ދެކުނު އިންޑިއާގެ މަގުބޫލު ޑައިރެކްޓަރު ނާގް އަޝްވިން 2024 ވަނަ އަހަރު ގެނެސްދިން ފިލްމު "ކަލްކީ 2898 އޭޑީ"ގެ ދެވަނަ ބައިގެ ރޯލަކަށް ބަތަލާ އާލިއާ ބަޓް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ފިލްމީ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، ނާގް އަޝްވިންގެ މި އުންމީދީ ސައިންސް ފިކްޝަން ފިލްމުގެ ފަސް ދުވަހުގެ ޝެޑިއުލްއެއް އާލިއާ ވަނީ މިހާރުވެސް ފުރިހަމަކޮށްފައެވެ.
ބޮޑު މަގުބޫލުކަމެއް ހޯދި "ކަލްކީ 2898 އޭޑީ"ގެ ސީކުއަލް ނުވަތަ "ކަލްކީ 2"ގެ ކާސްޓާ އާލިއާ ރަސްމީކޮށް ގުޅިފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފައިވާއިރު، 2024ގެ ފިލްމުގެ މުހިއްމު ރޯލެއް ކުޅުނު ދީޕިކާ ޕަދުކޯންގެ ކެރެކްޓަރަށް ދެން ވާނެ ގޮތަކާ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
ފީގެ މައްސަލައެއްގައި ދީޕިކާއާ އެކު ފިލްމުގެ ޓީމަށް އެއްބަސްވުމަކަށް ނާދެވުމާ ގުޅިގެން ބަތަލާ ވަނީ ފިލްމުގައި ހިއްސާ ނުވާން ނިންމާ އެކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ.

2024ގެ ފިލްމު "ކަލްކީ"ގެ މަންޒަރެއްގައި ދީޕިކާ ޕަދުކޯން--ފޮޓޯ/ބޮލީވުޑްހަންގާމާ
ފަހުގެ ރިޕޯޓްތަކުން ބުނެފައިވާ ގޮތުގައި "ކަލްކީ 2"އިން އާލިއާ ފެންނާނީ ވަރަށް މުހިންމު ރޯލަކުންނެވެ. އާލިއާ ކުޅޭނެ ކެރެކްޓާއާ ބެހޭ އެއްވެސް ތަފްސީލެއް ފިލްމުގެ ޓީމުން އަދި ހާމަކޮށްފައި ނުވި ނަމަވެސް، ބަތަލާގެ ރޯލަކީ ފިލްމުގެ ވާހަކައިގެ މައިގަނޑު އަސާސާ ގުޅިފައިވާ ވަރަށް މުހިންމު ރޯލެއް ކަމަށް ފިލްމީ ޚަބަރުތަކުން ބުނެއެވެ.
ބެލުންތެރިންގެ މެދުގައި ބޮޑޫ މަގުބޫލުކަމެއް ލިބި ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދި "ކަލްކީ"ގެ ދެވަނަ ފިލްމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ފިލްމު ރިލީޒްކުރުމަށް އަމާޒު ހިފާފައިވަނީ 2027 ވަނަ އަހަރުގެ ފަހުކޮޅަށެވެ.
ފުރަތަމަ ބައިގައި ޕްރަބާސް، އަމީތާބް ބައްޗަން، ކަމަލް ހަސަން، ދީޕިކާ ޕަދުކޯން، ޝޯބަނާ އަދި ދިޝާ ޕަޓާނީ ފަދަ މަޝްހޫރު ތަރިން ފެނިގެން ގޮސްފައިވެއެވެ.
މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ މީގެ އެތައް ގަރުނެއް ކުރިން ކާޝީގައި ހިނގާ ހާދިސާތަކެއްގެ މައްޗަށެވެ. މީގައި ދައްކުވައިދެނީ "ކަލްކީ"އަށް ބަނޑުބޮޑުވެފައިވާ ސުމަތީ ރައްކާތެރިކުރުމަށް ބަޔަކު ކުރާ މަސައްކަތެވެ.
ހިންދޫ ކަލްކީ ސިނަމެޓިކް ޔުނިވާސްގެ ބިންގާ އެޅި މި ފިލްމު ނިމިގެންދިޔައީ، ބޮޑު ސީކުއަލްއަކަށް މަގުފަހިވާނެ ފަދަ ގިނަ ސުވާލުތަކެއް އުފައްދާފައެވެ.