މިދިޔަ ހަފުތާ ނިމުނުއިރު، މާލޭ ބާޒާރުގައި އިންތިހާއަށް އަގުބޮޑުވެފައި ހުރި ކެރެޓުގެ އަގު ދަށްވާން ފަށައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު، މާލޭ މާރުކޭޓުގައި، ކެރެޓު ކިލޯއެއް ލިބެން ހުރީ 160 ރުފިޔާއާއި 170 ރުފިޔާއާ ދެމެދުގައެވެ. އެކަމަކު، މީގެ ކުރިން ކެރެޓު ކިލޯއެއް އުޅެނީ 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގައެވެ.
ސަތޭކަ އަށްޑިހަ ރުފިޔާއާއި 200 ރުފިޔާއާ ދެމެދުގެ އަގަކަށް ލިބުނު ކެރެޓެ ކޭހެއް އޭރު ހުރީ، 1،500 ރުފިޔާއަށެވެ.
މިއަދު މާރުކޭޓުން 'ސަން'އަށް މައުލޫމާތު ދިން ވިޔަފާރިވެރިއަކު ބުނީ، ކެރެޓުގެ އަގު ދަށްވާން ފަށާފައިވާ ކަމަށެވެ. އެގޮތުން، މިހާރު ކެރެޓު ކިލޯއެއް ލިބެނީ، 50 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގެ އަގަކަށް ކަމަށްވާއިރު، ކޭހެއް ވިއްކަނީ 420 ރުފިޔާއަށެވެ.
މާލެ ތެރޭގެ ފިހާރަތަކަށް ބަލާއިރު، އެކި ތަންތަނުން ކެރެޓު ކިލޯއެއް ވިއްކަނީ 25 ރުފިޔާއާއި 75ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
އަމީނީމަގު ލޯކަލް މާރުކޭޓުގައި ތަރުކާރީ ވިއްކަން ބަހައްޓާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާކެރެޓުގެ އަގު ބޮޑުވުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އަގު ހިފެހެއްޓުމަށް އިތުރު ކެރެޓު ކޮންޓެއިނަރު ކްލިއާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެނިހެން ތަކެއްޗަށް ބަލާއިރު، ފިޔާ ކިލޯއެއް ބާޒާރުން ލިބެން ހުރީ 12 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައެވެ. ލުނބޯ ކިލޯއެއް ލިބެން ހުރީ 30 ރުފިޔާއަށް ކަމަށްވާއިރު، ކިއުކަމްބާ ކިލޯއެއް ވިއްކަނީ 60 ރުފިޔާއަށެވެ.
ފާހަގަކުރެވޭ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު، ނިމުނު އޮކްޓޫބަރު މަހު ވެރިރަށް މާލޭގައި އަސާސީ ތަކެތީގެ އަގު ނުވަ އިންސައްތަ އުފުލިފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ވަނީ ދައްކައިފައެވެ. މަހުން މަހަށް އައި ބަދަލަށް ބަލާއިރު، ތަކެތީގެ އަގު ވަނީ 1.01 އިންސައްތަ އިތުރުވެފައެވެ.
ރާއްޖެއަކީ ކާބޯތަކެތި ގެނައުމަށް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ބައިނަލްއަގުވާމީ ބާޒާރަށް އަންނަ ބަދަލުތަކުގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. އެގޮތުން ފެބުރުވަރީ 28ގައި މެދުއިރުމަތީގައި ފަށައިފައިވާ ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިންއަށް ބުރޫ އެރުމުން، ރާއްޖޭގައި ވެސް ތެލާއި އެހެނިހެން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެން ފެށިއެވެ. އެ ހާލަތު އިތުރަށް ގޯސް ވަނީ، މިއީ ރާއްޖެއިން ޖުމްލަ 1.1 ބިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެއް ދައްކަންޖެހޭ އަހަރަކަށް ވުމުންނެވެ.
މި ސަބަބަށްޓަކައި، ރާއްޖޭގައި ތަކެތީގެ އަގުތައް މައްޗަށް ދާނެ ކަމަށް ބޭރުގެ މާލީ އިދާރާތަކުން މިދިޔަ އަހަރު ވެސް އޮތީ އަންދާޒާކޮށްފައެވެ. އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ އެންމެ ފަހުގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައި ވަނީ، މި އަހަރުގެ ބާކީ އޮތް ބައިގައި ރާއްޖޭގައި އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އިތުރަށް މަތިވަމުންދާނެ ކަމަށެވެ.
މީގެ އިތުރުން މުދާ އެތެރެ ކުރަން ވިޔަފާރިވެރިން ޑޮލަރު ގަންނަން ޖެހޭ އަގު ބޮޑުވުމާއި ރާއްޖެ ގެންނަ މުދާ ކްލިއާ ނުވެ ގިނަ ދުވަސްތަކެއް ވަންދެން ޕޯޓުގައި ތާށިވެފައި ހުރުމަކީ ވެސް ތަކެތީގެ އަގު ބޮޑުވާ ސަބަބެކެވެ.