އެފްޑީސީ ފުލެޓްތަކަށް އަދިވެސް ކޭބަލް އަޅައިނުދޭ، މިއީ ކުރާ ޖެއްސުމެއް: ޒާޔާ

ހުޅުމާލޭ އުތުރު ދާއިރާގެ އިންތިހާބީ ކައުންސިލަރު ފާތިމަތު ޒަހިއްޔާ(ޒާޔާ) : ވިދާޅުވީ ފުލެޓްތަކަށް އަދިވެސް ކޭބަލްގެ ހިދުމަތް ނުލިބޭކަމަށާއި، މިއީ މި ސަރުކާރުން ރައްޔިތުންނަށް ކުރަމުންދާ ޖެއްސުމެއްކަމަށް،--/ފޮޓޯ، އެމްޑީޕީ

ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިމާރާތްކުރި އެފްޑީސީ ފުލެޓްތަކަށް އިންޓަނެޓާއި ކޭބަލް ޓީވީގެ ޚިދުމަތް ނުލިބޭ މައްސަލައިގައި، އެއީ މި ސަރުކާރުން ގަސްތުގައި ރައްޔިތުންނަށް ކުރާ ޖެއްސުމެއް ކަމަށް ހުޅުމާލޭ އުތުރު ދާއިރާގެ އިންތިޚާބީ ކައުންސިލަރު ފާތިމަތު ޒަހިއްޔާ ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ އިދާރާތަކުން ހުއްދަ ނުދިނުމުގެ ސަބަބުން ކިޔަވާ ކުދިންނަށް އިންޓަނެޓް ނުލިބި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ފުލެޓްތައް ކައިރީގައި ކުނި ގިނަވެ، ކުނި މެނޭޖްކުރުމުގައި ވެސް ކަމާބެހޭ ފަރާތްތަކުން އިހުމާލުވަމުންދާ ކަމަށް ޒާޔާ ތުހުމަތުކުރެއްވިއެވެ.

  • އެފްޑީސީ ފުލެޓްތަކަށް ކޭބަލް އަދި އިންޓަނެޓްގެ ޚިދުމަތް ލިބިފައިނުވޭ
  • ޒާޔާ ތުހުމަތުކުރައްވާ ގޮތުގައި މިއީ ކުރީ ސަރުކާރުގެ މަޝްރޫއަކަށް ވާތީ ކުރާ ޖެއްސުމެއް
  • ކުނި މެނޭޖްކުރުމުގައި ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އިހުމާލުވެފައި
  • އިންޓަނެޓް ނުލިބުމުގެ ސަބަބުން ކިޔަވާ ކުދިންނަށް ބޮޑެތި ދަތިތަކާ ދަނީ ކުރިމަތިވަމުން

ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން އެޅީ ފުލެޓްތަކަށް އަދިވެސް ކޭބަލްގެ ޚިދުމަތް ނުލިބޭކަމަށާއި، މިއީ މި ސަރުކާރުން ރައްޔިތުންނަށް ކުރަމުންދާ ޖެއްސުމެއްކަމަށް، ހުޅުމާލޭ އުތުރު ދާއިރާގެ އިންތިޚާބީ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި 4،000 ފުލެޓުގެ ތަޅުދަނޑި ހަވާލުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅެވެ. އެހާ ހިސާބުން ފެށިގެން ގިނަ ބަޔަކު ވަނީ އެ ފުލެޓުތަކަށް ބަދަލުވާން ފަށައިފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު، ޒާޔާ އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވިދާޅުވީ، އެ ފުލެޓްތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށް މިހާތަނަށް ވެސް ކޭބަލް އަޅައި ދީފައި ނުވާކަމަށެވެ.

ސަރުކާރުގެ ބައެއް އިދާރާތަކުން ހުއްދަ ނުދެއްވައިގެން ފައިބާ، ކޭބަލް ޓީވީގެ ޚިދުމަތާއި އިންޓަނެޓްގެ ޚިދުމަތް އަދިވެސް މިވަނީ ފޯރުކޮށް ނުދެވިފައި. މި ތަނުގައި ކޮލެޖްތަކުގައި ކިޔަވާ ކުދިން ވެސް އުޅޭއިރު، މިއީ އެ ކުދިންގެ ކިޔެވުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް. އިންޓަނެޓަކީ އެ ކުދިންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތަކަށް ވާއިރު، މިއަދާ ހަމައަށް ވެސް އެކަން ކޮށްނުދީ އޮތީ
އިންތިޚާބީ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ)

ޒާޔާ ވިދާޅުވީ، ދާދި ފަހުން މީހުން ދިރިއުޅެން ފެށި ފުލެޓްތަކުގައި ކޮންމެހެން ފުރިހަމަ ވާންޖެހޭ އިތުރު ކަންކަން ވެސް ފުރިހަމަ ނުވާ ކަމަށެވެ. އެގޮތުން، ކުނި މެނޭޖްކުރުމުގައި ވެސް ވަރަށް ބޮޑަށް އިހުމާލުވަމުން އަންނަ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޒާޔާ ވިދާޅުވީ އެ ފުލެޓްތަކަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ނުދީ، ސަރުކާރުގެ އިދާރާތަކުން ޖެއްސުން ކުރަމުންދާ އެންމެ ބޮޑު ސަބަބަކީ، އެއީ އެމްޑީޕީގެ ވެރިކަމުގައި އަޅައިދީފައިވާ ފުލެޓްތަކެއް ވާތީ ކަމަށެވެ.

އެފްޑީސީ ފުލެޓުތަކަށް މީހުން އަދިވެސް ބަދަލުވަމުން އަންނައިރު، އެ ޓަވަރުތައް ކައިރިއަށް ބޮޑެތި ކުނި އަޅައި، ގޮނޑުކުރާ މައްސަލަ ވަރަށް ބޮޑެވެ.

އެ މައްސަލައިގައި އެފްޑީސީން ވަނީ ކުނި ސާފު ކުރުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ، ކުނި އަޅާ މީހުން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. އަދި ބައެއް މީހުން މިހާރު ޖޫރިމަނާކޮށްފައިވާކަން އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

https://sun.mv/211940

ޞާލީޙްގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބޭ މީހުންގެ ފުރަތަމަ ލިސްޓު ނެރުނީ އެ ސަރުކާރުގެ އެންމެ ފަހު ދުވަސްތަކުގައެވެ.

އެ ލިސްޓުގައި މައްސަލަތައް އުޅޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެ. ފުލެޓު ދޫކުރުން ހުއްޓުވިއެވެ. މި ސަރުކާރުން އައިސް، އެ މައްސަލަ ބަލައި، އެއް އަހަރަށް ވުރެ ގިނަ ދުވަސް ފަހު އައު ލިސްޓެއް މި އަހަރު ނެރުނެވެ.

އެ ލިސްޓަށް ފާޑުކިޔުން އަމާޒުވި ފަހުން ހައުސިން މިނިސްޓްރީން ވަނީ ފުލެޓް ދޭނީ ކުރީގެ ލިސްޓަށްކަން އިއުލާންކޮށްފައެވެ.

comment ކޮމެންޓް