އިންޑިއާގެ މަގުބޫލު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ނާރުގެ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަކަން ހާމަކޮށްފިއެވެ.
ސޯނޫގެ ސިއްހީ ހާލަތާ ގުޅޭގޮތުން އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ލަވަކިޔުންތެރިޔާ ބުނީ، ހަށިގަނޑުގެ ނާރެއް ފިތިގެން ދިމާވެފައިވާ ދަތިތަކާއި އަދި ކަރުތެރޭގެ އުނދަގޫތަކަކާ ކުރިމަތިލަމުންދާ ކަމަށެވެ. ފާއިތުވި ހަފްތާގެ ގިނަ ވަގުތު ހުސްކުރީ އެމް.އާރް.އައި އާއި ސީ.ޓީ ސްކޭންތަކާއި ފިޒިއޮތެރަޕީ ހަދައި ބައްޔަށް އެކަށީގެންވާ ފަރުވާ ހޯދުމަށް ކަމަށް ސޯނޫ ވަނީ ބުނެފައެވެ.
ސޯނޫ ބުނި ގޮތުގައި ފަރުވާގެ ބައެއްގެ ގޮތުގައި ދީފައިވާ މަސްލް-ރިލެކްސަންޓް ބޭސްތަކުގެ ސަބަބުން އޭނާގެ ކަރުތެރެއަށް ވަނީ އަސަރުކޮށްފައެވެ.
މިއީ ކުރިއަށް އޮތް ޝޯތަކަށް ތައްޔާރުވަމުންދާ ލަވަކިޔުންތެރިއަކަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެހެންނަމަވެސް، މި ސިއްހީ މައްސަލައާއެކުވެސް މި މަހުގެ ފަހުކޮޅު މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝޯގައި ބައިވެރިވާނެ ކަމަށް ސޯނޫ ވަނީ ބުނެފައެވެ.
ގާތްގަނޑަކަށް ހަ ހަފުތާގެ މެދުކެނޑުމަކަށްފަހު އެނބުރި ސްޓޭޖަށް އަންނަ މި ޝޯ ކެންސަލް ނުކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާކަމުގެ ޔަގީންކަން ސޯނޫ ވަނީ ސަޕޯޓަރުންނަށް ދީފައެވެ.

ސޯނޫ ވަނީ މިހާރު ތަހައްމަލު ކުރަމުން އަންނަ ނާރުގެ ބައްޔާ ގުޅޭގޮތުން އިންސްޓަގްރާމްގައި ސަޕޯޓަރުންނާ މައުލޫމާތު ހިއްސާކޮށްފައި--ފޮޓޯ/އެންޑީޓީވީ
މި އަހަރުގެ ކުރީކޮޅު، މުޅި އިންޑިއާއަށް އަމާޒުކޮށްގެން ބޭއްވި ދަތުރުގެ ތެރެއިން، އުމުރުން 52 އަހަރުގެ ސޯނޫ ވަނީ އޭނާގެ ކަސްރަތު ކުރުމުގެ އާދަތައް ވެސް ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ.
އޭގެ ތެރޭގައި ޔޯގާ އާއި، ރެސިސްޓަންސް ޓްރެއިނިންގް އަދި ރޯވިންގް މެޝިން ފަދަ ތަފާތު ކަސްރަތުތައް ހިމެނެއެވެ. އޭނާގެ "ސަތުރަންގީ ޓުއާ" ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން އަންނަ އޯގަސްޓް މަހުން ފެށިގެން އަބޫދާބީ، ލަންޑަން، ލޮސް އެންޖެލިސް، ނިއު ޖާޒީ އަދި ޓޮރޮންޓޯ ފަދަ ސިޓީތަކުގައި ސޯނޫގެ ޝޯތައް ކުރިއަށްދާނެއެވެ.
ސޯނޫގެ މިއުޒިކީ ކެރިއަރު ފެށުނީ 1990ގެ އަހަރުތަކުގައެވެ. ކުރީގެ މިއުޒިކް ޕްރޮޑިއުސަރު ގުލްޝަން ކުމާރު ދިން ފުރުސަތާ އެކު ސޯނޫއަށް ބޮޑު މަގުބޫލުކަމެއް ލިބުނީ 1995 ވަނަ އަހަރު ގެނެސްދިން ރިއަލިޓީ ޝޯ "ސާ ރޭ ގާ މާ" ހުށަހަޅައިދޭން ފެށުމުންނެވެ.
ހިންދީ ފިލްމެއްގައި ސޯނޫ އެންމެ ފުރަތަމަ ލަވަކިޔާފައިވަނީ 1993 ވަނަ އަހަރުގެ ފިލްމު "އާޖާ މޭރީ ޖާން"ގެ "އޯ އާސްމާން ވާލޭ" އެވެ. މިއުޒިކީ ދިގު ކެރިއަރުގައި ސޯނޫ ވަނީ އެކި ބަސްބަހުން 5،000 އަށްވުރެ ގިނަ ލަވަ ރެކޯޑުކޮށްފައެވެ.
ސޯނޫއަށް ވަނީ 2003 ވަނަ އަހަރުގެ ފިލްމު "ކަލް ހޯ ނާ ހޯ"ގެ ޓައިޓަލް ލަވައިން އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ ނޭޝަނަލް ފިލްމު އެވޯޑުވެސް ލިބިފައެވެ.