އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ކުއްލި ގޮތަކަށް ވަކިކޮށްފި: "ސަބަބެއް ނާންގާ"

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ކަމުގެ މަގާމުން އަޙްމަދު މަޢުރޫފް ވަކިކޮށްފި: އޭނާ ވިދާޅުވީ ސަބަބު ނާންގާ ކަމަށް --

އިދިކޮޅު އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އަހުމަދު މައުރޫފް ވަނީ ކުއްލި ގޮތަކަށް އެ މަގާމުން ވަކިކޮށްފައެވެ. އޭނާ މަގާމުން ވަކިކުރިކަން އަންގައި ޕާޓީން ފޮނުވި ސިޓީގައި ވަކިކުރި ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާވަނީ އެކަމުގެ ސަބަބު އޮޅުންފިލުވުމަށް ޕާޓީގައި އެދިވަޑައިގެންފައެވެ. މިއީ އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި ހިނގި ކަމެކެވެ.

  • އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ކަމުން އަހުމަދު މައުރޫފް ވަކިކުރުން.
  • މަގާމުން ވަކިކުރި ސަބަބު ޕާޓީން ހާމަކޮށްފައިނުވުން.
  • މި ފިޔަވަޅު އަޅާފައިވަނީ ޕާޓީގެ އެތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވަނިކޮށް.
  • ފަހުގެ އިންތިޚާބާ ގުޅޭ ގާނޫނީ ގިނަ މަސައްކަތްތަކެއް މައުރޫފް ވަނީ ކުރައްވާފައި.

އިދިކޮޅު އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ކަމުގެ މަގާމުން އަޙްމަދު މަޢުރޫފް، ކުއްލި ގޮތަކަށް ވަކިކޮށްފިއެވެ.

އެމްޑީޕީން މިއަދު މަޢުރޫފަށް ފޮނުވި ސިޓީއެއްގައި ބުނީ އެ މަގާމުން އޭނާ ވަކިކޮށްފައިވާ ކަމަށާއި، އެ މަގާމުގައި ހުރެ، ޕާޓީއަށް ކޮށްދެއްވި މަސައްކަތްތަކަށް ޕާޓީގެ ނަމުގައި ޝުކުރުއަދާކުރާ ކަމަށެވެ.

ނަމަވެސް އެ މަގާމުން ވަކިކުރި ސަބަބެއް ހާމައެއް ނުކުރެއެވެ.

އެކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން މަޢުރޫފް ވިދާޅުވީ ވަކިކުރި ސަބަބެއް ހާމަނުކުރާތީ، އެ ސަބަބެއް އަންގައިދިނުމަށް އެދި ޕާޓީގައި އެދިފައިވާނެ ކަމަށެވެ.

މަޢުރޫފް ވިދާޅުވި ގޮތުގައި އޭނާ މަގާމުން ވަކިކުރަން ޖެހޭ ވަކި ސަބަބެއް ޚުދު އޭނާއަށް ވެސް އެނގިވަޑައެއް ނުގަންނަވައެވެ. އޭނާ މަގާމުން ވަކިކުރިއިރު، މިފަހުން ވެސް އިންތިޚާބާ ގުޅިގެން ޕާޓީގެ ފަރާތުން ލީގަލީ ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމާއި، ކޮމްޕްލެއިންސް ބިއުރޯއަށް އެމްޑީޕީން ހުށަހަޅާ މައްސަލަތަކުގެ މަސައްކަތް ވެސް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މަޢުރޫފް މަގާމުން ވަކިކޮށްފައި މިވަނީ އެމްޑީޕީގެ އެތެރެ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ނުދެއްވާތީ ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ އެ ޖަލްސާ ބޮއިކޮޓްކުރައްވާފައެވެ.

އެ ޖަލްސާ ފެށުނު އިރު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާގެ މެދުގައި ހުރީ ހުސް ގޮނޑިއެކެވެ. ނަމަވެސް ޖަލްސާ ފަށައި ކުޑައިރުކޮޅެއް ތެރޭ، އެ ގޮނޑި ވަނީ ނަގައިފައެވެ.

https://sun.mv/220248

އެކަމާ ގުޅިގެން ސުވާލުކުރުމުން މަޢުރޫފް ވިދާޅުވީ، ޕާޓީގެ އެތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާހުރެ، އެފަދަ މައްސަލައެއްގައި އޭނާ ވަކިކުރުން ވެސް އެކަށީގެންވާ ކަމަށެވެ. ނަމަވެސް އެއީ އޭނާ ވަކިކުރަންޖެހޭ ސަބަބެއް ކަމުގައި ދެކެވަޑައިނުގަންނަވަނީ އޭނާއަކީ ޓެކްނިކަލް މަސައްކަތްތަކެއް ކުރާ މީހަކަށްވުމުން ކަމަށް މަޢުރޫފް ވިދާޅުވިއެވެ.

އެމްޑީޕީގެ ބައެއް މެންބަރުން ބުނާ ގޮތުގައި، އެ ޕާޓީއަށް ކައުންސިލް އިންތިޚާބުގައި ބޮޑު ކާމިޔާބެއް ލިބުނީ ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ޕާޓީން ކުރި މަސައްކަތުންނެވެ.

އެމްޑީޕީގެ އެތެރޭގައި ހިތްހަމަނުޖެހުންތަކެއް އުފެދުނިއިރު، މީގެ ކުރިން ރައީސް ޞާލިހުގެ ސަރުކާރުގައި ވެސް އެމްޑީޕީގެ ތެރޭގައި ހަމަނުޖެހުން އުފެދި ޕާޓީ ބައިވިއެވެ. އޭރު ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެން، ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވިއެވެ. ނަމަވެސް، މި ފަހުން އެ މެންބަރުން އެމްޑީޕީއާ ގުޅިވަޑައިގެން، ކައުންސިލް އިންތިޚާބުގެ ކެމްޕެއިންއަށް ނަޝީދާއި ފައްޔާޒުގެ އިތުރަށް ޝާހިދު ވެސް ރަށްތަކަށް ވަޑައިގެން އުޅުއްވިއެވެ.

comment ކޮމެންޓް