މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ މާލެ ޕޯޓުން މުދާ ހުސްކުރުމުގައި ވަރަށް ގިނަ ދުވަސްވާ ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ނުފޮނުވި އެތައް ކޮންޓެއިނަރެއް އެހެން ގައުމުތަކުގައި ތާށިވެފައި އެބަ ހުރިކަމަށް ވިޔަފާރިވެރިން މިއަދު ބުނެފިއެވެ.
ރާއްޖެއަށް މުދާ އެތެރެކުރާ ވިޔަފާރިވެރިން 'ސަން'އަށް ބުނީ، ރާއްޖެ އަންނަ ބޯޓުތަކުން މުދާ ބޭލުމުގައި ދަތިތައް ދިމާވާ ކަމަށެވެ. މިއީ ކުރީންސުރެ ދިމާވާ މައްސަލައެކެވެ. މިހާރު މި މައްސަލަ އިތުރަށް ދަނީ ބޮޑުވަމުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ.
މީގެކުރިން ދެ ތިން ދުވަހެއްގެ ތެރޭގައި މުދާ ހުސްކުރެވުނު ނަމަވެސް، މިހާރު އެކަމަށް ދެ ހަފުތާ ނުވަތަ 18 ވަރަކަށް ދުވަސްވާ ކަމަށް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.
އެހެންވެ، ފިހާރަތަކުން މުދާ ހުސްވާއިރު ދަތިތައް ދިމާވާތީ ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޕީއެލް ސަރަހައްދުން ކޮންޓޭނަރުން މުދާ ކްލިއާ ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރާއްޖެއަށް މުދާ އުފުލުމުގެ އިންތިޒާމުތައް ކުންފުނިތަކަށް ހަމަޖައްސައިދޭ ވިޔަފާރިވެރިއަކު 'ސަން'އަށް ބުނީ، މާލެ ޕޯޓުގައި ލަސްތަކެއް ވާތީ, ލަންކާގެ ކޮލޮމްބޯގައި ރާއްޖެ ނުފޮނުވި އެތައް ކޮންޓެއިނަރެއް އެބަހުރި ކަމަށެވެ. އޭގެ ސަބަބުން ލަންކާ ޕޯޓަށް ވެސް ބާރު ބޮޑުވާ ކަމަށް ވިޔަފާރިވެރިން ބުންޏެވެ.
މާލޭ ބާޒާރުން އާއްމުކޮށް ލިބޭ އެތައް ބާވަތެއް މި ދުވަސްކޮޅު ވަނީ ހުސްވެފައެވެ. ވިޔަފާރިވެރިން ބުނަނީ މުދާ ހުސްވަނީ ކޮންޓެއިނަރު ނުނެރެވޭތީ ކަމަށެވެ.
މި ކަމާ ގުޅިގެން އެމްޕީއެލްއިން 'ސަން' ބުނީ، އާންމުކޮށް ޕީކް ސީޒަނާ ދިމާކޮށް މުދާ ހުސްކުރުމުގައި ދަތިތައް ދިމާވާ ކަމަށެވެ. އެހެންވެ، ބަނދަރުގައި ތޮއްޖެހުން ބޮޑުވެ، ދަތިތައް ދިމާވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރާ ކަމަށާއި ޖުމްލަ ހައްލެއް އަންނާނީ ކ. ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މާލެ ޕޯޓުން މުދާ ހުސްކުރުމުގައި ދަތިތައް ދިމާވާއިރު، މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، ރާއްޖެއަށް މުދާ އެތެރުކުރުމުގައި ހޭދަވާ ޑޭމަރޭޖު ނާރާ ވަގުތު 124 ގަޑިއިރަށް ދިގުކުރަން ނިންމަވާފައިވާކަން މިދިޔަ ޑިސެމްބަރު މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.