ނަޔަންތާރާއަށް ސަލްމާނާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެ

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން އަދި ދެކުނު އިންޑިއާގެ ބަތަލާ ނަޔަންތާރާ--ފޮޓޯ/ޕިންކްވިލާ

ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން އާއި ދެކުނު އިންޑިއާގެ ކާމިޔާބު ބަތަލާ ނަޔަންތާރާ ފުރަތަމަ ފަހަރަށް އެކީގައި ފިލްމެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ޑައިރެކްޓަރު ވަމްޝީ ޕައިޑިޕަލީ އުފައްދާ އަދި ދިލް ރާޖޫ ޕްރޮޑިއުސްކުރާ މި އެކްޝަން ޑްރާމާ ރިލީޒްކުރުމަށް ތާވަލުކުރެވިފައިވަނީ 2027 ވަނަ އަހަރުގެ ފިތުރު އީދަށެވެ. މިއީ ޝާހްރުކް ޚާންއާއެކު ކުޅުނު ކާމިޔާބު ފިލްމު ޖަވާން އަށްފަހު ނަޔަންތާރާ ކުޅޭ ދެވަނަ ހިންދީ ފިލްމެވެ. މި ފިލްމުގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތްތައް ކުރިއަށްދާއިރު، އަންނަ އޭޕްރީލް މަހު ޝޫޓިންގ ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު މާތުރަބޫމީ މި އަހަރުގެ އޮގަސްޓް މަހު ނެރުމަށް ވަނީ ފަސްކުރެވިފައެވެ.

  • ސަލްމާން ޚާން އާއި ނަޔަންތާރާ ފުރަތަމަ ފަހަރަށް އެކީގައި ފިލްމަކުން ފެނިގެންދާނެއެވެ.
  • މި ފިލްމަކީ ޑައިރެކްޓަރު ވަމްޝީ ޕައިޑިޕަލީގެ ވަރުގަދަ އެކްޝަން ޑްރާމާއެކެވެ.
  • ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ފިތުރު އީދުގައެވެ.
  • މިއީ ނަޔަންތާރާ ކުޅޭ ދެވަނަ ބޮލީވުޑް ފިލްމެވެ.
  • ސަލްމާންގެ ފިލްމު މާތުރަބޫމީ ނެރުން ވަނީ އޮގަސްޓް މަހަށް ފަސްކޮށްފައެވެ.

ބޮލީވުޑްގެ ކާމިޔާބު އަދި ނުފޫޒުގަދަ ފިލްމީ ތަރިންގެތެރޭ ހިމެނޭ ސަލްމާން ޚާން އާއި ދެކުނު އިންޑިއާގެ އެންމެ ކާމިޔާބު ބަތަލާއިންގެތެރޭ ހިމެނޭ ނަޔަންތާރާ ފުރަތަމަ ފަހަރަށް އެކީގައި ފިލްމަކުން ފެންނާނެކަން ކަށަވަރުވެއްޖެއެވެ.

ނޭޝަނަލް އެވޯޑް ހާސިލްކޮށްފައިވާ ޑައިރެކްޓަރު ވަމްޝީ ޕައިޑިޕަލީ އުފައްދާ މި ފިލްމަކީ ވަރުގަދަ އެކްޝަން ޑްރާމާއެކެވެ. ލޯބީގެ ރަހަތަކާ އެކު ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ދައްކުވައިދޭނެ މި ފިލްމުގެ ޕްރޮޑިއުސަރަކީ ދިލް ރާޖޫއެވެ.

ފިލްމީ ޚަބަރުތައް ދިރާސާކުރާ ތަރަން އަދާރްޝް މިކަން ކަށަވަރުކޮށްދީފައިވާއިރު، "ބޮލީވުޑް ހަންގާމާ"އިން ރިޕޯޓްކުރާ ގޮތުގައި މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ 2027 ވަނަ އަހަރުގެ ފިތުރު އީދަށެވެ.

ބޮލީވުޑްހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، 2027ގެ އީދަށް ފިލްމު ތައްޔާރުކުރުމަށްޓަކައި ސަލްމާން އާއި ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަންނަނީ ޝޫޓިންގް ތާވަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ.

ފިލްމު "މާތުރަބޫމީ"ގެ މަންޒަރުތަކެއް--ފޮޓޯ/ފިލްމުފެއަ

މި ފިލްމަކީ ސަލްމާންގެ ސަޕޯޓަރުން ބޭނުންވާ ފަދަ ހުރިހާ ރަހަތަކެއް ހިމެނޭ "ކޮމާޝަލް އެންޓަޓެއިނައެއް"ގެ ގޮތުގައިތަރަން ވަނީ ފިލްމު ސިފަކޮށްފައެވެ. ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާއިރު، އަންނަ އޭޕްރީލް މަހު ޝޫޓިންގ ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

މިއީ ޝާހްރުކް ޚާންއާ އެކު ފިލްމު "ޖަވާން"އިން ބޮލީވުޑަށް ތައާރަފްވި ނަޔަންތާރާގެ ދެވަނަ ހިންދީ ފިލްމެވެ. މިއާއެކު ނަޔަންތާރާ އަކީ ބޮލީވުޑްގެ ދެ ސުޕަސްޓާރުންނާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު މަދު ސައުތު ބަތަލާއިންގެ ތެރެއިން އެކަކެވެ.

ސަލްމާން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނެ ފިލްމަކީ މި މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރާނެކަން ކުރިން އިއުލާނުކުރި ޑައިރެކްޓަރު އަޕޫރްވާ ލާކިއާގެ "މާތުރަބޫމީ"އިންނެވެ. ނަމަވެސް މި ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚު މިހާރު ފަސްކުރެވިފައިވާއިރު ބައެއް ރިޕޯޓުތަކުން ބުނެފައި ވަނީ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ މި އަހަރުގެ އޮގަސްޓް މަހުތެރޭ ކަމަށެވެ.

comment ކޮމެންޓް