ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމު ކަމަށްވާ "ތަންހާޖީ"އަށް ފަހު އަނެއްކާވެސް އެފަދަ ތާރީޚީ ފިލްމަކަށް އެކްޓަރު ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އެ ފިލްމަކީ، 2020ވަނަ އަހަރު ޑައިރެކްޓަރު އޯމް ރައުތު އާއި އަޖޭގެ ފިލްމު ކުންފުނި 'އަޖޭ ދޭވްގަންސް ފިލްމްސް' ގުޅިގެން ގެނެސްދިން "ތަންހާޖީ: ދަ އަންސަންގް ވޯރިއަ" ކަހަލަ ފިލްމެއް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
ފިލްމު "ތަންހާޖީ: ދަ އަންސަންގް ވޯރިއަ" އަކީ ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދި، އަދި މިހާތަނަށް އަޖޭގެ ކެރިއަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުވެސް މެއެވެ. އެއަށްފަހު، "އަންސަންގް ވޯރިއަ" ފްރެންޗައިޒްގެ އިތުރު ފިލްމެއް އުފެއްދުމާ ބެހޭގޮތުން އަޖޭ އާއި ޑައިރެކްޓަރު އޯމް ރައުތުއާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަޖޭ ލީޑް ރޯލް ކުޅުނު ފިލްމު "ތަންހާޖީ"ގެ ޕޯސްޓަރެއް--ފޮޓޯ/އެމްއެސްއެން
ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން "އަންސަންގް ވޯރިއަ" ފްރެންޗައިޒްގެ ދަށުން އަލަށް އުފައްދަން ނިންމި ފިލްމަކީ، މަރާޓާގެ އެހެން ހިތްވަރުގަދަ ބަތަލެއްގެ ފަޚުރުވެރި ވާހަކަ ގެނެސްދޭ ތާރީޚީ ފިލްމެއް ކަމަށެވެ. އަދި މި ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ރިޕޯޓޫތަކުން ވަނީ ބުނެފައެވެ.
އަޖޭގެ ހަތަރު ފިލްމެއް މިދިޔަ އަހަރު ރިލީޒްވެފައިވާއިރު ބެލުންތެރިންނަށް އެންމެފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރި ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2"އެވެ.
އަޖޭގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ "ދަމާލް 4"، "ދްރިޝްޔަމް 3"، "ރޭންޖާ" އަދި "ގޯލްމާލް 5" ހިމެނެއެވެ. މި ފިލްމުގެތަކުގެތެރެއިން "ދަމާލް 4" މި އަހަރުގެ ޖުލައި މަހު ރިލީޒްކުރަން ތައްޔާރުވަމުން އަންނައިރު ފިލްމު "ދްރިޝްޔަމް 3: ރިލީޒްކުރާނެ ކަމަށް ބެލެވެނީ މި އަހަރުގެ އޮކްޓޫބަރު މަހުއެވެ.