އިބުރޭ ވެސް މަގާމުން ވަކިކޮށްފި: "އެގޮތަކަށް ވަތްކެއް ނުކުރެވޭނެ"

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު, އިބްރާހީމް ވަހީދު (އިބުރޭ): އޭނާ ވެސް މަގާމުން ވަކިކޮށްފި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމުގައި ހުންނެވި އިބްރާހީމް ވަހީދު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފިއެވެ. އެމްޑީޕީން ބުނެފައިވަނީ އޭނާ ވަކިކުރީ ޕާޓީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގެ ދަށުން ކަމަށެވެ. ނަމަވެސް އިބުރޭ ވިދާޅުވަނީ އެ ގަވާއިދުގެ ދަށުން އެގޮތަށް އޭނާ މަގާމުން ވަކިނުކުރެވޭނެ ކަމަށާއި އެކަން ގަބޫލުނުކުރައްވާ ކަމަށެވެ. މި މައްސަލަ ދިމާވެފައިވަނީ އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވާހަކަފުޅުދެއްކެވުމުގެ ފުރުސަތު ނުދެއްވި މައްސަލައިގައި ޕާޓީގެ އެތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ޕާޓީގެ ލީގަލް ޑިރެކްޓަރު އަޙްމަދު މަޢުރޫފް ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

  • އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ކަމުން އިބްރާހީމް ވަހީދު ވަކިކުރުން
  • އަސާސީ ގަވާއިދުގެ ދަށުން އެގޮތަށް ވަކިނުކުރެވޭނެ ކަމަށް އިބުރޭ ވިދާޅުވުން
  • އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަޙްމަދު މަޢުރޫފް ވެސް މަގާމުން ވަކިކުރުން
  • ރައީސް ނަޝީދަށް ޖަލްސާގައި ފުރުސަތު ނުދިނުމުން ޕާޓީގެ އެތެރޭގައި ހޫނުވުން

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު, އިބްރާހީމް ވަހީދު (އިބުރޭ) ވެސް ކުއްލި ގޮތަކަށް މިއަދު މަގާމުން ވަކިކޮށްފިއެވެ.

އެމްޑީޕީން މިއަދު އިބުރޭއަށް ފޮނުވި ސިޓީއެއްގައި ބުނީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގައި ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިޚާބުވާ ފަރާތަކުން ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެދިނުމަށް ޗެއާޕާސަންގެ ނާއިބު، ގައުމީ މަޖިލީހުގެ ރުހުމާއެކު، ޗެއާޕާސަން އައްޔަނުކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ހަމަ އެ މާއްދާގައި ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޗެއާޕާސަންގެ ނާއިބަކު ވަކިކޮށް، ގައުމީ މަޖިލީހުގެ ރުހުމާއެކު އެހެން ފަރާތެއް ޗެއާޕާސަންގެ ނާއިބު ކަމަށް އައްޔަނުކުރެވިދާނެ ކަމަށް ވެސް ބަޔާންކޮށްފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ވީމާ އެ މާއްދާގައި ޗެއާޕާސަންގެ ނާއިބުކަމުން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން އޮންނަންޖެހޭ ކަމަށް ބުނެފައި ނުވާތީ، އެމްޑީޕީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާއާއި ހަވާލާދީ، ޗެއާޕާސަންގެ ނާއިބުގެ މަގާމުން އިބުރޭ ވަކިކޮށްފައިވާ ކަމަށް އެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.

އެކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން އިބުރޭ ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވާއިދުގެ ދަށުން ޗެއާޕާސަނަށް އެގޮތަށް އޭނާ އެ މަގާމުން ވަތްކެއް ނުކުރެވޭނެ ކަމަށެވެ. އަދި އެކަން އޭނާ ގަބޫލު ވެސް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތަކަށް އަސާސީ ގަވާއިދުގެ ދަށުން ވަތްކެއް ނުކުރެވޭނެ. އެގޮތަށް ވަކިކުރެވޭނެ ކަމަކަށް ގަބޫލެއް ވެސް ނުކުރަން،" އިބުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭނާ ވަކިކުރީ، ރޭ ބޭއްވި އެމްޑީޕީގެ އުފާފާޅުކުރުމުގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދިން މައްސަލައިގައި އެމްޑީޕީގެ އެތެރެ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ނުދެއްވާތީ ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ އެ ޖަލްސާ ބޮއިކޮޓްކުރައްވާފައެވެ. އޭގެ ތެރޭގައި އިބުރޭ ވެސް ހިމެނިވަޑައިގަންނަވައެވެ.

އެ ޖަލްސާ ފެށުނު އިރު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާގެ މެދުގައި ހުރީ ހުސް ގޮނޑިއެކެވެ. ނަމަވެސް ޖަލްސާ ފަށައި ކުޑައިރުކޮޅެއް ތެރޭ، އެ ގޮނޑި ވަނީ ނަގައިފައެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ބުނާ ގޮތުގައި، އެ ޕާޓީއަށް ކައުންސިލް އިންތިޚާބުގައި ބޮޑު ކާމިޔާބެއް ލިބުނީ ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ޕާޓީން ކުރި މަސައްކަތުންނެވެ.

https://sun.mv/220275

އެ މައްސަލަ ހޫނުވެފައިވާއިރު، މިއަދު ވަނީ އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ކަމުގެ މަގާމުން އަޙްމަދު މަޢުރޫފް ވެސް ކުއްލި ގޮތަކަށް ވަކިކޮށްފައެވެ. އެކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން މަޢުރޫފް ވިދާޅުވީ ވަކިކުރި ސަބަބެއް ހާމަނުކުރާތީ، އެ ސަބަބެއް އަންގައިދިނުމަށް އެދި ޕާޓީގައި އެދިފައިވާނެ ކަމަށެވެ.

މަޢުރޫފް ވިދާޅުވީ، ޕާޓީގެ އެތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާހުރެ، އެފަދަ މައްސަލައެއްގައި އޭނާ ވަކިކުރުން ވެސް އެކަށީގެންވާ ކަމަށެވެ. ނަމަވެސް އެއީ އޭނާ ވަކިކުރަންޖެހޭ ސަބަބެއް ކަމުގައި ދެކެވަޑައިނުގަންނަވަނީ އޭނާއަކީ ޓެކްނިކަލް މަސައްކަތްތަކެއް ކުރާ މީހަކަށްވުމުން ކަމަށް މަޢުރޫފް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގައި ހިތްހަމަނުޖެހުންތަކެއް އުފެދުނިއިރު، މީގެ ކުރިން ރައީސް ޞާލިހުގެ ސަރުކާރުގައި ވެސް އެމްޑީޕީގެ ތެރޭގައި ހަމަނުޖެހުން އުފެދި ޕާޓީ ބައިވިއެވެ. އޭރު ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެން، ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވިއެވެ. ނަމަވެސް، މި ފަހުން އެ މެންބަރުން އެމްޑީޕީއާ ގުޅިވަޑައިގެން، ކައުންސިލް އިންތިޚާބުގެ ކެމްޕެއިންއަށް ނަޝީދާއި ފައްޔާޒުގެ އިތުރަށް ޝާހިދު ވެސް ރަށްތަކަށް ވަޑައިގެން އުޅުއްވިއެވެ.

comment ކޮމެންޓް