ވަނިކޮށެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ --- ފޮޓޯ: އެމްޑީޕީ

މީގެ އިތުރުން އިއްޔެ އެމްޑީޕީން ވަނީ ކުއްލި ގޮތަކަށް, އެ ޕާޓީގެ ލީގަލް ޑައިރެކްޓަރު އަޙްމަދު މަޢުރޫފާއި ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޚީދު (އިބްރޭ) މަގާމުން ވަކި ކޮށްފައެވެ.

އެކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން އިބުރޭ ރޭ ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވާއިދުގެ ދަށުން ޗެއާޕާސަނަށް އެގޮތަށް އޭނާ އެ މަގާމުން ވަތްކެއް ނުކުރެވޭނެ ކަމަށެވެ. އަދި އެކަން އޭނާ ގަބޫލު ވެސް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތަކަށް އަސާސީ ގަވާއިދުގެ ދަށުން ވަތްކެއް ނުކުރެވޭނެ. އެގޮތަށް ވަކިކުރެވޭނެ ކަމަކަށް ގަބޫލެއް ވެސް ނުކުރަން،" އިބުރޭ ވިދާޅުވިއެވެ.

https://sun.mv/220285

އޭނާ ވިދާޅުވި ގޮތުގައި އޭނާ ވަކިކުރީ، އެމްޑީޕީގެ އުފާފާޅުކުރުމުގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދިން މައްސަލައިގައި އެމްޑީޕީގެ އެތެރެ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ޖަލްސާއަށް ފަހު 'އެކްސް'ގައި ޢަބްދުލްޣަފޫރު ކުރެއްވި ޕޯސްޓެއްގައިވަނީ، ހޯމަ ދުވަހުގެރޭ އޮތް ޖަލްސާގައި ވާހަކަދައްކަވަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ނަޝީދު އެދިވަޑައިގަތް ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަތަކެއް ފެތުރުނީ އެ ދެބޭފުޅުން ވާހަކަދެއްކުމުގެ އިންތިޒާމު ހަމަޖައްސަމުން ދަނިކޮށް ކަމަށް، އޭނާ ލިޔުއްވައިފައިވެއެވެ.

https://sun.mv/220248

އެމްޑީޕީގެ އެތެރޭގައި ހިތްހަމަނުޖެހުންތަކެއް އުފެދުނު އިރު، މީގެ ކުރިން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ވެސް އެމްޑީޕީގެ ތެރޭ ހަމަނުޖެހުން އުފެދި ޕާޓީ ބައިވިއެވެ.

އޭރު ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވިއެވެ. ނަމަވެސް، އެ މެންބަރުން ފަހުން އެމްޑީޕީއާ ގުޅިވަޑައިގެން، ކައުންސިލު އިންތިޚާބުގެ ކެމްޕެއިނަށް ރަށްތަކަށް ވަޑައިގެން އުޅުއްވިއެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ބުނާ ގޮތުގައި، އެ ޕާޓީއަށް ކައުންސިލް އިންތިޚާބުގައި ބޮޑު ކާމިޔާބެއް ލިބުނީ ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ޕާޓީން ކުރި މަސައްކަތުންނެވެ.

comment ކޮމެންޓް