ގޭހުގެ އާ ޝިޕްމަންޓެއް ލިބި، ވިއްކަން ފަށާނެކަން ސަރުކާރުގެ ކުންފުނި، އެސްޓީއޯއިން މިއަދު ހާމަކޮށްފިއެވެ.
މިއަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވް ގޭސްއިން ކޮންޓްރޯލްކޮށްގެން ގޭސް ވިއްކިއެވެ. އަދި، މަދުން ގޭސް ލިބުމާއި ގޭސް ލިބުން ލަސްވުމުގެ ޝަކުވާތައް ވެސް ފެންމަތިވިއެވެ.
ގޭސް ލިބުމުގައި މިފަދަ ދަތިތަކެއް ހުރިކަމުގެ ކަންބޮޑުވުން ހުއްޓައި، ގޭސް ވިއްކާ އަމިއްލަ ކުންފުނިކަމަށްވާ، ވިލާއިން ވަނީ މާދަމާއިން ފެށިގެން އެ ކުންފުނިން ގޭސް ވިއްކާ އަގުބޮޑުކުރަން ނިންމައިފައިވާކަމަށް ވެސް ބުނެފައެވެ.

މޯލްޑިވް ގޭހުގެ މުވައްޒަފުންތަކެއް: ގޭހުގެ އާ ޝިޕުމަންޓެއް އެސްޓީއޯއަށް އިއްޔެ ވަނީ ލިބިފައި --
އެއާއެކު މިއަދު އެސްޓީއޯއިން ބުނީ، ގޭހުގެ އާ ޝިޕްމަންޓެއް އިއްޔެ ލިބިފައިވާ ކަމަށެވެ. މީގެއިތުރުން ރައްޔިތުންނަށް ބޭނުންވާނެ އެއްވެސް އަސާސީ ޚިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައި، އެ ކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެސްޓީއޯއަށް ގޭހުގެ އާ ޝިޕްމަންޓެއް ލިބުނުއިރު، ގޭހުގެ އަގު މެނޭޖުކުރުމުގައި ހެދޭނެ ގޮތްތަކާ މެދު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމާއެކު އިއްޔެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މަޝްވަރާކުރައްވާފައެވެ.
މިގޮތުން، ރާއްޖެއަށް ގޭސް ގެނައުމުގައި އާޖެންޓީނާ މާކެޓު ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމަށާއި ފަހުން އަގުތައް ކަނޑައެޅިއިރު ގޭހުގެ އަގުތައް ބޮޑުވެފައި ހުރީ ބައިނަލްއަގުވާމީ ބާޒާރުގައި ކަމަށް ސައީދު ވިދާޅުވިއެވެ.
ގޭހުގެ މައްސަލައިގައި ވިލާއާއި އެސްޓީއޯއާ ވާހަކަދައްކައިގެން ގޮތްތަކެއް ކަނޑައެޅެން އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެ ކަމުގެ ތަފުސީލެއް ނުދެއްވައެވެ. އަދި، ރާއްޖޭގައި ގޭހުގެ އަގުބޮޑުވާން ސަރުކާރުން ފުރުސަތެއް ނުދޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.