އިންޑޮނޭޝިއާގެ ޖަކާޓާގައި ކުރިއަށްދިޔަ ވޯލްޑްޝެފްސް ގްލޯބަލް ޝެފްސް ޗެލެންޖް އޭޝިއަން ސެމީ ފައިނަލްގައި ރާއްޖޭގެ ޝެފުން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.
ޝެފްސް ގައިޑް މޯލްޑިވްސް އިން ވަނީ އެ މުބަރާތުގެ ގްލޯޝަލް ޝެފްސް ޗެލެންޖު ކެޓަގަރީއިން ޝެފް އުވައިސް ފަޔާޒް ބްރޯންޒް މެޑަލް ހޯދި އިރު، ގްލޯބަލް ވީގަން ޝެފްސް ޗެލެންޖުގައި ޝެފް ފާތިމަތު ސުމާ އަރީފް ރިހި މެޑަލް ހޯދާފައިވާ ކަމަށް ބުނެފައެވެ.
އެއާއެކު އަންނަ އަހަރު ޗައިނާގައި އޮންނަ ވޯލްޑް ފައިނަލުން ރާއްޖޭގެ ޝެފަކަށް ޖާގަ ލިބިފައިވާކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
ޝެފް ސުމާއަށް ލިބުނު ރިހި މެޑަލްއަކީ މި އަހަރުގެ މުބާރާތުގައި އެ ކެޓަގަރީއިން އެވޯޑުކުރި އެންމެ މަތީ ވަނަ ކަމަށާއި އެ ވަނަ ލިބި، ޝެފް ސުމާ މުބާރާތުގެ ފައިނަލަށް ދަތުރުކުރުމަކީ ގްލޯބަލް ޝެފްސް ޗެލެންޖުގައި ރާއްޖޭގެ ޝެފަކު މިހާތަނަށް ހޯދި އެންމެ މަތީ ކާމިޔާބީކަން ވެސް އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ޝެފް އުވައިސް އަދި ޝެފް ސުމާއަކީ ޑޫސިޓް ޑީޓޫ، ފޭދޫ މޯލްޑިވްސް ރިސޯޓުގެ ކަލިނަރީ ޓީމުގެ ދެ މެމްބަރުން ކަމަށާއި ދެ ޝެފުން ވެސް އެ ރިސޯޓުގެ އެގްޒެކެޓިވް ޝެފް މުހައްމަދު އާދިލް އާއި އެގްޒެކެޓިވް ޕޭސްޓްރީ ޝެފް އަހްމަދު ނަޝާތުގެ ދަށުން މަސައްކަތްކޮށް، ތަމްރީނުވެފައިވާކަން އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
ވޯލްޑް ޝެފް ގްލޯބަލް ޝެފްސް ޗެލެޖުގައި ދިވެހި ޝެފުންނަށް ތާރީޚީ ކާމިޔާބެއް -- ފޮޓޯ: ޝެފްސް ގައިޑް މޯލްޑިވްސް ދެ ޝެފުން ވެސް ސެމީ ފައިނަލުގައި ކުރިމަތިލި ޗެލެންޖަކީ ދޮޅު ގަޑިއިރުގެ ތެރޭގައި ތްރީ-ކޯސް މެނޫއެއް ތައްޔާރުކުރުން ކަމަށާއި ދެ ޝެފުން ވެސް މުބާރާތުގައި ދެއްކި ފަންނުވެރިކަމާއި ހުނަރުވެރިކަމާއި ކްރިއޭޓިވިޓީއަކީ ތައުރީފު ހައްޤު މަސައްކަތްތަކެއް ކަމަށް އެ އެސޯސިއޭޝަނުގެ ފަރާތުން ބުނެފައިވެއެވެ.
މިއީ ރާއްޖޭގެ ޝެފުންގެ ޓީމެއް ގްލޯބަލް ޝެފްސް ޗެލެންޖް އޭޝިއަން ސެމީ ފައިނަލުގައި ބައިވެރިވި ދެވަނަ ފަހަރު ކަަމަށާއި މީގެ ކުރިން ބައިވެރިވި ފަހަރު، ދިވެހި ޝެފުން، ގްލޯބަލް ޕޭސްޓްރީ ޝެފްސް ކެޓަގަރީއިން ބްރޯންޒް އަދި ގްލޯބަލް ޝެފްސް ކެޓަގަރީއިން ރިހި މެޑަލް ހޯދާފައިވާކަން އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
މި އަހަރުގެ މުބާރާތުގައި ރިހި މެޑަލަކާއެކު ޝެފް ފާތިމަތު ސުމާ އަރީފް ފައިނަލަށް ކޮލިފައިވުމަކީ އެ އެސޯސިއޭޝަނުން ދެކޭ ގޮތުގައި، ރާއްޖޭގެ ކަލިނަރީ ދާއިރާއަށް ވެސް ލިބުނު ވަރަށް ފަޚުރުވެރި، ތާރީޚީ ކާމިޔާބެކެވެ.
ވޯލްޑްޝެފްސް ގްލޯބަލް ޗެމްޕިއަންޝިޕްގެ ފައިނަލް އޮންނާނީ އަންނަ އަހަރުގެ މާޗު 30 އިން އޭޕްރިލް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް، ޗައިނާގެ ޝަންގްހާއީގައެވެ. އެ އިވެންޓުގައި ދުނިޔޭގެ ހަތް ސަރަހައްދަކުން 88 ޓީމަކުން، ޖުމްލަ ނުވަ ކެޓަގަރީއެއްގައި ބައިވެރިވާނެއެވެ. އަދި އެއީ ގްލޯބަލް ޝެފްސް، ޕޭސްޓްރީ ޝެފްސް، ޔަންގް ޝެފްސް، ވީގަން ޝެފްސް، ހެރިޓޭޖް ޝެފްސް، ބުޗަރީ، ބޭކަރީ، އަދި ރިކޮގްނައިޒްޑް ސްކޫލްސް ކެޓަގަރީއެވެ.