އިންޑިއާގެ ކުރީގެ ބަތަލާ ސްރީދޭވީ އަކީ 'އާއިލާއެއް ރޫޅާލި މީހެއް' ކަމަށް ބުނެ މީހުން ފާޑުކިޔާފައިވާ ކަމަށާއި، ދުނިޔޭގައި ހުރިއިރު މީހުން މަންމައަށް އޯގާތެރި ނޫން ކަމަށް ޖާންވީ ކަޕޫރު ބުނެފިއެވެ.
ސްރީދޭވީގެ ދޮށީ ދަރިފުޅު, ބަތަލާ ޖާންވީ ކަޕޫރު ދާދިފަހުން ވަނީ މަރުވެފައިވާ މަންމަގެ ހަޔާތާއި، މަންމަގެ ވަކިވުމުން އޭނާއަށް ކުރި އަސަރުތަކާ ބެހޭގޮތުން ވާހަކަދައްކާފައެވެ.
ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ޖާންވީ ކިޔައިދިން ގޮތުގައި، އޭނާގެ މަންމަ ދުނިޔޭގައި ހުރިއިރު ވަރަށް ބޮޑެތި ފާޑުކިޔުންތަކާއި އަޑުއަހަން ބޭނުންނުވި ވަރަށް ގިނަ ވާހަކަތަކެއް އަޑުއަހަން ޖެހުނެވެ. އެހެންނަމަވެސް އެ ހުރިހާ ކަމަކުންވެސް މަންމަ، ޖާންވީ އާއި ކޮއްކޮ ޚުޝީ ރައްކާތެރިކޮށްދިން ކަމަށް 29 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

ބޯނީ ކަޕޫރުގެ ދެ ކައިވެންޏަށް ލިބިފައިވާ ކުދިންނާ އެކު--ފޮޓޯ/ޕިންކްވިލާ
މަންމަ އަކީ އާއިލާ ރޫޅާލި މީހެއް ކަމަށް ބުނެ ވަރަށް އިހާނެތި ބަސްތައް މީހުން ރައްދުކޮށްފައިވާ ކަމަށާއި އެ މަންޒަރު ވަރަށް ގާތުން ޖާންވީ އާއި ޚުޝީއަށް ފެނިފައިވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
އެކަންކަމުގެ ސަބަބުން މަންމަގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރިއިރު އޭގެ ނޭދެވޭ އަސަރު ޖާންވީ އާއި ޚުޝީއަށް ވެސް ކުރި ކަމަށް ބަތަލާ ބުނެފައިވެއެވެ. ނަމަވެސް މަންމަ ދުނިޔެ ދޫކުރުމުން މަންމައަށް ލިބުނު ލޯބި އިންތިހާއަށް ބޮޑުވި ކަމަށާއި އެއީ ދުނިޔޭގެ އާދަކަމަށް ޖާންވީ ވަނީ ބުނެފައެވެ.
ޒުވާން އުމުރުގައި މަންމަ ވަކިވުމަކީ ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެއް ކަމަށް ވެސް އެ ބަތަލާ ހާމަކުރިއެވެ. މިހާތަނަށް ދިރިއުޅުމުގައި ކުރިމަތިވި އެންމެ ބޮޑު ހިތްދަތިކަމަކީ މަންމަ ވަކިވުން ކަމަށް ޖާންވީ ވަނީ ސިފަކޮށްފައެވެ. ހަމައެއާއެކު ޖާންވީ އާއި ޚުޝީއަށްވުރެ ބޮޑަށް ބައްޕަ ބޯނީ ކަޕޫރުގެ ދިރިއުޅުމަށް އައިސްފައިވާ ފަޅުކަން ބަޔާންކުރަންވެސް ދަތި ކަމަށް ޖާންވީ ވަނީ ބުނެފައެވެ.

އަރުޖުން ކަޕޫރު މަންމަ މޯނާ ޝޫރީއާ އެކު--ފޮޓޯ/ފިލްމުފެއަ
އިންޑިއާގެ ސިނަމާގެ އެންމެ ކާމިޔާބު އަންހެން ބަތަލާއިންގެތެރޭ ހިމެނުނު ސްރީދޭވީ އާއި ބޯނީ ކަޕޫރުގެ ލޯބީގެ ވާހަކަ އަކީ ބޮލީވުޑްގައި ވަރަށް ގަދައަށް ދެކެވުނު، އަދި އެހާމެ ގިނަ ބަހުސްތަކެއް އުފެދުނު ވާހަކައެކެވެ. މީގެ މައިގަނޑު ސަބަބަކީ، އެ ދެމީހުން ބައްދަލުވިއިރު ބޯނީ އަކީ ކައިވެންޏެއް ކޮށްގެން އުޅުނު މީހަކަށް ވުމެވެ.
ސްރީދޭވީއާ ބައްދަލުވިއިރު ބޯނީ އުޅުނީ މޯނާ ޝޫރީ ކަޕޫރާ ކައިވެނިކޮށްގެންނެވެ. އެ ކައިވެންޏަށް ދެ ކުދިން ކަމަށްވާ މިހާރުގެ އެކްޓަރު އަރުޖުން ކަޕޫރާއި އަންޝުލާ ކަޕޫރު ވަނީ ލިބިފައެވެ. އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ސްރީދޭވީ އާއި މޯނާ އަކީ ކުރިން ވަރަށް ގާތް ދެ އެކުވެރިންނެވެ.
ބޯނީ އޭނާގެ ލޯބި ހުށަހެޅުމުން ސްރީދޭވީއަށް ބޮޑު ސިހުމެއް ލިބި ގާތްގަނޑަކަށް 8 މަސް ދުވަސް ވަންދެން ބޯނީއާ ވާހަކަ ނުދައްކާ ސްރީދޭވީ ހުރިކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ނަމަވެސް، 1995 ވަނަ އަހަރު ސްރީދޭވީގެ މަންމަ ބަލިވި ދަނޑިވަޅުގައި ބޯނީ ފޯރުކޮށްދިން އެހީތެރިކަމާއި އަޅާލުމުގެ ސަބަބުން އެ ދެމީހުންގެ ގުޅުން ވަރުގަދަވިއެވެ. އެއަށްފަހު 1996 ވަނަ އަހަރުގެ ޖޫން މަހު ދެ މީހުންގެ ކައިވެނި ކުރެވުނީ ސިއްރިއްޔާތުގައެވެ.
ބޯނީ އޭނާގެ ފުރަތަމަ އަނބިމީހާ މޯނާއާ ވަކިވި ނަމަވެސް، ގާނޫނީ ގޮތުން ވަރިކޮށްފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ބޯނީގެ ފުރަތަމަ ކައިވެނީގެ ދަރިންނާއި ސްރީދޭވީއާ ދެމެދު އޮތް ގުޅުން ގޯސްވެ، ބޮޑެތި މައްސަލަތަކެއް އޭރު އުފެދުނެވެ.
ކެންސަރު ބަލީގައި 2012 ވަނަ އަހަރު މޯނާ މަރުވުމާ ގުޅިގެން އަރުޖުން އާއި އަންޝުލާގެ ދިރިއުޅުމަށް ބޮޑު ފަޅުކަމެއް ލިބި ބައްޕަ ބޯނީއާ އެކު އޮތް ގުޅުންވެސް ކަނޑާލި ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ. މި ގުޅުން ރަނގަޅުވާން ފެށީ 2018 ވަނަ އަހަރު ސްރީދޭވީ ދުނިޔެ ދޫކުރުމާ ގުޅިގެންނެވެ.